ކ. މާލެ
|
4 އޮކްޓޯބަރ 2017 | ބުދަ 18:56
ރާއްޖޭގެ 19 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމު
ރާއްޖޭގެ 19 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމު
ފޭސްބުކް
ފުޓުބޯޅަ ތަރައްގީކުރުން
އައްޑޫގައި އެފްއޭއެމް އިން 19 އަހަރުން ދަށުގެ ޓީމެއް ބިނާކުރަނީ!
އެފްއޭއެމްގެ ޓީމެއް ހޮނިހިރު ދުވަހު އައްޑޫއަށް ފުރާނެ

އައްޑޫ ސިޓީގައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން 19 އަހަރުން ދަށުގެ ޓީމެއް ބިނާކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން އެފްއޭއެމްގެ ނައިބްރައީސާ އައިޝަތު ނާޒިމާ ވިދާޅުވީ، އައްޑޫއިން ޒުވާން ޓީމެއް އުފެއްދުމުގެ މަސައްކަތް އެފްއޭއެމް އިން ފަށާފައިވާ ކަމަށާއި، އެގޮތުން އަންނަ ހޮނިހިރު ދުވަހު އެފްއޭއެމްގެ ހާއްސަ ޓީމެއް އެކަން ފެށުމުގެ ގޮތުން އައްޑޫ ސިޓީއަށް ދާނެ ކަމަށެވެ.

ނާޒިމާ ވިދާޅުވީ، އައްޑޫ އަށް ދަތުރުކުރާ ޓީމުގައި ރާއްޖޭގެ ނަން މަޝްހޫރު ފަސް ކޯޗުން ހިމެނެނޭ ކަމަށާއި، އެ ކޯޗުން އައްޑޫގެ އެކި ރަށްތަކުން ކުޅުންތެރިން ހޯދާ ޓީމެއް އެކުލަވާލާނެ ކަމަށެވެ.

ނާޒިމާ ވިދާޅުވީ، ޓީމު އެކުލަވާލުމަށް ފަހު ރާއްޖޭގެ 19 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމާއެކު އައްޑޫ ޓީމު މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ މެޗު ކުޅުމަށް 19 އަހަރުން ދަށުގެ ޓީމު އައްޑޫއަށް ދާނެކަމަށެވެ.

އައްޑޫ އިން އެކުލަވާލި ޓީމު އަދި 19 އަހަރުން ދަށުގެ ޓީމު ކުޅޭ މެޗުގައި ދެޓީމުންވެސް ބޭނުންކުރާނީ ގައުމީ ޖޯޒީ ކަމަށާއި، އެގޮތުން ގައުމީ ޓީމު ރަތް ކުލަ ބޭނުންކުރާއިރު، އައްޑޫ ޓީމު ބޭނުންކުރާނީ ނޫ ޖޯޒީ ނާޒިމާ ވިދާޅުވިއެވެ. ނާޒިމާ ވިދާޅުވީ އައްޑޫ ޓީމުގެ ކޯޗުކަން ކުރާނީ ޓެކްނިކަލް ޑައިރެކްޓަރު ކޭން ވަންލީ ކަމަށެވެ.

ޒުވާން ޓީމުތައް ބިނާކުރުމަށް އެފްއޭއެމް އިން ކުރާ މަސައްކަތުގެ ދަށުން އެކުލަވާލާ މި ޓީމުވެގެންދާނީ 19 އަހަރުން ދަށުގެ ބެކަޕެއްގެ ގޮތުގައި ކަމަށާއި، އެޓީމު ބިނާކުރުމަށް އެފްއޭއެމް އިން މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ނާޒިމާ ވިދާޅުވީ، އައްޑޫ އިން އެކުލަވާލާ ޓީމުން ފާހަގަކުރެވޭ ކުޅުންތެރިންނަށް 19 އަހަރުން ދަށުގެ ގައުމީ ޓީމުން ވެސް ފުރުސަތު ލިބޭނެ ކަމަށެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް