އާދަޔާ ޚިލާފަށް ބުރަކޮށް މަސައްކަތް ކުރުވުމާއި ގުޅިގެން ޖަޕާނުގެ ޤައުމީ ޓީވީ އެންއެޗްކޭގައި މަސައްކަތްކުރި ނޫސްވެރިޔަކު މަރުވި މައްސަލަ އެއް ފެންމަތިވެއްޖެ އެވެ.
ޖަޕާނުގެ ޕަބްލިކް ބްރޯޑްކާސްޓަރ އެންއެޗްކޭ އިން ވަނީ، އެއް މަހުގެ ތެރޭގައި 159 ގަޑިއިރު އިތުރުގަޑީގެ ގޮތުގައި މަސައްކަތް ކުރުމަށްފަހު ހިތް ހުއްޓިގެން މަރުވި، 31 އަހަރުގެ ނޫސްވެރިޔާ މިވާ ސާޑޯގެ އާޢިލާގެ ކިބައިން ހުކުރު ދުވަހު މަޢާފަށް އެދިފައެވެ.
މިވާ ސާޑޯ އަކީ އެންއެޗްކޭ އަށް ޖަޕާނުގެ ޓޯކިޔޯގެ ސިޔާސީ މަޝްރަޚާއި ގުޅޭ ޚަބަރުތައް ގެނެސްދިނުމަށް މަސައްކަތް ކުރި ނޫސްވެރިޔެކެވެ. އޭނާގެ އެނދުގައި މަރުވެފައި އޮތްވާ ފެނިފައިވަނީ 2013 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
ޖަޕާނުގެ ސަރުކާރުން ސާޑޯގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށްފަހު އޭނާ މަރުވިތާ އެއް އަހަރު ފަހުން ވަނީ، އޭނާގެ މަރާއި އާދަޔާޚިލާފަށް ބުރަކޮށް އިތުރުގަޑީގެ މަސައްކަތް ކުރުމާއި ގުޅުމެއް ވާކަން ހާމަކޮށްފައެވެ. އޭނާ މަރުވި މަހުގައި މަސައްކަތުގެ ތެރެއިން އޮފް ދުވަސް ނަގާފައިވަނީ އެންމެ ދެ ދުވަހު ކަމަށް ސަރުކާރުގެ ތަހުގީގަށްފަހު ހާމަކޮށްފައި ވެއެވެ.
ސާޑޯގެ މަރުގެ މައްސަލަ އަށްފަހު، އޭނާގެ އާޢިލާއިން ވަނީ އެފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އެޅުމަށް އެންއެޗްކޭ އަށް ގޮވާލާފައެވެ. އާޢިލާގެ ޕްރެޝަރަށްފަހު، އެންއެޗްކޭ އިން މިމައްސަލަ އާއްމުކޮށްފައިވަނީ ސާޑޯގެ މަރަށް ހަތަރު އަހަރު ވެފައިވަނިކޮށެވެ.
ޖަޕާނުގައި ބުރަ މަސައްކަތުގެ ސަބަބުން މަރުވާ މީހުންގެ އުޅެނީ ނިސްބަތް އެހެން ޤައުމުތަކާއި އަޅާ ބަލާއިރު ނިސްބަތުން ވަރަށް މަތީގައެވެ. "ކަރޯޝީ"ގެ ނަމުން ޖަޕާނުގައި މަޝްހޫރު މިމައްސަލަ، ސާޑޯގެ މަރާއި ގުޅިގެން އެޤައުމުގެ ފަލަސުރުޚީތަކަށް އަރާފައިވާއިރު، މިއީ އެންއެޗްކޭ އަށް ލަދުވެތި ޚަބަރެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެންއެޗްކޭ އަކީ ޖަޕާނުގައި މަސައްކަތުގެ ވަގުތު ދިގުވުމުގެ ސަގާފަތާއި ދެކޮޅަށް އެންމެ ވަރުގަދަ އަށް ކެމްޕެއިން ކުރި އެއް މީޑީއާ އެވެ.
ސާޑޯގެ މަރުގެ މައްސަލަ އަކީ މުޅި ޤައުމަށް ޝޮކެއް ލިބިގެންދިޔަ ހާދިސާއެއްގެ ގޮތުގައި މީޑިއާ ތަކުން ސިފަކުރެއެވެ. އެންއެޗްކޭ އަކީ ޖަޕާނުގެ އެހެން ކުންފުނިތަކުގައި މަސައްކަތުގެ މާހައުލާއި ގުޅިގެން މަރުވާ މީހުންގެ ޚަބަރުތައް އެންމެ ބޮޑަށް ގެނެސްދޭ މީޑިއާ އެވެ. އޭގެ ތެރޭގައި ޖަޕާނުގެ އިސްތިހާރު ކުރުމުގެ ޚިދުމަތްދޭ އޭޖެންސީ އެއް ކަމަށްވާ ޑެންޓްސޫގައި މަސައްކަތްކުރި ޒުވާން އަންހެނަކު އަމިއްލަ އަށް މަރުވި މައްސަލަ ހިމެނެއެވެ. އޭނާ މަރުވީ އެއް މަސް ދުވަހުގެ ތެރޭގައި އިތުރުގަޑީގެ ގޮތުގައި 100 ގަޑިއިރުގެ މަސައްކަތް ކުރުމަށްފަހު އެވެ.
ސާޑޯ ވަނީ 2013 ވަނަ އަހަރުގެ ޖޫން މަހު ޖަޕާނުގައި ބޭއްވި ޓޯކިއޯ އެސެމްބްލީގެ އިންތިޚާބާއި، ޖުލައި މަހު ބޭއްވި އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ ވޯޓާއި ގުޅޭ ޚަބަރުތައް ކަވަރުކޮށްދީފައެވެ. އޭނާ މަރުވެފައިވަނީ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ނިމުނުތާ ތިން ދުވަސް ފަހުންނެވެ.
ސާޑޯގެ މަރުގެ މައްސަލާގައި ވާހަކަ ދައްކަވަމުން އެންއެޗްކޭގެ ރައީސް ވަނީ ސާޑޯ ވަނީ އެކުންފުނީގެ މަސައްކަތުގެ މާހައުލު ރަނގަޅު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ޖަޕާނުގެ ލޭބަރ މިނިސްޓަރ ވެސް އެންއެޗްއޭގެ މަސައްކަތުގެ ގަޑި ކުޑަ ކުރުމަށާއި، އެފަދަ ހާދިސާތައް ތަކުރާރު ނުވާނޭ ގޮތަކަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައިވެއެވެ.
ޓޯކިއޯގެ ކޯޓަކުން ހުކުރު ދުވަހު ވަނީ ޤާނޫނާއި ޤަވާއިދާއި ޚިލާފަށް މުވައްޒަފުން ލައްވާ އިތުރުގަޑީގައި މަސައްކަތް ކުރުވާ މައްސަލާގައި ފަސް ލައްކަ ޔެން (4430 ޑޮލަރު) އިން ޖޫރިމަނާ ކޮށްފައެވެ.
މީގެ އިތުރުން ޓޯކިއޯ އޮލިމްޕިކް ސްޓޭޑިއަމްގެ މަސައްކަތުގައި އުޅުނު 23 އަހަރުގެ މީހަކު އަމިއްލަ އަށް މަރުވި މައްސަލައެއްވެސް ފެންމަތިވެފައިވެއެވެ. އޭނާ މަސައްކަތްކުރި ކޮންސްޓްރަކްޝަން ކުންފުނިންވެސް އެއް މަސް ދުވަހުގެ ތެރޭގައި އިތުރުގަޑީގެ ގޮތުގައި 200 ގަޑިއިރު މަސައްކަތް ކުރުވާފައިވެއެވެ.
"ކަރޯޝީ"ގެ ހާދިސާތަކާއި ގުޅިގެން ޖަޕާނު ސަރުކާރުން ކުރި ތަހުގީގަށްފަހު، ހުކުރު ދުވަހު އާއްމުކުރި ރިޕޯޓްގައި ވާ ގޮތުން މިއަހަރުގެ މާޗް މަހުގެ ނިޔަލަށް މަސައްކަތް ބުރަވުމުގެ ސަބަބުން ހިނގާފައިވާ މަރުގެ މައްސަލަތަކުގެ އަދަދު 191 އަށް އަރައެވެ. މީގެ އިތުރުން، ޖަޕާނުގައި މަސައްކަތްކުރާ އާބާދީގެ 7.7 އިންސައްތަ މީހުން ލައްވައި ހަފްތާ އަކު އިތުރުގަޑީގެ ގޮތުގައި 20 ގަޑިއިރަށްވުރެ މަސައްކަތް ކުރުވާ ކަމަށް އެރިޕޯޓްގައި ވެއެވެ.
މިމައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން ޖަޕާން ސަރުކާރުން މިދިޔަ މޭ މަހު ވަނީ، ފުރަތަމަ ފަހަރަށް އެޤައުމުގެ ކުންފުނިތަކުގެ ބްލެކްލިސްޓެއް އެކުލަވާލާފައެވެ. މަސައްކަތު މީހުންގެ ޤާނޫނާއި ޤަވާއިދާ ޚިލާފަށް މުވައްޒަފުން ލައްވާ މަސައްކަތް ކުރުވާ ކުންފުނިތައް ލަދުގަންނަވާލުމަށް އެކުލަވާލި މިލިސްޓްގައި ހިމަނާފައިވާ 300 އަށް ވުރެ ގިނަ ކުންފުނިތަކުގެ ތެރޭގައި ޑެންޓްސޫ އާއި މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި ޕެނަސޮނިކްގެ ގޮތްޕެއް ހިމެނެއެވެ.
މީގެ އިތުރުން މިދިޔަ ފެބްރުއަރީ މަހު ޖަޕާނުން ވަނީ "ޕްރިމިއަމް ފްރައިޑޭ"ގެ ގޮތުގައި ކޮންމެ މަހެއްގެ އެންމެ ފަހު ހުކުރު ދުވަހު އަވަހަށް މަސައްކަތް ނިންމާލުމަށް އެޤައުމުގެ މަސައްކަތްތެރިންނަށް ބާރު އެޅުމުގެ ގޮތުން ކެމްޕޭނެއް ފަށާފައެވެ.