ކ. މާލެ
|
5 އޮކްޓޯބަރ 2017 | ބުރާސްފަތި 16:56
ޕީކޭ އަދި ރާމޮސް ސްޕެއިންގެ ފަރިތަކުރުންތަކުގައި
ޕީކޭ އަދި ރާމޮސް ސްޕެއިންގެ ފަރިތަކުރުންތަކުގައި
ގޫގުލް
ޕީކޭ - ރާމޯސް
ރާމޯސްއާ ދެމެދު އެއްވެސް މައްސަލައެއް ނެތް: ޕީކޭ
ޕީކޭ ބުނެފައިވަނީ ރާމޯސްއާއި އޭނާއާ ދެމެދު މައްސަލަ އުފައްދަން މީޑިއާއިން މަސައްކަތް ކުރާ ކަމަށް
ޕީީކޭ ވަނީ ރާމޯސްއާ އެކު ވިޔަފާރިއެއް ފަށަން އުޅޭ ކަމުގެ އިޝާރާތެއް ވެސް ދީފަ

ރެއާލް މެޑްރިޑްގެ ޑިފެންޑާ ސާޖިއޯ ރާމޯސްއާ އެއްވެސް މައްސަލައެއް ނެތް ކަމަށް ބާސެލޯނާގެ ޑިފެންޑާ ޖެރާޑް ޕީކޭ ބުނެފިއެވެ.

މި ދެކުޅުންތެރިން ވެސް މިވަގުތު ތިބީ އަންނަ އަހަރު ރަޝިއާގައި އޮންނަ ފީފާ ވޯލްޑްކަޕަށް ކޮލިފައި ވުމަށް ސްޕެއިން އިން ކުޅޭ ކޮލިފައިން މެޗުތަކުގައި ބައިވެރިވުމަށް މިވަގުތު ސްޕެއިންގެ ޓީމާއެކުއެވެ. މި ދެކުޅުންތެރިންގެ މެދުގައި ބޮޑު މައްސަލައެއް އުޅޭ ކަމަށް ބުނެ ސްޕެއިންގެ މީޑިއާތަކުން ފަތުރާ ވާހަކަތައް ޕީކޭ ވަނީ ދޮގުކޮށްފައެވެ. ކެޓަލޯނިއާގެ މިނިވަން ކުރުމަށް ގޮވާލާ ޕީކޭ ސޯޝަލް މީޑިއާގައި ވާހަކަ ދެއްކުމާ ވިދިގެން ރާމޯސް ވަނީ އެކަމަށް ރައްދު ދީފައެވެ.

އެހެނަސް މީޑިއާއިން ފަތުރާ ވަހަކަ ދޮގުކޮށް ޕީކޭ ބުނެފައި ވަނީ ރާމޯސް އާއި އޭނާއާ ދެމެދު މައްސަލަ އުފައްދަން މީޑިއާއިން މަސައްކަތް ކުރާ ކަމަށާއި ރާމޯސްއާ ދެމެދު އޮންނަ ގުޅުމަކީ ވަރަށް ރަނގަޅު ގުޅުމެއް ކަމަށެވެ. އަދި ކެޓަލޯނިއާ އެއްކޮޅަށް ވާހަކަ ދެއްކުމަކީ ރާމޯސްއާ ދެމެދު އޮންނަ ގުޅުން ގޯސް ވާން ޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވަނީ ބުނެފައެވެ. ޕީކޭ ވަނީ ރާމޯސްއާ އެކު ވިޔަފާރިއެއް ފަށަން އުޅޭ ކަމުގެ އިޝާރާތެއް ވެސް ދީފައެވެ.

ޕީކޭ މިހެން ބުނެފައިވާއިރު އޭނާ ވަނީ ކެޓަލޯނިއާގެ މައްސަލައިގައި ސްޕެއިންގެ ގައުމީ ޓީމުން ރިޓަޔާކުރަން ޖެހިދާނެ ކަމަށް މީގެ ކުރިން ބުނެފައެވެ. އެހެނަސް އޭނާވަނީ މި ބަސްތައް އަނބުރާ ގެންގޮސްފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ ސްޕެއިންގެ ގައުމީ ޓީމަށް ކުޅެން ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އޭނާ ގައުމީ ޓީމަށް ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި ވެސް ކުޅެން ތައްޔާރަށް ހުރި ކަމަށެވެ. އަދި ރިޓަޔާ ކުރަން ވިސްނިން ކަމަށާއި އެހެނަސް އެންމެ ފަހު ވަގުތު އެ ނިންމުން އަނބުރާ ގެންދިޔަ ކަމަށެވެ.

ސްޕެއިންގެ ފަރިތަކުރުންތަކުގައި ޕީކޭ މިފަހަރު ބައިވެރިވި ފުރަތަމަ ދުވަހު އެ ޓީމަށް ސަޕޯޓުކުރާ ބައެއް މީހުން ވަނީ އޭނާއަށް ފުރައްސާރަކޮށް ގައުމީ ޓީމުން ރިޓަޔާ ކުރުމަށް ގޮވާލާފައެވެ. މިކަމާ ގުޅިގެން ޕީކޭ ބުނެފައި ވަނީ އޭނާ ހަމައެކަނީ ބޭނުން ވަނީ އޭނާގެ ވިސްނުމަށް މީހުން އިހުތިރާމް ކުރުން ކަމަށާއި އެއްވެސް ހާލަތެއްގައި އޭނާ ސްޕެއިންއާ ނިސްބަތްކޮށް ބަދު ބަހެއް ނުބުނާނެ ކަމަށެވެ.
ޕީކޭ އާއި ރާމޯސްއާ ދެމެދު މައްސަލަ ޖެހިފައިވާ ކަމަށް ދައްކާ ވާހަކަ އޭނާ ދޮގު ކޮށްފައިވާއިރު މި ދެ ކުޅުންތެރިންނަކީ ސްޕެއިންގެ ޑިފެންސްގެ މައި ދެ ތަނބެވެ. އެގޮތުން ރާމޯސް ސްޕެއިންއަށް 153 މެޗު ކުޅެދީފައިވާ އިރު ޕީކޭ ވަނީ ސްޕެއިންއަށް 91 މެޗު ކުޅެދީފައެވެ.

 

- ކޮމެންޓް