ކ. މާލެ
|
4 އޮކްޓޯބަރ 2017 | ބުދަ 15:50
ރަޝިއާގެ ހަނގުރާމަމަތީ ބޯޓުތަކުން ސީރިއާ އަށް ވައިގެ ހަމަލާ ދެނީ
ރަޝިއާގެ ހަނގުރާމަމަތީ ބޯޓުތަކުން ސީރިއާ އަށް ވައިގެ ހަމަލާ ދެނީ
ގޫގުލް
ސީރިއާ
ވައިގެ ހަމަލާތަކުގައި ޖަބްޙަތުއް ނުޞްރާގެ ލީޑަރު ޒަޚަމްވެއްޖެ
އޭނާގެ ބޮލާއި ހަށިގަނޑުގެ އެތައް ތަނެއް ޒަޚަމްވެ، އެއް އަތް ވަކިވެފައިވާ ކަމަށް ރަޝިއާ އިން ބުނޭ
މިހަމަލާގައި ޖަބްޙަތުއް ނުޞްރާގެ އިސް ކޮމާންޑަރުންގެ 12 މީހަކު މަރުވެފައިވޭ

ސީރިއާގައި ރަޝިއާ އިން ދިން ވައިގެ ހަމަލާތަކުގައި ޖަބްޙަތުއް ނުޞްރާ (ނުޞްރާ ފްރަންޓް) ގެ ލީޑަރު ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމަށް ރަޝިއާގެ ދިފާޢީ ވުޒާރާ އިން ބުނެފި އެވެ.

ރަޝިއާގެ ދިފާޢީ ވުޒާރާ އިން ބުދަ ދުވަހު ބުނީ، ސީރިއާގައި ދިން ވައިގެ ހަމަލާތަކުގައި ޓެރަރިސްޓް ޖަމާޢަތެއް ކަމަށްވާ ނުޞްރާގެ ލީޑަރު ޒަޚަމްވުމުގެ އިތުރުން، އެމީހުންގެ ކޮމާންޑަރުންގެ 12 މީހަކު މަރުވެފައިވާ ކަމަށެވެ.

ރަޝިއާގެ ވައިގެ ހަމަލާ އަމާޒު ކޮށްފައިވަނީ، ނުޞްރާ ފްރަންޓުގެ ލީޑަރު އަބޫ މުޙައްމަދު އަލް ޖުލާނީ އެޖަމާޢަތުގެ އިސް ކޮމާންޑަރުންތަކަކާއެކު އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމަކަށް ކަމަށް ރަޝިއާގެ ދިފާއީ ވަޒީރުގެ ތަރުޖަމާނާއި ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ. އަދި ބައްދަލުވުން ބާއްވާ ތަނާއި ވަގުތު ހޯދާފައިވަނީ ރަޝިއާގެ އަސްކަރިއްޔާގެ ޖާސޫސުންނަށް ލިބުނު މަޢުލޫމާތުތަކުގެ އަލީގައި ކަމަށް އެޤައުމުގެ ދިފާޢީ ވުޒާރާ އިން ނެރުނު ބަޔާނުގައިވެއެވެ.

އަދި ވައިގެ ހަމަލާތަކުގައި ނުޞްރާ ފްރަންޓުގެ ލީޑަރު އަބޫ މުޙައްމަދު އަލް ޖުލާނީގެ ހަށިގަނޑުގެ އެކި ތަންތަން ޒަޚަމްވެ، އޭނާގެ އެއް އަތް ވަކިވެފައިވާ ކަމަށާއި، ބޮލަށް ލިބުނު ޒަޚަމްތަކާއެކު އޭނާގެ ޙާލަތު ސީރިއަސް ކަމަށް މިނިވަން މަސްދަރުތަކުން މަޢުލޫމާތު ލިބިފައިވާ ކަމަށް އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވި އެވެ.

މީގެ އިތުރުން މިހަމަލާތަކުގައި ނުޞްރާ ފްރަންޓުގެ ކޮމާންޑަރުންގެ އިތުރުން ހަށިފާރަވެރިންގެ ފަންސާސް މީހަކު މަރާލެވިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޖަބްޙަތުއް ނުޞްރާ ނުވަތަ އަލް ނުޞްރާ ފްރަންޓަކީ، ސީރިއާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތެކެވެ. ކުރިން އަލްޤައިދާގެ ސީރިއާ ގޮފީގެ ގޮތުގައި އޮތް ނުޞްރާ ފްރަންޓުން ވަނީ 2016 ވަނަ އަހަރު އަލް ޤައިދާ އިން ވަކިވެފައެވެ. އޭގެ ފަހުން އެޖަމާޢަތުގެ ނަން ވަނީ ޖަބްޙަތުއް ފަތަޙް އަލް ޝާމް އަށް ބަދަލުކޮށްފައެވެ. ނުރައްކާތެރި ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި މަޝްޙޫރު ޖަބްޙަތުއް ނުޞްރާ އަކީ ސީރިއާގެ ރައީސް ބައްޝާރުލް އަޞަދުގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހަނގުރާމަވެރި ޖަމާޢަތްތަކުގެ އިއްތިޙާދު ހަޔާތު ތަޙްރީރް އަލް ޝާމްގެ މުހިންމު ބައިވެރި އެކެވެ.

- ކޮމެންޓް