ޖަރުމަނުގެ ބަޔާން މިއުނިކް ދޫކޮށް ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވެވުނީތީ އުފާކުރާ ކަމަށް ޓޯނީ ކްރޫސް ބުނެފިއެވެ.
ޖަރުމަނުގެ ގައުމީ ޓީމާއި ރެއާލް މެޑްރިޑްގެ މިޑްފީލްޑްގައި ވެސް މުހިންމު ރޯލެއް އަދާކުރަމުން އަންނަ ކްރޫސް 2014 ވަނަ އަހަރު ރެއާލްއާއި ގުޅިފައިވަނީ 25 މިލިއަން ޔޫރޯއަށެވެ. އޭގެ ފަހުން އޭނާ އަންނަނީ ރެއާލްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.
އަންނަ އަހަރު ރަޝިއާގައި އޮންނަ ވޯލްޑްކަޕަށް ކޮލިފައިވުމަށް ޖަރުމަނުގެ ޓީމުން ކުޅޭ ކޮލިފައިންގެ މެޗުތަށް ކުޅުމަށް މިވަގުތު ޖަރުމަނުގައި ހުރި ކްރޫސް ބުނެފައިވަނީ ރެއާލްއަށް ބަދަލުވެވުމަކީ އެންމެ ރަނގަޅު ނިންމުން ކަމަށާއި އޭނާއަށް އެކަމުގައި އިތުރަށް އެއްޗެއް ބުނަން ވިސްނަންވެސް ނުޖެހޭ ކަމަށެވެ. އަދި އޭރު ރެއާލްގެ ކޯޗުގެ ގޮތުގައި ހުރި ކާލޯ އަންޗެލޯޓީ އޭނާ ރެއާލްއަށް ގެންނަން މަސައްކަތް ކުރި ކަމަށާއި އަދި އޭނާގެ ކެރިއަރުގައި އިތުރަށް ކުރިޔަށް ދިއުމަށް އެންމެ ހިތްވަރު ދިން ކޯޗަކީ އަންޗެލޯޓީ ކަމަށްވެސް ކްރޫސް ބުނެފައިވެއެވެ.
ކްރޫސް ބަޔާން ދޫކޮށްލި ސީޒަނުގައި އެ ޓީމުގެ ކޯޗުގެ ގޮތުގައި ހުރި ޕެޕް ގާޑިއޯލާއާ ބެހޭގޮތުން ކްރޫސް ބުނެފައިވަނީ އޭނާއަކީވެސް ކެރިއަރުގައި ވަރަށް މުހިންމު ކޯޗެއް ކަމަށާއި އޭނާގެ ދަށުން ކުޅުނު ހަމައެކަނި ސީޒަނުގެ ވެސް އަގުވަޒަން ކުރަން ޖެހޭ ކަމަށެވެ. އަދި އެ ސީޒަނަކީ ކުޅުންތެރިޔެއްގެ ގޮތުގައި އޭނާއަށް ބޮޑެތި ބަދަލުތަކެއް އައި ސީޒަނެއް ކަމަށާއި ޖަރުމަނުން ބޭރު ޓީމަކަށް ބަދަލުވާން ޖެހުނީ ކެރިއަރުގައި އާ ހަރުފަތެއް ގިރާކުރަން ބޭނުންވާތީ ކަމަށްވެސް ކްރޫސް ބުނެފައިވެއެވެ.
އެހެނަސް ކްރޫސް ބުނެފައިވަނީ އޭނާގެ ކެރިއަރުގެ އެންމެ މުހިންމު ކޯޗަކީ ބަޔާންއާ އެކު ގިނަ ކާމިޔާބީ ތަކެއް ހޯދި ޖުޕް ހެއިންކޭސް ކަމަށާއި ޒުވާން ދުވަސްވަރު އޭނާގެ ކިބައިން އުގެނުނު ކަންކަމަކީ ދުވަހަކުވެސް އޭގެ އަގު އަދާ ނުކުރެވޭނެ ކަންކަން ކަމަށެވެ.
ކްރޫސްއަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު މިޑްފީލްޑަރުގެ ގޮތުގައި ގިނަ ބަޔަކު ދެކޭއިރު އޭނާ ވަނީ ޖަރުމަނާއެކު ވޯލްޑްކަޕް ކާމިޔާބު ކުރުމަށް ފަހު ރެއާލްއަށް ބަދަލުވި ފަހުން އެ ޓީމަށް 102 މެޗު ކުޅެދީ ހަތް ލަނޑު ޖަހައިދީފައެވެ. އަދި އޭނާވަނީ ރެއާލްގައި ވޭތުކުރި އަށް ތަށި ކާމިޔާބު ކޮށްފައެވެ.