ފީފާ ވޯލްޑް ކަޕް ބޭއްވުމަށް ދެކުނު އެމެރިކާގެ ތިން ޤައުމު ގުޅިގެން ބިޑު ކުރުމަށް ނިންމައިފި އެވެ.
ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް2030 ވަނަ އަހަރު ބޭއްވުމަށް ދެކުނު އެމެރިކާގެ ތިން ޤައުމު ކަމަށްވާ އާޖެންޓީނާ، އުރުގުއޭ އަދި ޕެރަގުއޭ ގުޅިގެން ބިޑް ކުރުމަށް ނިންމިކަން އެ ތިން ޤައުމުގެ ރައީސުން އިޢުލާން ކުރީ އާޖެންޓީނާގައި ބުދަ ދުވަހު ބޭއްވި ހަފްލާއެއްގައެވެ. މިހަފްލާގައި ތިން ޤައުމު ގުޅިގެން ބިޑު ކުރުމުގެ ޝައުގުވެރިކަން ފާޅު ކުރި ނަމަވެސް، ބިޑްގެ މަރުޙަލާތައް ފެށުމަށް އަހަރުތަކެއް އެބައޮތެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ޝަރަފްވެރި މުބާރާތަށް 2030 ވަނަ އަހަރު 100 އަހަރު ފުރޭނެ އެވެ. ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މުބާރާތް ބާއްވާފައި ވަނީ 1930 ވަނަ އަހަރު އުރުގުއޭ ގައެވެ.
ބުދަ ދުވަހު ބޭއްވި ހަފްލާގައި ވާހަކަ ދައްކަމުން ޕެރަގުއޭގެ ރައީސް ހޮރާސިއޯ ކާޓެސް ވަނީ، ތިން ޤައުމު ގުޅިގެން މުބާރާތް ބޭއްވުމަށް ބިޑް ތައްޔާރު ކުރުމުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހު ފެށުމަށް ނިންމާފައިވާކަން އިއުލާންކުރައްވާފައެވެ. އަދި އެހެން ޤައުމުތަކުން ވެސް މުބާރާތް ބާއްވަން ބޭނުން ވާނެ ކަމަށާއި، އެހެންނަމަވެސް މުބާރާތަށް 100 އަހަރު ފުރުން ފާހަގަ ކުރުމަށް މުބާރާތް ފެށި އުރުގުއޭ އަށް ފުރުޞަތު ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ފީފާ ވޯލްޑް ކަޕް ބޭއްވުމުގެ ޝައުޤުވެރިކަން ދެކުނު އެމެރިކާ އިން ހާމަކޮށްފައިވާއިރު، ޔުއެފާ އިން ވަނީ އެ މުބާރަތް ބޭއްވުމަށް އިނގިރޭސިވިލާތް ނުވަތަ ޕޭން-ބްރިޓިޝް ބިޑަކަށް ތާޢީދުކުރާނެ ކަން ހާމަކޮށްފައެވެ.
ފީފާ ވޯލްޑް ކަޕް 2018 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ރަޝިއާގައެވެ. އަދި 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބޭއްވުމަށް ނިންމާފައިވަނީ ޤަތަރު ގައެވެ.
ފީފާ ވޯލްޑް ކަޕް 2026 ވަނަ އަހަރު ބޭއްވުމުގެ ބިޑް ކާމިޔާބު ކުރާނެ ކަމަށް ބެލެވެނީ އެމެރިކާ، މެކްސިކޯ އަދި ކެނަޑާ އެވެ. މިތިން ޤައުމު ގުޅިގެން ހުށަހަޅާފައިވާ ބިޑުގެ އިތުރުން، މުބާރާތް ބޭއްވުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައި ވަނީ މޮރޮކޯ އިންނެވެ.
ފީފާ ވޯލްޑް ކަޕްގެ ފޯމެޓަށް 2026 ވަނަ އަހަރުން ފެށިގެން ބަދަލެއް އަންނާނެ އެވެ. ފީފާ އިން ވަނީ 2026 ވަނަ އަހަރުގެ ފަހުން، މިހާރު މުބާރާތުގައި ވާދަކުރާ 32 ޓީމުގެ ބަދަލުގައި 48 ޓީމު ބައިވެރިކުރާ ގޮތަށް ނިންމާފައެވެ. މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ އަދަދު އިތުރު ކުރިކަން ފީފާ އިން ހާމަކޮށްފައި ވަނީ މިއަހަރުގެ ކުރީކޮޅު އެވެ.