ކ. މާލެ
|
5 އޮކްޓޯބަރ 2017 | ބުރާސްފަތި 07:59
އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ތެރެއިން
އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ތެރެއިން
ރާއްޖެއެމްވީ
ޕޫލް ބިލިއާޑް
ގައުމީ 10 ބޯލް ޗެމްޕިއަންޝިޕް މި މަހު ފަށަނީ
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހު
މުބާރާތުގައި ބައިވެރިވުމުގެ ފީ އެއްގެ ގޮތުން ކޮންމެ ކުޅުންތެރިޔަކުވެސް 100 ރުފިޔާގެ ފީ އެއް ދައްކަން ޖެހޭ
މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ޑަބަލް އެލެމިނޭޝަން ފޯމެޓަށް

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ގައުމީ ޓެން ބޯލް ޗެމްޕިއަންޝިޕް މި މަހުގެ ފަށަން ނިންމައިފިއެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ހަމައެހެންމެ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އެ އެސޯސިއޭޝަނުގެ މެމްބަރުންނަށް ކަމަށާއި މުބާރާތުގައި ބައިވެރިވުމުގެ ފީ އެއްގެ ގޮތުން ކޮންމެ ކުޅުންތެރިޔަކުވެސް 100 ރުފިޔާގެ ފީ އެއް ދައްކަން ޖެހެއެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް  ފޯމު ހުށަހެޅުމުގެ ސުން ގަޑިއަކީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭގެ 10 ޖަހާއިރުއެވެ.

މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ޑަބަލް އެލެމިނޭޝަން ފޯމެޓަށް ކަމުގައި ވިޔަސް މުބާރާތުގެ ފައިނަލް މެޗުގައި ކުޅުމަށް ހަމަޖެހިފައިވަނީ އެންމެ މެޗެކެވެ. އަދި މުބާރާތުގައި 64 ކުޅުންތެރިންނަށް ވުރެ ގިނަ ކުޅުންތެރިން ބައިވެރި ވެއްޖެ ނަމަ މުބާރާތަށް އޮޓޯކޮށް ކޮލިފައިވަނީ 32 ކުޅުންތެރިންނެވެ. ބާކީ 32 ކުޅުންތެރިން ކޮލިފައިން ރައުންޑް ކުޅެން ޖެހޭނެއެވެ. އެހެނަސް 64 ކުޅުންތެރިންނަށް ވުރެ މަދުން ބައިވެރިވެއްޖެ ނަމަ މުބާރާތް ކުރިޔަށް ގެންދާނީ އޮޓޯކޮށް ކޮލިފައިވާ 16 ކުޅުންތެރިންނާ ކޮލިފައިން ކުޅެގެން މުބާރާތުން ޖާގަ ހޯދާ 16 ކުޅުންތެރިންނާއެކު މުޅި ޖުމްލަ 32 ކުޅުންތެރިންނާއެކުއެވެ.

މި މުބާރާތުގައި ޗެމްޕިއަން ކުޅުންތެރިޔާގެ އިތުރުން ރަނަރަޕް ކުޅުންތެރިޔާ އާއި އެންމެ އުއްމީދީ ކުޅުންތެރިޔާގެ އިތުރުން މުބާރާތުގައި އެންމެ ގިނަ ބްރޭކް ރަންއައުޓް އަދި އެންމެ ގިނަ ރަންއައުޓް ޖަހާ ކުޅުންތެރިޔާ ހޮވުމަށް ވަނީ ނިންމާފައެވެ. އަދި މި މަގާމްތަކަށް ހޮވޭ ކުޅުންތެރިންނަށް ތައްޓާއި މެޑަލްގެ އިތުރުން ފައިސާގެ އިނާމް ދިނުމަށް ނިންމާފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ވެބްސައިޓުންނާ އެ އެސޯސިއޭޝަންގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށް އެ އެސޯސިއޭޝަނުން ހާމަކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް