ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވެފައިވާ ސައުދީ-ކޯލީޝަނުން އެޤައުމުގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިން މަރުވެ، ކުޑަކުދިން ޒަޚަމްވަމުންދާތީ، އދ. އިން އެކޯލީޝަން ބްލެކްލިސްޓް ކޮށްފި އެވެ.
ޔަމަނުގެ ދާޚީލީ ހަނގުރާމައިގައި އެޤައުމުގެ އިދިކޮޅު ހަނގުރާމަވެރިން ބަލި ކުރުމުގައި ޔަމަނުގެ ސަރުކާރުގެ ފައުޖުތަކަށް އެހީތެރިވުމަށް ކަމަށް ބުނެ 2015 ވަނަ އަހަރު އެކުލަވާލި ސައުދީ-ކޯލީޝަނުން 2016 ވަނަ އަހަރު ޔަމަނުގެ ދިން ހަމަލާތަކުގެ ތެރެއިން 38 ހަމަލާއެއް އެޤައުމުގެ ސްކޫލްތަކާއި ހޮސްޕިޓަލްތަކަށް އަމާޒުވެފައިވާ ކަމަށް އދ. އިން ބުނެއެވެ. އަދި މިހަމަލާތަކުގައި 683 ކުއްޖަކު މަރުވެ ނުވަތަ ޒަޚަމްވެފައިވާ ކަމަށް އދ.ގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އދ. އިން ކޮންމެ އަހަރަކު އެއް ފަހަރު ނެރޭ ހަނގުރާމައިގެ ތެރޭގައި ކުޑަކުދިންގެ ޙާލަތާ ގުޅޭ 2016 ވަނަ އަހަރުގެ ރިޕޯޓްގައި، ސައުދީ-ކޯލީޝަންގެ ނަން ހިމެނި ނަމަވެސް، ހަނގުރާމައިގެ ތެރޭގައި ކުޑަކުދިންނަށް ލިބޭ ގެއްލުން ކުޑަ ކުރުމަށް ސައުދީ-ކޯލީޝަނުން އެކަށޭނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް މިރިޕޯޓްގައި ބަޔާންކޮށްފައި ވެއެވެ.
އދ. އިން އެކުލަވާލި ބްލެކްލިސްޓްގައި ޔަމަނުގެ ދާޚިލީ ހަނގުރާމާގައި ބައިވެރިވާ އެޤައުމުގެ އިދިކޮޅު ހޫޘީ ހަނގުރާމަވެރިންގެ ގްރޫޕާއި، ޔަމަނުގެ ސަރުކާރަށް ތާޢީދު ކުރާ ހަނގުރާމަވެރިންގެ ފައުޖާއި، ޔަމަނުގެ އަސްކަރިއްޔާ އަދި އަލްޤައިދާގެ އަރަބިއަން ޕެނިންސޫލާގެ ގޮފި ވަނީ ހިމަނާފައެވެ. މި ހުރިހާ ފަރާތެއްވެސް ބްލެކްލިސްޓް ކޮށްފައިވަނީ ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ތެރޭގައި 2016 ވަނަ އަހަރު ދިން ހަމަލާތަކާއި ގުޅިގެންނެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ބުރާސްފަތި ދުވަހު ވަނީ، މިރިޕޯޓް އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައެވެ.
ރިޕޯޓާއެކު އާއްމު ކުރި ބަޔާނެއްގައި ގުޓަރޭސް ވިދާޅުވީ، މިފަދަ ލިސްޓެއް އާއްމު ކުރުމުގެ ހަމައެކަނި ބޭނުމަކީ ހޭލުންތެރިކަން އިތުރުކުރުން ނޫން ކަމަށާއި، އޭގެ ތެރޭގައި ހަނގުރާމައިގެ ތެރޭގައި ކުޑަކުދިންނަށް ލިބޭ ގެއްލުން ކުޑަ ކުރުމަށް ފިޔަވަޅުތައް ވަރުގަދަ ކުރުން ހިމެނޭ ކަމަށެވެ.
މިއީ ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަންނަމުންދާ ފަރާތްތައް ހިމެނޭ ބްލެކްލިސްޓްގައި ސައުދީ-ކޯލީޝަން ހިމެނުނު ފުރަތަމަ ފަހަރެވެ.
އދ. އިން މިދިޔަ އަހަރު އާއްމުކުރި ރިޕޯޓްގައި ނުހިމެނޭ ހަމައެކަނި ފަރާތަކީ ސައުދީ-ކޯލީޝަނެވެ. އދ. އިން ފުރަތަމަ އެކުލަވާލި 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގައި ސައުދީ-ކޯލީޝަންގެ ނަން ހިމެނުނު ނަމަވެސް، ގަލްފްގެ ގައުމުތަކުގެ ޕްރެޝަރާއި ހެދި އދ. ގެ އޭރުގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ވަނީ އެލިސްޓުން "ވަގުތީ ގޮތުން" ސައުދީ-ކޯލީޝަންގެ ނަން އުނިކޮށްފައެވެ. އެރިޕޯޓާއި ގުޅިގެން ސައުދީ އަރަބިއްޔާ އިން އދ. އަށް ސައުދީން ދޭ އެހީ ކަނޑާލާނެ ކަމުގެ އިންޒާރުދިން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެހެންނަމަވެސް ސައުދީން ވަނީ އެޤައުމުން އިންސާނީ އެހީގެ ގޮތުގައި އދ. އަށް ފޯރުކޮށްދޭ މާލީ އެހީ ކަނޑާލާނެ ކަމުގެ އިންޒާރު ދިން ކަމަށް ބުނާ ބުނުން ދޮގުކޮށްފައެވެ.
މިދިޔަ އަހަރުގެ ބްލެކްލިސްޓުން ސައުދީ-ކޯލީޝަން އުނި ކުރުމަށްފަހު ބާންކީ މޫން ވަނީ 2015 ވަނަ އަހަރުގެ ބްލެކްލިސްޓުން ސައުދީ-ކޯލީޝަންގެ ނަން ކަނޑާލުމަކީ އެންމެ ހިތްދަތި އަދި އުނދަގޫ އެއް ނިންމެވުން ކަމަށް ސިފަ ކުރައްވާފައެވެ. އެހެންނަމަވެސް އޭނާގެ ނިންމެވުން ދިފާޢު ކުރައްވާ ބާންކީ މޫން ވިދާޅުވީ، އެލިސްޓުން ސައުދީ-ކޯލީޝަންގެ ނަން އުނިނުކުރިނަމަ ފަލަސްތީނާއި ދެކުނު ސޫދާން އަދި ސީރިއާ ފަދަ ޤައުމުތަކުގައި ޙާލުގައި ޖެހިފައިވާ އެތައް މިލިއަން ކުޑަކުދިންނަށް ފޯރުކޮށްދޭ އިންސާނީ އެހީ ކެނޑިގެންދާނެ ކަމަށެވެ.
އެފަދަ މައްސަލައެއް ކުރިމަތިވެދާނެ ކަމަށް ބަލައި، މިއަހަރު އާއްމު ކުރި ބްލެކްލިސްޓްގައި ދެ ބަޔެއް ހިމަނާފައިވެއެވެ. އޭގެ ތެރެއިން އެއް ބަޔަކީ އެކަން އިޞްލާޙުކޮށް ކުޑަކުދިންނަށް ގެއްލުން ކުޑަވާނެ ގޮތަށް ފިޔަވަޅުތައް އަޅާފައިވާ ފަރާތްތަކެވެ. ސައުދީ-ކޯލީޝަން ހިމަނާފައިވަނީ އެ ލިސްޓުގައެވެ.
މިފަހަރުގެ ލިސްޓު އާއްމު ކުރުމުގެ ކުރިން ޙައްގުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ވަނީ، ޖެހިޖެހިގެން ދެވަނަ އަހަރު، މިލިސްޓުން ސައުދީ-ކޯލީޝަންގެ ނަން އުނިކުރުމަކީ މުޅި ދުނިޔެ މާޔޫސްކޮށްލުން ކަމަށް ސިފަކޮށްފައެވެ.
އދ.ގެ ހަނގުރާމައިގެ ތެރޭގައި ކުޑަކުދިންގެ ޙާލަތު ބައްލަވާ އިސް މަންދޫބު ވީޖީނިއާ ގަމްބާ އެކުލަވާލި މިރިޕޯޓުގައި ބްލެކްލިސްޓް ކޮށްފައިވާ ޤައުމުތަކާއި މެދު އދ. އިން ފިޔަވަޅު އެޅުން މަޖުބޫރެއް ނޫނެވެ. އޭގެ ބަދަލުގައި މި ބްލެކްލިސްޓަކީ ހަނގުރާމައިގެ މައިދާނުގައި ކުޑަކުދިން ރައްކާތެރި ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް ބާރުއެޅުމުގެ އުއްމީދުގައި އެފަރާތްތައް "ލަދު" ގަންނަވާލުމަށް އާއްމު ކުރާ ލިސްޓެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ދެ އަހަރަށްވުރެ ގިނަ ދުވަހަށް ދެމިގެންދާ ޔަމަނުގެ ދާޚިލީ ހަނގުރާމާގައި ސައުދީ އިސްނަގައިގެން އުފައްދާފައިވާ ކޯލީޝަނުން ހަރަކާތްތެރިވަނީ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު އެޤައުމުގެ އިދިކޮޅު ހޫޘީ ހަނގުރާމަވެރިން ބަލިކޮށް، އެމީހުން އަތްގަދަ ކޮށްފައިވާ ޔަމަނުގެ ސަހަރުތަކުން ފައްސާލުމުގައި އެޤައުމުގެ ރައީސް އަބްދް-ރަބޫ މަންސޫރު ހާދީގެ ސަރުކާރަށް އެހީތެރިވުމުގެ ގޮތުން ކަމަށް ބުނެ އެވެ.
މިހަނގުރާމައިގެ ތެރޭގައި 10 ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ހަނގުރާމައިގެ ސަބަބުން އެޤައުމުގެ އިޤްޞާދު އިނދަޖެހި، ކާނާގެ ތަދުމަޑުކަމަކަށް ޖެހިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. ޔަމަނުގެ ވެރިރަށް ސަންޢާ ހިމެނޭ ގޮތަށް، އެޤައުމުގެ އުތުރުގެ ބޮޑު ބައެއް އޮތީ ހޫޘީ ހަނގުރާމަވެރިންގެ އަތް ދަށުގައެވެ.
ޔަމަނުގެ ދާޚިލީ ހަނގުރާމާގައި އެޤައުމުގެ އިދިކޮޅު ހޫޘީ ހަނގުރާމަވެރިންނާއި ދެކޮޅަށް ސަރުކާރުގެ ފައުޖުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސައުދީ އަރަބިއްޔާ އިސްވެ އޮވެ އެކުލަވާލާފައިވާ އިއްތިޙާދުގައި ހިމެނެނީ އެމެރިކާ އަދި ޔޫރަޕްގެ ބައެއް ޤައުމުތަކުގެ އިތުރުން ގަލްފްގެ އަރަބި ޤައުމުތަކާއި އެފްރިކާ އަދި އޭޝިއާގައި މުސްލިމުންގެ އާބާދީ ބޮޑު ބައެއް ޤައުމުތަކެވެ. މީގެ ތެރެއިން އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސް، ތުރުކީ އަދި ބެލްޖިއަމް އިން އެހެނިހެން އެހީ ފޯރުކޮށްދޭއިރު، އަސްކަރީ އެހީދޭ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ކުވެއިތާއި ބަހްރެއިން އަދި ޔޫއޭއީ އާއި މިޞްރުގެ އިތުރުން އުރުދުން، މޮރޮކޯ، ސޫދާން، މެލޭޝިއާ އަދި ސެނެގޯލް އެވެ. މިއިއްތިޙާދުގައި ޤަތަރު ހިމެނުނު ނަމަވެސް، ސައުދީ އަރަބިއްޔާ އާއެކު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން މިއަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު ޤަތަރުން ވަނީ އިއްތިޙާދުން ވަކިވެފައެވެ.
ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި އަސްކަރީ ފިޔަވަޅު އެޅުމަށް ދެކޮޅު ހަދާ ޤައުމުތަކުގެ ތެރޭގައި އީރާން، ޗައިނާ އަދި ރަޝިއާ ހިމެނެއެވެ.