އެމެރިކާގެ ސްޓޭޓެއް ކަމަށްވާ މިޝިގަންގައި މަންމަ އަކު އޭނާގެ ފިރިހެން ދަރިފުޅަށް ވެކްސިން ދިނުމަށް ފަނޑިޔާރަކު ކުރި އަމުރަށް ތަބާ ނުވުމުން ހަތް ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފިއެވެ.
ރިބެކާ ބްރީޑޯ ވަނީ އޭނާގެ ނުވަ އަހަރުގެ ދަރިފުޅަށް ވެކްސިން ދިނުމަށް ކުއްޖާގެ ބައްޕައާއެކު ފުރަތަމަ އެއްބަސްވުމަށްފަހު އެކަން ނުކޮށްފައެވެ.
އަންހެން މީހާގެ ކުރީގެ ފިރިމީހާ އަދި ކުއްޖާގެ ބައްޕައަށް މިހާރުވަނީ އެ ކުއްޖާއަށް ވެކްސިން ދިނުމަށްޓަކައި އޭނާގެ ބެލެނިވެރިކަން ވަގުތީ ގޮތުން ހަވާލުކޮށްފައެވެ.
މިޝިގަންގައި ބެލެނިވެރިންނަށް އެމީހުން ގަބޫލުކުރާ ގަބޫލުކުރުމެއްގެ ސަބަބުން ކުދިންނަށް ވެކްސިން ނުދީ ނުވަތަ ދިނުން ފަސްކޮށްލުމަށް ގާނޫނު ހުއްދަ ކުރެއެވެ.ނަމަވެސް ބްރިޑޯގެ މައްޗަށް ގާނޫނީ ފިޔަވަޅު އެޅުނީ އޭނާގެ ކުރީގެ ފިރިމީހާއެކު އެ ކުއްޖާއަށް ނޮވެމްބަރު 2016 އާ ހަމައަށް ވެކްސިން ދޭން އެއްބަސް ވުމަށްފަހު ނުދިނުމުންނެވެ.
ދެ ކުދިންގެ މަންމަގެ މައްޗަށް ބުދަ ދުވަހު ކޯޓުން ހުކުމް ކުރީ އޭގެ ކުރީ ހަފްތާގައި އޭނާގެ ދަރިފުޅަށް ވެކްސިން ދިނުމަށް ކޯޓުން ކުރި އަމުރާ އެއްގޮތަށް އެކަން ނުކުރުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމުމަށްފަހުއެވެ.
ބްރީޑޯއާ އޭނާގެ ކުރީގެ ފިރިމީހާވަނީ އެ ދެމީހުންގެ ދަރިފުޅު ލިބުނު ވަގުތު އެކުއްޖާއަށް ވެކްސިން ދިނުން ފަސްކުރުމަށް އެއްބަސްވެފައެވެ.
އޭބީސީ ނިއުސް ބުނާގޮތުން ދެމީހުން ވަރިވެފައިވަނީ 2008 ވަނަ އަހަރުއެވެ. ނަމަވެސް ކުއްޖާގެ ބެލެނިވެރިކަން ދެ މީހުން ބަހާލައިގެން ހިއްސާކުރަމުންދާއިރު ކުއްޖާގެ ބައްޕަ ބޭނުންވަނީ ވެކްސިން ދޭށެވެ.