ކ. މާލެ
|
5 އޮކްޓޯބަރ 2017 | ބުރާސްފަތި 08:39
ރޮނާލްޑޯ ބެލެންޑޯ އެވޯޑާއެކު
ރޮނާލްޑޯ ބެލެންޑޯ އެވޯޑާއެކު
ގޫގުލް
ކްރިސްޓިއާނޯ ރޮނާލްޑޯ
ރޮނާލްޑޯގެ ބެލަންޑޯ ނީލަމުގައި ވިއްކާލައިފި
މި ބެލެންޑޯ ޓްރޮފީ ނީލަމުގައި ވިކިފައިވަނީ 6 ލައްކަ ޔޫރޯއަށް
މި ޓްރޮފީ ވިއްކާލައިގެން ލިބުނު ފައިސާ ރޮނާލްޑޯ ހަދިޔާކޮށްފައިވަނީ "މޭކް އަ ވިޝް" ފައުންޑޭޝަނަށް
ރޮނާލްޑޯއަށް ވަނީ 2015 ވަނަ އަހަރު ޗެރިޓީއަށް އެންމެ ގިނައިން ފައިސާ ހަރަދުކުރާ އެތްލީޓުގެ އެވޯޑު ލިބިފަ

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯއަށް 2013 ވަނަ އަހަރު ލިބުނު ބެލަންޑޯ ޓްރޮފީ ނީލަމުގައި ވިއްކާލައިފިއެވެ.

ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ މި ބެލެންޑޯ ޓްރޮފީ ނީލަމުގައި ވިކިފައި ވަނީ 6 ލައްކަ ޔޫރޯއަށެވެ. މި ޓްރޮފީ ވިއްކާލައިގެން ލިބުނު ފައިސާ ރޮނާލްޑޯ ހަދިޔާ ކޮށްފައިވަނީ "މޭކް އަ ވިޝް" ފައުންޑޭޝަނަށެވެ. ރޮނާލްޑޯ ޗެރިޓީއަށް ހަދިޔާ ކުރި މި ޓްރޮފީ ވިއްކާލާފައި ވަނީ "މޭކް އަ ވިޝް" ފައުންޑޭޝަނުން ލަންޑަންގެ ޑޯޗެސްޓާ ހޮޓަލުގައި ކުރިޔަށް ގެންދިޔަ "އާޓް އޮފް ވިޝެސް"  ނީލަމުގައެވެ.

2013 ވަނަ އަހަރު ރޮނާލްޑޯ ހޯދި މި ބެލެންޑޯއަކީ އޭނާގެ ކެރިއަރުގައި ހޯދި ދެވަނަ ބެލެންޑޯއެވެ. މި އެވޯޑް އޭނާ ހޯދާފައި ވަނީ ލިއޮނެލް މެސީ އަދި ބަޔާން މިއުނިކްގެ ފްރޭންކް ރިބެރީ ފަހަތަށް ޖައްސާލުމަށް ފަހުއެވެ. އެގޮތުން އޭނާ ވަނީ އެ އަހަރު ބެލެންޑޯގެ ވޯޓުގެ 28 ޕަސެންޓް ހޯދާފައެވެ. މި އެވޯޑަކީ ޖެހިޖެހިގެން 4 ފަހަރު މެސީ މި އެވޯޑު ހޯދުމަށް ފަހު ރޮނާލްޑޯ ހަތަރު އަހަރަށް ފަހު މި އެވޯޑު ހޯދި ފުރަތަމަ ފަހަރެވެ.

މި ފަންޑްރައިޒިން އިވެންޓަށް 2.7 މިލިއަން ޔޫރޯ ލިބިފައިވާއިރު މި އިވެންޓް އިންތިޒާމް ކުރި "މޭކް އަ ވިޝް" ފައުންޑޭޝަނުން ޓާގެޓެއްގެ ގޮތުގައި ކަނޑައެޅީ 1.5 މިލިއަން ޔޫރޯއެވެ. ރޮނާލްޑޯއަކީ "މޭކް އަ ވިޝް" ފައުންޑޭޝަނަށް އެކި ގޮތްގޮތުން އެހީތެރިވަމުންދާ އެތްލީޓެކެވެ. އެގޮތުން އޭނާ އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަޅާލުން ނުލިބި ތިބި ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުއެކި މަސައްކަތް ކޮށްދެމުންނެވެ.

"މޭކް އަ ވިޝް" ފައުންޑޭޝަންގެ ފަރާތުން ވާހަކަ ދެއްކި ސްޕޯކްސްޕާސަން ބުނެފައި ވަނީ މިފަދަ އަގުހުރި އެއްޗެއް ނީލަން ކިޔުމަށް ރޮނާލްޑޯ ހަދިޔާ ކުރުމުން އެއީ އެ ފައުންޑޭޝަނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ރޮނާލްޑޯގެ ފަރާތުން ފެނިގެންދިޔަ ނަމޫނާ ބަލައި އެހެން ކުޅުންތެރިން ވެސް މިފަދަ ކަންކަން ކުރުމަށް އިސްނަގާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ސްޕެއިންގެ މަޝްހޫރު ނޫހެއް ކަމަށްވާ މާސާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ރޮނާލްޑޯ ނީލަމަށް ހަދިޔާކުރި ބެލެންޑޯ ޓްރޮފީއަކީ އޭނާއަށް މި އެވޯޑު ލިބުނު އަހަރު އޭނާގެ އެދުމަށް ފީފާއިން ދިން އިތުރު ޓްރޮފީއެކެވެ. އަދި އޭނާއަށް ލިބުނު އަސްލު ޓްރޮފީ އަދިވެސް އޭނާގެ އަމިއްލަ ގޭގައި ބެހެއްޓިފައިވާ ކަމަށްވެއެވެ.

ރޮނާލްޑޯއަށް ވަނީ 2015 ވަނަ އަހަރު ޗެރިޓީއަށް އެންމެ ގިނައިން ފައިސާ ހަރަދުކުރާ އެތްލީޓުގެ އެވޯޑު ލިބިފައެވެ.  

- ކޮމެންޓް