އެޓްލެޓިކޯ މެޑްރިޑްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އާސެނަލްއަށް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް އެ ޓީމުގެ ފޯވާޑް އެލެކްޒެންޑާ ލަކަޒެޓް ބުނެފިއެވެ.
ފްރާންސްގެ ގައުމީ ޓީމު ތަމްސީލްކުރާ މި ދެ ކުޅުންތެރިން މިވަގުތު ތިބީ އަންނަ އަހަރު ރަޝިއާގައި އޮންނަ ފީފާ ވޯލްޑްކަޕް މުބާރާތުގެ ކޮލިފައިންގައި ފްރާންސްއިން ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ފްރާންސްގެ ޓީމާއެކުއެވެ.
"މެޗް އޮފް ދަ ޑޭ" މެގަޒިންއާ ވާހަކަ ދައްކަމުން ލަކަޒެޓް ބުނެފައިވަނީ އާސެނަލްއަށް ސޮއި ކުރުމަށް ގްރީޒްމަން ކައިރި ބުނާނެ ކަމަށާއި އަދި ފްރާންސްގެ ގައުމީ ޓީމާއެކު ކުޅޭއިރު އެންމެ ފަސޭހަ ވަނީ ގްރީޒްމަން އަދި ޓޮލީސޯއާ އެކީ ކުޅުމަށް ކަމަށެވެ.
ލަކަޒެޓް މިހެން ބުނެފައި ވާއިރު މިދިޔަ ސީޒަނުގެ ޓްރާންސްފާ މާކެޓްގައި ގްރީޒްމަން އެޓްލެޓިކޯ ދޫކޮށް އާސެނަލްގެ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތަށް ފެތުރުނެވެ. އެހެނަސް ފީފާއިން އެޓްލެޓިކޯ މެޑްރިޑްއަށް މިދިޔަ ސީޒަނުގެ ޓްރާންސްފާ މާކެޓުގައި ކުޅުންތެރިން ސޮއި ނުކުރެވޭ ގޮތަށް ސަސްޕެންޑް ކުރުމާ ވިދިގެން ގްރީޒްމަން ވަނީ އެ ޓީމާއެކު އާ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ލަކަޒެޓް އިތުރަށް ބުނެފައިވަނީ ފްރެންޗް ލީގާއި އިނގިރޭސި ޕްރިމިއާ ލީގާ ހުރި އެންމެ ބޮޑު ތަފާތަކީ ޕްރިމިއާ ލީގުގައި ކުޅޭ ކުޅުންތެރިންގެ ފެންވަރު ރަނގަޅުވުން ކަމަށާއި އަދި ލަނޑު ޖަހާ ގިނަ އަދަދެއްގެ ފޯވާޑުން ޕްރިމިއާ ލީގުގައި ކުޅޭ ކަމަށެވެ. ލަކަޒެޓް ބުނެފައިވަނީ އަދިވެސް ޕްރިމިއާ ލީގަށް އެއްކޮށް ނުހޭނޭ ކަމަށާއި އިނގިރޭސި ފުޓްބޯޅަ ދަސްކުރުމުގެ ގޮތުން ގިނަ އަދަދެއްގެ މެޗު ބަލާ ކަމަށެވެ. އަދި އޭނާ އާސެނަލްއަށް ކުޅޭ މެޗުތަށްވެސް ފަހުން ބެލުމަށްފަހު ހެދިފައިވާ ގޯސްތަށް ދެނެގަނެ އެކަންކަން ރަނގަޅު ކުރަން ބޭނުންވާ ކަމަށެވެ.
ހަމައެހެންމެ އޭނާ ބުނެފައިވަނީ ޕްރިމިއާ ލީގުގައި ރެފްރީން ނިންމާ ބައެއް ނިންމުންތަކުގެ ސަބަބުން އޭނާ ހައިރާންވާ ކަމަށާއި އެހެނަސް ތިއަރީ އޮންރީގެ އެހީތެރިކަން ލިބޭ ކަމަށާއި އޭނާގެ ފަރާތުން ލިބޭ އެހިތެރިކަން ވަރަށް ބޮޑަށް ފާހަގަ ކުރެވޭ ކަމަށެވެ.
ފްރާންސްގެ ލިޔޯންއިން އާސެނަލްއަށް ބަދަލުވުމަށްފަހު ލަކަޒެޓް އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާވަނީ އާސެނަލް އަށް ކުޅުނު ހަ މެޗުގައި ހަތަރު ލަނޑު އެ ޓީމަށް ޖަހައިދީފައެވެ.