ކޮރަޕްޝަނުގެ ދައުވާކޮށް މަގާމުގެ ޝަރުތުތައް ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން ބޮޑުވަޒީރު ކަމުުގެ މަގާމުން އިސްތިއުފާ ދެއްވިތާ ދެމަސް ދުވަހުގެ ތެރޭ ނަވާޒް ޝަރީފް ޕާކިސްތާނުގެ ވެރިކަންކުރާ ޕާޓީގެ ވެރިއަކަށް ވަޑައިގެންފިއެވެ.
އެއްވެސް ފަރާތެއްގެ ދެކޮޅުހެދުމެއް ނެތި ނަވާޒް ޝަރީފް އެ މަގާމަށް އިންތިޚާބް ކޮށްފައިވަނީ އަންގާރަ ދުވަހުއެވެ.
ޕާކިސްތާން މުސްލިމް ލީގް-ނަވާޒް ޕާޓީގެ ވެރިއަކަށް ނަވާޒް ހަމަ ޖައްސާފައި މިވަނީ ސިޔާސީ މަގާމެއްގައި ހުންނަވާ ބޭފުޅަކު މަގާމުން ވަކިކުރެވުނަސް އެމީހަކު ނިސްބަތްވާ ސިޔާސީ ޕާޓީއެއްގެ ލީޑަރުގެ މަގާމް ފުރަންޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައެޅިތާ އެއްްދުވަސް ތެރޭގައެވެ.
މި ބަދަލުވެގެންދާނީ ތިން ފަހަރަށް ބޮޑުވަޒީރުކަން ކުރައްވާފައިވާ ނަވާޒް ޝަރީފް، 2013 ވަނަ އަހަރުގެ އާއްމު އިންތިޚާބުގައި ވާދަކުރެއްވިއިރު އެ މަނިކުފާނުގެ ފުރިހަމަ މިލްކިއްޔާތު ހާމަކުރައްވާފައި ނުވާތީ މަގާމުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ކަނޑައަޅައި ޖުލައި މަހު ސުޕްރީމް ކޯޓުން މަގާމުން ދުރުކޮށްފައިވަނިކޮށް އަނބުރާ ވަޑައިގަތުމަށް ލިބިވަޑައިގަންނަވާ ފުރުސަތަކަށެވެ.
މަގާމު ގަބޫލުކުރައްވައި އަންގާރަ ދުވަހު ދެއްވި ތަގުރީރުގައި ނަވާޒް ޝަރީފް ވަނީ 2013 ވަނަ އަހަރު ތިންވަނަ ދައުރަކަށް އޭނާއަށް ވޯޓްދެއްވި ފަރާތްތައް އެދުނު އެދުމަށް ސުޕްރީމް ކޯޓުން ހުރަސް އަޅާފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ.
" އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޑެމޮކްރަސީ ވަރުގަދަ ކުރެވޭނެ ހަމައެކަނި ގޮތަކީ ރައްޔިތުން ހަވާލުކުރާ މެންޑޭޓަށް އިހުތިރާމް ކޮށްގެން" އޭނާ ވިދާޅުވިއެެވެ.
" ގާނޫނުގެ ބޭނުންކޮށްގެން ރައްޔިތުން ހަވާލުކުރާ މެންޑޭޓް ބަދަލުކުުރުން ހުއްޓުވެން ޖެހޭ"
އިސްލާމް އާބާދުގައި ޕާޓީގެ އެތައް ސަަތޭކަ މީހުން އެއްވެ ތާއީދު ކުރަމުންދިޔަ މި އެއްވުމުގައި ނަވާޒް ޝަރީފް ވަނީ އަންނަ އަހަރު ބާއްވާ އިންތިޚާބުގައި ޕާޓީއަށް ފުރިހަމަ ކާމިޔާބެއް ހޯދައިދިނުމަށް ޕާޓީ ލީޑްކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެެ.
"2018 ވަނަ އަހަރު ޕީއެމްއެލް-އެން އެނބުރި އަންނާނެ ބޮޑު މެންޑޭޓަކާ އެކު، އަޅުގަނޑުމެންގެ ދަތުރު ދާނީ ކުރިޔަށް" ނަވާޒް ޝަރީފް ވިދާޅުވިއެވެ.
މަޝްހޫރު ޕެނަމާ ޕޭޕަރުތަކުގެ ޒަރީއާއިން ލީކުވެފައިވާ މައުލޫމާތުގައި ނަވާޒް ޝަރީފްގެ ބޭފުޅުން ވަނީ އޮފްޝޯ ކުންފުންޏެއް ރަޖިސްޓަރީކޮށް މާލީ ބޮޑެތި ފައިދާތަކެއް ހޯއްދަވާފައެވެ. ލީކު ވެފައިވާ ޕެނެމާ ޕޭޕަރު ތަކުގައިވާ ގޮތުން ނަވާޒް ޝަރީފް ބޭފުޅުންވަނީ ބްރިޓިޝް ވާޖިން އައިލެންޑްސްގައި ކުންފުންޏެއް ރަޖިސްޓަރީކޮށް އެ ކުންފުނިން އިނގިރޭސިވިލާތުން އިމާރާތްތައް ބައްލަވައި ގަނެފައެވެ.
މި މުދާވެރިކަން ހޯދިގޮތް ނަވާޒް ޝަރީފާ އާއިލާއަށް ބުނެދެވިފައެއް ނުވެއެވެ.
ބޮޑު ވަޒީރު ނަވާޒު ޝަރީފު ވެވަޑައިގެންފައި ވަނީ ޕާކިސްތާނުގެ 70 އަހަރުވީ ތާރީޚުގައި މަގާމުން ދުރުކުރެވުނު ދެ ވަނަ ބޮޑު ވަޒީރަށެވެ. މީގެ ކުރިން 2012 ވަނަ އަހަރު ވަނީ އޭރުގެ ބޮޑު ވަޒީރު ޔޫސުފް ރިޒާ ގިލާނީ ސުޕްރީމް ކޯޓުން މަގާމުން ދުރުކޮށްފަ އެވެ. އޭނާ މަގާމުން ދުރުކުރީ ރައީސް އާސިފް އަލީ ޒަރުދާރީގެ ކޮރަޕްޝަން މައްސަލަތައް ބެލުމަށް ދެކޮޅު ހެއްދެވުމުންނެވެ.