ކ. މާލެ
|
7 އޮކްޓޯބަރ 2017 | ހޮނިހިރު 10:39
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ގޮވާލާ ސޫދާންގެ ވެރިރަށް ޚަރްތޫމްގައި ހުންނަ އެމެރިކާގެ އެމްބަސީ ބޭރުގައި 2015 ވަނަ އަހަރުގެ ސެމްޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު މުޒާހަރާ ކުރަނީ
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ގޮވާލާ ސޫދާންގެ ވެރިރަށް ޚަރްތޫމްގައި ހުންނަ އެމެރިކާގެ އެމްބަސީ ބޭރުގައި 2015 ވަނަ އަހަރުގެ ސެމްޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު މުޒާހަރާ ކުރަނީ
އޭއެފްޕީ
ސޫދާން
ސޫދާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެމެރިކާ އިން ނިންމައިފި
އެމެރިކާ އިން ސޫދާނާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަަނީ 1997 ވަނަ އަހަރު
އިޤްތިޞާދީ އަދި ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތައް މިމަހުގެ 12 ވަނަ ދުވަހު އުވާލާނެ

އެމެރިކާ އިން ދެކުނު ސޫދާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް 20 އަހަރަށްފަހު އުވާލުމަށް އެމެރިކާ އިން ނިންމައިފި އެވެ.

އެމެރިކާ އިން ސޫދާނާއި ދެކޮޅަށް 1997 ވަނަ އަހަރުން ފެށިގެން އަޅާފައިވާ އިޤްތިޞާދީ އަދި ވިޔަފާރީގެ ދަތި ކުރުމުގެ ފިޔަވަޅު އުވާލިކަން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އިޢުލާންކުރީ ހުކުރު ދުވަހު އެވެ.

އެމެރިކާގެ ޚާރިޖިއްޔާ އިން ހުކުރު ދުވަހު ނެރުނު ބަޔާނުގައި ވަނީ، އެފިޔަވަޅުތައް އުވާލުމަށް ނިންމާފައިވަނީ ސޫދާނުގައި ހަމަނުޖެހުން ހިނގާ ސަރަޙައްދުތަކުގައި އާއްމުންނަށް ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި، ސޫދާނުގެ ތެރެއިން އިންސާނީ އެހީ ފޯރުވައި ދިނުމުގެ ފުރުޞަތުތައް ފަހިވުމާއި، ސަރަޙައްދީ މައްސަލަތަކާއި ޓެރަރިޒަމާއި ގުޅޭ މައްސަލަތަކުގައި އެމެރިކާ އަށް އެއްބާރުލުން ދެމުން ގެންދާތީ ކަމަށެވެ.

ޚާރިޖިއްޔާގެ މި ބަޔާނުގައިވާ ގޮތުން ސޫދާނާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލާނީ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ.

އެޤައުމާއި ދެކޮޅަށް އަޅާފައިވާ އިޤްތިޞާދީ އަދި ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅު އުވާލިނަމަވެސް، ދަތިކުރުމުގެ އެހެން ފިޔަވަޅުތައް އުވާލާފައެއްނުވެއެވެ. އެމެރިކާ އިން އެކުލަވާލާފައިވާ ޓެރަރިޒަމަށް ޚަރަދުކުރާ ޤައުމުތަކުގެ ލިސްޓުން ސޫދާން އުނިކޮށްފައިނުވާއިރު، އޭގެ ސަބަބުން ހަތިޔާރު ވިއްކުމާއި މާލީ އެހީ ފޯރުކޮށްދިނުން މަނާވެފައި އޮތް އޮތުން ނިމުމަކަށް ނާދެއެވެ.

ސޫދާނުން ވަނީ 20 އަހަރަށްފަހު އެމެރިކާގެ އިޤްތިޞާދީ އަދި ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅު އުވާލުމަށް ނިންމި ނިންމުމަށް މަރުހަބާ ކިޔާފައެވެ. އަދި އެއީ ރަނގަޅު ނިންމުމެއްކަން ފާހަގަ ކުރަމުން، ސޫދާނުން ވަނީ ޓެރަރިޒަމަށް ޚަރަދުކުރާ ޤައުމުތަކުގެ ލިސްޓުން އުނިކޮށް، އެޤައުމާއި ދެކޮޅަށް އަޅާފައިވާ އިތުރު ފިޔަވަޅުތައް އުވާލުމަށް ގޮވާލާފައެވެ.

ސޫދާން ޚާރިޖިއްޔާ އިން ނެރުނު ބަޔާނުގައި ވަނީ، އެމެރިކާގެ "ތާރީޚީ" ނިންމުމާއެކު ބައިނަލްއަޤްވާމީ ޞުލްޙަ އާއި ރައްކާތެރިކަމާއި، ޤާނޫނާއި ޚިލާފަށް އެތެރެވާ ފަރާތްތަކާއި، ހިއުމަން ޓްރެފިކިން އަދި ޓެރަރިޒަމާއި ދެކޮޅަށް ކުރާ ހަނގުރާމާގައި އެމެރިކާ އަށް އެއްބާރުލުން ދިނުމުގައި އިތުރަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.

އަދި އެމެރިކާ އިން އެކުލަވާލާފައިވާ ޓެރަރިޒަމަށް ޚަރަދުކުރާ ޤައުމުތަކުގެ ލިސްޓުގައި ސޫދާން ހިމެނެންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، އެހެން ޤައުމުތަކާއެކު އެމެރިކާ އާދެމެދު އޮންނަ ފަދަ ގުޅުމެއް ޤާއިމް ކުރަން ބޭނުންވާ ކަމަށް ސޫދާންގެ ޚާރިޖިއްޔާގެ ބަޔާނުގައިވެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ސޫދާނާއި ދެކޮޅަށް އަޅާފައިވާ އިޤްތިޞާދީ އަދި ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ނިންމީ، އެމެރިކާ ސަރުކާރާއެކު ފާއިތުވި 16 މަސް ދުވަހުގެ ތެރޭގައި ބޭއްވި ޑިޕްލޮމެޓިކް ވާހަކަތަކަށްފަހު އެވެ.

ސޫދާނުން އެމެރިކާ އާއެކު ޑިޕްލޮމެޓިކް މަޝްވަރާތައް ފަށާފައިވަނީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ދައުރުގެ ފަހުކޮޅުގައެވެ. ރިޔާސީ ދެވަނަ ދައުރު ނިންމަވާލެއްވުމަށްފަހު މިދިޔަ ޖެނުއަރީ މަހު ވެރިކަމުން ފައިބާވަޑައިގަތުމުގެ ކުރިން އޮބާމާ ވަނީ، ސޫދާނާއި ދެކޮޅަށް އަޅާފައިވާ ބައެއް ފިޔަވަޅުތައް ވަގުތީ ގޮތުން އުވާލާފައެވެ.

އޮބާމާގެ ސަރުކާރުން އޭރު ބުނީ، ސޫދާނުގެ ދެކުނުގެ ނުބާގެ ފަރުބަދަމަތީ ސަރަޙައްދުގައި ހަމަޖެހުން ބޮޑު ނަމަވެސް، އެޤައުމުގެ ހުޅަނގުގެ ޕްރޮވިންސެއް ކަމަށްވާ ދާފޫރު ފަދަ ސަރަޙައްދުތަކުގައި ހަމަޖެހުން ގާއިމް ކުރެވިގެންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް