ކ. މާލެ
|
6 އޮކްޓޯބަރ 2017 | ހުކުރު 03:05
ސްލޮވީނިއާ އަތުން މޮޅުވެ ފީފާ ވޯލްޑް ކަޕްގެ ޖާގަ ކަށަވަރު ކުރުމަށްފަހު އިންގްލެންޑްގެ ކުޅުންތެރިން އުފާފާޅު ކުރަނީ
ސްލޮވީނިއާ އަތުން މޮޅުވެ ފީފާ ވޯލްޑް ކަޕްގެ ޖާގަ ކަށަވަރު ކުރުމަށްފަހު އިންގްލެންޑްގެ ކުޅުންތެރިން އުފާފާޅު ކުރަނީ
ގެޓީ އިމޭޖަސް
ފީފާ ވޯލްޑް ކަޕް 2018
ފީފާ ވޯލްޑް ކަޕަށް އިނގިރޭސިވިލާތް ކޮލިފައިވެއްޖެ
ފީފާ ވޯލްޑް ކަޕްގެ ޖާގަ އިނގިރޭސިން ކަށަވަރު ކުރީ ގްރޫޕް އެފްގެ އެއްވަނަ ހޯދައިގެން

އަންނަ އަހަރު ރަޝިއާގައި ބާއްވާ ދުނިޔޭގެ ތަށްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތުން އިނގިރޭސިވިލާތް ޖާގަ ހޯދައިފި އެވެ.

2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުން އިނގިރޭސިވިލާތް ޖާގަ ހޯދީ، ޔޫރަޕްގެ ކޮލިފިކޭޝަން ގްރޫޕް އެފްގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗު ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ މަޤާމް ކަށަވަރު ކޮށްގެންނެވެ.

ބުރާސްފަތި ދުވަހުގެރޭ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ސްލޮވީނިއާގެ މައްޗަށް އިނގިރޭސިވިލާތް ކުރިހޯދީ އެއް ލަނޑު ސުން ލަނޑުންނެވެ. މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ފަހު މިނިޓުގައި ޖަހައިދިނީ ރޭގެ މެޗުގައި ފުރަތަމަ ފަހަރަށް އިންގްލެންޑްގެ ކެޕްޓަން ބޭންޑް އެޅި ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން އެވެ.

މިގްރޫޕްގައި ބުރާސްފަތި ދުވަހުގެރޭ މޯލްޓާ އާއި ލިތުއޭނިއާ ބައްދަލުކުރި މެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން އެއްވަރު ވެގެންނެވެ. މެޗުގެ 23 ވަނަ މިނިޓުގައި އަންދްރޭ އަގިއަސްގެ ލަނޑާއެކު މޯލްޓާ ކުރިހޯދިއިރު، 53 ވަނަ މިނިޓުގައި ލިތުއޭނިއާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ވިކިޓަސް ސްލިވްކާ އެވެ.

ގްރޫޕް އެފްގައި ސްލޮވާކިއާގެ މައްޗަށް ރަށުން ބޭރުގައި ސްކޮޓްލަންޑް ކުރި ހޯދީ އެއް ލަނޑު ސުން ލަނޑުންނެވެ. މިމެޗުގެ 23 ވަނަ މިނިޓުގައި ސްލޮވާކިއާގެ ރޮބަޓް މެކް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން މެޗުގެ ބާކީ ބައި ސްލޮވާކިއާ ފުރިހަމަ ކުރީ 10 ކުޅުންތެރިންނާ އެކުގައެވެ. މިމެޗުން ސްކޮޓްލަންޑަށް ތިން ޕޮއިންޓް ކަށަވަރުވީ، މެޗު ނިމެން މިނިޓަކަށް ވެފައިވަނިކޮށް ސްލޮވާކިއާގެ މާޓިން ސްކާޓެލް އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ.

މިގްރޫޕްގައި ކޮންމެ ޓީމަކަށްވެސް ބާކީ އެއް މެޗު އެބައޮތެވެ. އަންނަ އާދީއްތަ ދުވަހުގެރޭ ކުޅޭ ގްރޫޕް ސްޓޭޖްގެ ފަހު މެޗުތަކުގައި ރަށުން ބޭރުގައި އިނގިރޭސިވިލާތް ނިކުންނާނީ ލިތުއޭނިއާ އާ ދެކޮޅަށެވެ. އަމިއްލަ ދަނޑުގައި މޯލްޓާ އާ ދެކޮޅަށް ސްލޮވާކިއާ ނިކުންނައިރު، ގްރޫޕްގެ ދެވަނަ މަގާމް ކަށަވަރު ކުރުމަށް ރަށުން ބޭރުގައި ސްކޮޓްލަންޑް ނުކުންނާނީ ސްލޮވީނިއާ އާ ދެކޮޅަށެވެ.

މިގްރޫޕްގައި ކޮންމެ ޓީމެއްވެސް 9 މެޗު ކުޅެފައިވާއިރު، ގްރޫޕްގެ އެއްވަނަ އިނގިރޭސިވިލާތް ކަށަވަރުކުރީ 23 ޕޮއިންޓް ހަމަކޮށްގެންނެވެ. ގްރޫޕް ސްޓޭޖްގައި އިނގިރޭސިން ކުޅުނު 9 މެޗުގެ ތެރެއިން 7 މެޗު ކާމިޔާބު ކުރިއިރު، 2 މެޗު ވަނީ އެއްވަރުވެފައެވެ. މިގްރޫޕްގެ ދެވަނާގައިވާ ސްކޮޓްލަންޑަށް 17 ޕޮއިންޓް ލިބިފައިވާއިރު، 15 ޕޮއިންޓާއެކު ތިންވަނާގައި ވަނީ ސްކޮޓްލަންޑެވެ. އަދި ގްރޫޕްގެ ހަތަރުވަނާގައިވާ ސްލޮވީނިއާ އަށް ލިބިފައިވަނީ 14 ޕޮއިންޓެވެ. މިގްރޫޕްގެ ދެވަނަ މަގާމް ކަށަވަރު ކޮށްގެން ޕްލޭ އޯފްގެ ޖާގަ ހޯދުމުގެ ފުރުޞަތު މި ތިން ޓީމަށްވެސް އެބައޮތެވެ. މިގްރޫޕްގައި ދެން ހިމެނޭ ލިތުއޭނިއާ އަށް 6 ޕޮއިންޓް ލިބިފައިވާއިރު، ގްރޫޕްގެ ފުލުގައިވާ މޯލްޓާ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުތަކަށްފަހު އިނގިރޭސިވިލާތުގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނުވެސް ވަނީ ޔޫރަޕްގެ ބައްރުން ފީފާ ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކޮށްފައެވެ. މިދެ ޓީމުގެ އިތުރުން 2018 ފީފާ ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކޮށްފައިވަނީ މުބާރާތް ބާއްވާ ރަޝިއާ، އަދި ބްރެޒިލް، އީރާން، ޖަޕާން، މެކްސިކޯ، ބެލްޖިއަމް އަދި ދެކުނު ކޮރެއާގެ އިތުރުން ސައުދީ އަރަބިއްޔާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް