އަންނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ޖާގަ އަކާއި ގާތަށް ޕޮލެންޑް ޖެހިލައިފި އެވެ.
ފީފާ ވޯލްޑް ކަޕްގެ ޖާގަ ކަށަވަރު ކުރުމާއި ގާތަށް ޕޮލެންޑް ޖެހިލީ، ރޭ ޔޫރަޕްގެ ކޮލިފިކޭޝަން ގްރޫޕް އީގައި ބުރާސްފަތި ދުވަހުގެރޭ އަރްމީނިއާގެ މައްޗަށް ފަސޭހަ ކަމާއެކު ކުރި ހޯދައި ގްރޫޕްގެ އެއްވަނާގައި 3 ޕޮއިންޓުގެ ލީޑު ދަމަހައްޓައިގެންނެވެ.
ރޭ ރަށުން ބޭރުގައި އަރްމީނިއާގެ މައްޗަށް ޕޮލެންޑް ކުރިހޯދީ ހަ ލަނޑު އެއް ލަނޑުންނެވެ. މިމެޗުގެ ކޮންމެ ހާފެއްގައި ޕޮލެންޑުން ތިން ލަނޑު ޖެހިއިރު، ބަޔާން މިއުނިކްގެ ފޯވާޑް ރޮބަޓް ލެވަންޑޮވްސްކީ ތިން ލަނޑު ޖަހާ ހެޓްރިކް ހެދިއެވެ.
މިލަނޑުތަކާއެކު ލެވަންޑޮވްސްކީ ވަނީ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ޔޫރަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ކުރިއަށް ޖެހިލާފައެވެ. ލެވަންޑޮވްސްކީ ވަނީ ގްރޫޕް ސްޓޭޖްގައި ކުޅުނު 9 މެޗުގައި 15 ލަނޑު ޖަހާފައެވެ.
އަރްމީނިއާ ކޮޅަށް ޖެހި ތިން ލަނޑާއެކު ލެވަންޑޮވްސްކީ ވަނީ ޕޮލެންޑްގެ ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް މުގުރާލާފައެވެ. ރޭގެ ލަނޑުތަކާއެކު ލެވަންޑޮވްސްކީ ޤައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ 50 އަށް އަރާފައެވެ.
މިގްރޫޕްގައި މޮންޓެނީގްރޯގެ މައްޗަށް ރަށުން ބޭރުގައި ޑެންމާކް ކުރި ހޯދީ އެއް ލަނޑު ސުން ލަނޑުންނެވެ. އަދި އަމިއްލަ ދަނޑުގައި ކަޒަކިސްތާނާއި ބައްދަލުކުރި މެޗު ރުމޭނިއާ ކާމިޔާބުކުރީ ތިން ލަނޑު އެއް ލަނޑުންނެވެ.
ގްރޫޕް އީގައި ކޮންމެ ޓީމެއްވެސް ނުވަ މެޗު ކުޅެފައިވާއިރު، 22 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނާގައި ވަނީ ޕޮލެންޑެވެ. ގްރޫޕްގެ ފަހު މެޗުން ޕޮއިންޓެއް ލިބުނު ނަމަވެސް، ޕޮލެންޑަށް އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުވާނެ އެވެ. މިގްރޫޕްގެ ދެވަނާގައިވާ ޑެންމާކަށް 19 ޕޮއިންޓް ލިބިފައިވާއިރު، 16 ޕޮއިންޓާއެކު ގްރޫޕް ތިންވަނާގައި ވަނީ މޮންޓެނީގްރޯ އެވެ. މިގްރޫޕްގައި ދެން ހިމެނޭ ރުމޭނިއާ އަށް 12 ޕޮއިންޓް އަދި އަރުމީނިއާ އަށް 6 ޕޮއިންޓް ލިބިފައިވާއިރު، ގްރޫޕްގެ ފުލުގައިވާ ކަޒަކިސްތާނަށް ލިބިފައިވަނީ 2 ޕޮއިންޓެވެ.
މިގްރޫޕްގެ ފަހު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ރެއެވެ. އާދީއްތަ ދުވަހުގެ ރޭ ޑެންމާކް ނުކުންނާނީ ރުމޭނިއާ އާއި ދެކޮޅަށެވެ. ކަޒަކިސްތާނާއި ދެކޮޅަށް ނުކުންނާނީ އަރްމީނިއާ އެވެ. އަދި ޕޮލެންޑާއި ބައްދަލުކުރާނީ މޮންޓެނީގްރޯ އެވެ.