ކެޓަލޯނިއާގެ މިނިވަންކަމަށް ކުރާ މަސައްކަތުގައި އަންނަ ހޯމަ ދުވަހު ބާއްވަން ތާވަލް ކުރި ކެޓަލަން ޕާލިމަންޓްގެ ޖަލްސާ ސަސްޕެންޑް ކުރުމަށް ސްޕެއިންގެ ދުސްތޫރީ ކޯޓަކުން އަމުރު ނެރެފި އެވެ.
ކެޓަލޯނިއާގެ ޤާނޫނު ހަދާ މަޖިލީހުގައި ހޯމަ ދުވަހު ބާއްވަން ތާވަލް ކޮށްފައިވާ ޖަލްސާ ސަސްޕެންޑް ކުރުމަށް ނިންމުމަށްފަހު އެކޯޓުން ބުނެފައިވަނީ، އެޖަލްސާ އަކީ ޤާނޫނާ އަސާސީ އާއި ޚިލާފް ޖަލްސާއެއް ކަމަށެވެ.
އޭގެ ކުރިން ސްޕެއިންގެ ބޮޑުވަޒީރު މަރިއާނޯ ރަޖޯއީ ވަނީ، އާދީއްތަ ދުވަހު ނެގި ކެޓަލޯނިއާގެ މިނިވަންކަމުގެ ވޯޓަށްފަހު މިނިވަންކަން އިޢުލާން ކުރުމާއި ދެކޮޅަށް ކެޓަލޯނިއާގެ ސަރަޙައްދީ ސަރުކާރަށް އިންޒާރު ދީފައެވެ.
ކެޓަލޯނިއާގެ ލީޑަރު ކާލްސް ޕުއިޖެމޮންޓް ވަނީ، އަންނަ ހަފްތާގައި ބާއްވާ ޤާނޫނު ހަދާ މަޖިލީހުގައި ކެޓަލޯނިއާގެ މިނިވަން ކަމާއި ގުޅޭ ގަރާރެއް ހުށަހަޅާނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ.
ކެޓަލޯނިއާގެ މިނިވަން ކަމަށް ކުރާ މަސައްކަތަށް ސްޕެއިންގެ ސަރުކާރުން ދެކޮޅު ހަދާއިރު، ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާގެ މައްސަލަ ދުސްތޫރީ ކޯޓަށް ހުށަހަޅާފައިވަނީ ކެޓަލޯނިއާގެ ސޯޝަލިސްޓް ޕާޓީ އިންނެވެ. ސްޕެއިންގެ މައި ސަރުކާރުން ވަކިވުމާއި ސޯޝަލިސްޓް ޕާޓީއިން ދެކޮޅެވެ.
ބުރާސްފަތި ދުވަހު ބޭއްވި ކޯޓުގެ އަޑު އެހުމުގައި ފަނޑިޔާރު ވަނީ، ކެޓަލޯނިއާގެ މިނިވަންކަން އިޢުލާން ކުރުމަށް ސަރަހައްދީ ޕާލިމެންޓަށް ފުރުޞަތު ދީފިނަމަ ކެޓަލޯނިއާގެ ސޯޝަލިސްޓް ޕާޓީގެ މެމްބަރުންގެ ޙައްޤުތައް ގެއްލޭނެ އެވެ.
ކެޓަލޯނިއާގެ މިނިވަން ކަމަށް އާދީއްތަ ދުވަހު ނެގި ފެންނަ ނުފެންނަ ވޯޓުގެ ކުރިންވެސް، ވޯޓު ހުއްޓުވުމަށް ކޯޓުން ހުކުމް ކުރި އެވެ. އެހެންނަމަވެސް ކެޓަލޯނިއާޣެ ލީޑަރުން އެ ހުކުމަށް ތަބާވެފައެއްނުވެއެވެ. އެމައްސަލަ ކޯޓަށް ހުށަހެޅީ ކެޓަލޯނިއާގެ މިނިވަން ކަމަށް ކުރާ މަސައްކަތަކީ ޤާނޫނާއި ޚިލާފް މަސައްކަތެއް ކަމަށް ވަކާލާތު ކުރަމުންދާ ސްޕެއިންގެ މައި ސަރުކާރުންނެވެ.
2015 ވަނަ އަހަރު ބޭއްވި ކެޓަލޯނިއާގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގެ 13 އިންސައްތަ ވޯޓު ސޯޝަލިސްޓް ޕާޓީން ކާމިޔާބު ކުރި އެވެ. 135 މެމްބަރުންގެ މައްޗަށް އެކުލެވޭ ކެޓަލޯނިއާގެ ޤާނޫނު ހަދާ މަޖިލީހުގައި ސޯޝަލިސްޓް ޕާޓީގެ 13 މެމްބަރަކު ހިމެނެ އެވެ.