ކ. މާލެ
|
3 އޮކްޓޯބަރ 2017 | އަންގާރަ 15:23
ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމު
ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމު
ގޫގުލް
ސްޕެއިންގެ ގައުމީ ޓީމް
ސްޕެއިންގެ ސްކޮޑުން ކަވަހާލް، މޮރާޓާ އަދި އިނިއެސްޓާ ބާކީ ކޮށްފި
މި ތިން ކުޅުންތެރިން ވެސް ބާކީ ކުރީ އަނިޔާގެ ސަބަބުން
ސްޕެއިން މިވަގުތު އޮތީ އެ ޓީމު ވާދަކުރަމުންދާ ވޯލްޑްކަޕް ކޮލިފައިންގެ ގްރޫޕް ޖީގެ އެއްވަނައިގަ

އަލްބޭނިއާ އަދި އިސްރާއިލްއާ ދެކޮޅަށް ސްޕެއިން ކުޅޭ މެޗުތަކަށް ނެގި ސްކޮޑުން ތިން ކުޅުންތެރިޔަކު ބާކީ ކޮށްފިއެވެ.

އަންނަ އަހަރު ރަޝިއާގައި އޮންނަ ފީފާ ވޯލްޑްކަޕް ކޮލިފައިންގައި އިސްރާއިލް އަދި އަލްބޭނިއާ އާއި ދެކޮޅަށް ސްޕެއިންގެ ގައުމީ ޓީމުން ކުޅޭ މެޗުތަކަށް ނެގި ސްކޮޑުން ފުރުސަތު ގެއްލިފައި ވަނީ ބާސެލޯނާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ އާއި ރެއާލް މެޑްރިޑްގެ ޑެނީ ކަވަހާލްގެ އިތުރުން ޗެލްސީގެ އަލްވާރޯ މޮރާޓާއަށެވެ. ސްޕެއިންގެ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ގަވާއިދުން ޖާގަ ހޯދަމުން ދިޔަ މި ތިން ކުޅުންތެރިންނަށް މި ފަހަރު ފުރުސަތު ގެއްލުނީ އަނިޔާގެ ސަބަބުންނެވެ.

ރެއާލްއިން މި ސީޒަނުގައި ކުޅުނު ހަ މެޗުގައިވެސް ގަވާއިދުން ކުޅުނު ކަވަހާލްއަށް މިފަހަރު ފުރުސަތު ގެއްލުނީ ވައިރަލް އިންފެކްޝަނެއްގެ ސަބަބުން އޭނާގެ ހިތަށް ދިމާވި މައްސަލައެއްގައި މުއްދަތެއް ނެތް ގޮތަށް ކުޅުމާ ދުރަށް ދާން ޖެހުމުންނެވެ. އަދި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ އަލްވާރޯ މޮރާޓާގެ ފަލަމަސް ގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާއަށް ވެސް މިފަހަރު ޖާގަ ދީފައެއް ނުވެއެވެ. އަދި އިނިއެސްޓާއަށް ވެސް ޖާގަ ގެއްލިފައިވަނީ އޭނާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.

މި ތިން ކުޅުންތެރިންގެ ބަދަލުގައި ސްކޮޑަށް ނެގި ކުޅުންތެރިން އަދި ސްޕެއިންގެ ކޯޗު ޖޫލެން ލޮޕްޓެގީ އިއުލާނުކޮށްފައެއް ނުވެއެވެ. ކެޓަލޯނިއާގެ މައްސަލައިގައި ސްޕެއިންގެ ފުޓްބޯޅަ ޓީމުގެ ތެރޭގައި ބައިބައިވުން އުފެދިފައިވާ ކަމަށް ހަބަރުތައް ވަނީ ފެތުރިފައެވެ. އެގޮތުން އެ ޓީމުގެ ޑިފެންޑަރު ޖެރާޑް ޕީކޭ ފަރިތަކުރުންތަކުގައި ބައިވެރުމަށް ދިޔަ ވަގުތު އެތަނަށް އެއްވެ ތިބި މީހުން ވަނީ ޕީކޭއާ ހަޑިހުތުރު ބަހުން މުއާމަލާތްކޮށް އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ޕީކޭ ކެޓަލޯނިއާގައި މީހުންނަށް ކުރަމުންދާ އަނިޔާތައް ފެނި ފެންކަޅިވެފައި ހުރެ ދިން އިންޓަވައުއެއްގައި އޭނާ ބުނެފައިވަނީ ސަޕޯޓަރުން އޭނާ ސްޕެއިންގެ ގައުމީ ޓީމަށް ކުޅެން ބޭނުންނުވާ ނަމަ އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށެވެ.

ހުކުރު ދުވަހުގެ ރޭ އަލްބޭނިއާ އާއި ދެކޮޅަށް ނުކުންނަ އިރު ސްޕެއިން މިވަގުތު އޮތީ އެ ޓީމު ވާދަކުރަމުންދާ ވޯލްޑްކަޕް ކޮލިފައިންގެ ގްރޫޕް ޖީގެ އެއްވަނައިގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް