ކ. މާލެ
|
5 އޮކްޓޯބަރ 2017 | ބުރާސްފަތި 23:53
އިރާޤް އަސްކަރިއްޔާ އާއި ޕީއެމްއެފްގެ ފައުޖުތައް ހަވީޖާގެ ރަށްބޭރުގައި
އިރާޤް އަސްކަރިއްޔާ އާއި ޕީއެމްއެފްގެ ފައުޖުތައް ހަވީޖާގެ ރަށްބޭރުގައި
ރޮއިޓަރސް
އައިއެސް ހަނގުރާމަ
އީރާޤްގެ ފައުޖުތަކުން ހަވީޖާ ހިފައިފި
ހަވީޖާ އިން އައިއެސް ފައްސާލެވިފައި ވަނީ ބުރާސްފަތި ދުވަހު
އިރާޤްގައި އައިއެސް އަންނަނީ ނިކަމެތިވަމުން
ިމިއީ މުޅި ދުނިޔެ އަށް ލިބުނު ކާމިޔާބީއެއް: ހައިދަރު އަލް އަބާދީ

އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް އީރާޤްގެ ހަވީޖާ އެޤައުމުގެ އަސްކަރިއްޔާގެ ފައުޖުތަކުގެ ބާރުގެ ދަށަށް ގެނެވިފައިވާ ކަމަށް އީރާޤް އަސްކަރިއްޔާ އިން ބުނެފި އެވެ.

އީރާޤްގެ އުތުރުގައި އައިއެސްގެ ބާރުގަދަ ކޮށްފައިވާ ހަވީޖާ އިން އައިއެސް ފައްސާލެވިފައިވާ ކަން އިރާޤް އަސްކަރިއްޔާ އިން ހާމަކޮށްފައިވަނީ ބުރާސްފަތި ދުވަހު އެވެ.

ޝީޢީންގެ ޕޮޕިއުލަރ މޮބިލައިޒޭޝަން ފޯސަސް އާއި އީރާޤްގެ އަސްކަރިއްޔާ އިން ހަވީޖާ އަށް ވަދެފައިވަނީ ބުދަ ދުވަހު އެވެ. އޭގެ ދެ ދުވަސް ކުރިން އީރާޤްގެ ފައުޖުތަކުން ވަނީ ހަވީޖާގެ ދެކުނު 30 ކިލޯމީޓަރު ދުރުގައިވާ ރަޝާދް އެއަރބޭސް ހިފާފަ އެވެ. ރަޝާދް އެއަރބޭސް އަކީ އައިސިސްގެ ހަނގުރާމަވެރިންގެ ލޮޖިސްޓިކް ސައިޓެއްގެ ގޮތުގައި އަދި ތަމްރީން ކޭމްޕެއްގެ ގޮތުގައި ބޭނުން ކުރި ހަނގުރާމަވެރިންގެ މުހިންމު މަރުކަޒެކެވެ.

ތެލުގެ ގޮތުން މުއްސަނދި ކިރްކުކްގެ ހުޅަނގުން އަދި ވެރިރަށް ބަޤްދާދުގެ އުތުރުގައި އޮންނަ ހަވީޖާ ހިފުމުގެ މަސައްކަތް އިރާޤް އަސްކަރިއްޔާ އިން ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.

އީރާޤްގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ހަވީޖާ ގެނެވުމާއެކު، މިހާރު އީރާޤްގައި އައިއެސްގެ ބާރު ހިނގާ ހަމައެކަނި ސިޓީ އަކީ އެޤައުމުގެ ހުޅަނގުން ސީރިއާގެ ބޯޑަރުގެ ކައިރީގައިވާ ދެއިރް އަޒޫރެވެ.

ހަވީޖާގެ ކާމިޔާބީ އިޢުލާން ކުރައްވަމުން ޕެރިހުގައި ހުންނެވި އިރާޤްގެ ބޮޑުވަޒީރު ހައިދަރު އަލް އަބާދީ ވިދާޅުވީ، އެއީ ހަމައެކަނި އިރާޤަށް ލިބުނު ކާމިޔާބެއް ނޫން ކަމަށާއި، އެއީ މުޅި ދުނިޔެއަށް ލިބުނު ކާމިޔާބީ އެއް ކަމަށެވެ.

މިދިޔަ ޖުލައި މަހު އީރާޤްގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް މޫސަލް ގެންދިޔަ ފަހުން އިސްލާމިކް ސްޓޭޓްގެ ބާރު ދަނީ ނިކަމެތި ވަމުންނެވެ. އީރާޤްގައި އައިއެސްގެ މައި ސަހަރެއްގެ ގޮތުގައި އޮތް މޫސަލް ހިފާފައިވަނީ ނުވަ މަހަށް ދެމިގެންދިޔަ ކުރިމަތިލުންތަކަކަށް ފަހުގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް