އެމެރިކާގެ ނެވާޑާ ސްޓޭޓްގެ ލަސްވެގަސް ކޮންސެޓް ބަލަންގޮސް ތިބި މީހުންނަށް ދިން ބަޑީގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 59 އަށް އަރައި ޒަޚަމްވި މީހުންގެ އަދަދު 500 އަށްވުރެ އިތުުރުވެއްޖެއެވެ
އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި މި ހަމަލާދީފައިވަނީ މެންޑަލޭ ބޭ ރިޒޯޓް އެންޑް ކެސިނޯގެ ބޭރުގައި ހުރި އިމާރާތެއްގެ ބޭރުގައި ރޫޓް 91 ކޮންސެޓް ކުރިޔަށް ދަނިކޮށެވެ.
ކޮންސެޓް ބެލުމަށް އެވަގުތު 22،000 މީހުން ވަދެ ތިއްބެއެވެ.
ފުލުހުންވަނީ ހަމަލާދިން މީހާއަކީ އުމުރުން 64 އަހަރުގެ ސްޓެފަން ޕެޑޮކް ނަމަކަށް ކިޔާ މީހެއްކަމަށް ބުނެފައެވެ.
އޭނާ ހަމަލާ ދީފައިވަނީ މެންޑަލޭ ބޭ ހޮޓަލުގެ 32 ވަނަ ބުރީގައި ހުރެގެންނެވެ.
އެރިކް ޕެޑޮކް ސްޓެފަންގެ ކޮށްކޮ ސީއެންއެންގައި ބުނެފައިވަނީ އޭނާގެ ބޭބެގެ ސިކުނޑީގެ އެއްވެސް މައްސަލައެއް ނުވަތަ ސިޔާސީ ވަކި މަގުސަދެއް އޮތްކަމެއް ޢާއިލާއަށް އެނގިފައިނުވާކަމަށެވެ.
ފުލުހުންގެންދަނީ މިހަމަލާގެ މަގުސަދަކީ ކޮބައިތޯ ބަލަމުންނެވެ.
ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ސްޓެފަން ޕެޑޮކް ހޮޓަލުގައި ހުރި ކޮޓަރިން ފުލުހުންނަށްވަނީ 16 ރައިފަލް ފެނިފައެވެ. މީގެ އިތުރުން ނެވާޑާގައި ހުންނަ އޭނާގެ ގެއިން ގޮވާތަކެއްޗާއި އިތުރު 18 ހަތިޔާރެއް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
އިސްލާމިކް ސްޓޭޓްގެ ނަންބޯޑް އަޅުވައިގެން އުޅޭ ޖަމާއަތުން ހަމަލާގެ ޒިންމާ ނެގި ނަމަވެސް ބައިނަލްއަގްވާމީ ޓެރެރިޒަމާ މި ހަމަލާއާ ގުޅުމެއްވާކަމެއް ތަހުގީގު ކުރާ ފަރާތްތަކަށް ފެނިފައެއް ނުވެއެވެ.
ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ބަޑީގެ ވަޒަންތަކުގެ އަޑު އިވޭއިރު އެއްވެފައިވާ މީހުން އަސްދޫނި ބައެއްހެން ހަމަލާއިން ދިފާއުވާން ދުވެއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކްލާކް ކައުންޓީގެ ޝެރިފް ޖޯސެފް ލޮމްބާޑޯ ވިދާޅުވީ ހަމަލާދިންކަމަށް ތުހުމަތުކުރެވޭ މީހާ މަރާލީ ހޮޓަލުގައި އޭނާ ހުރި ކޮޓަރީގައި ފުލުހުންނާ އޭނާއާދެމެދު ބަދަލުކުރެވުނު ހަމަލާތަކެއްގައި ކަމަށެވެ.
ލޮމްބާޑޯ އިތުރަށް ވިދާޅުވީ މިކަމުގައި ސުވާލު ކުރަންޖެހޭ އިތުރު މީހަކު ހުރިތޯ ފުލުހުން ބަލަމުން ދާކަމަށެވެ.
ހޯމަ ދުވަހު ވައިޓްހައުސްގައި ހުންނަވައި ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ މި ހަމަލާއަކީ ސީދާ ޝައިތާނީ އަމަލެއްކަމަށް ސިފަ ކުރައްވާފައެވެ.
އާދީއްތަ ދުވަހުދިން ބަޑީގެ ހަމަލާއަކީ 1949 ވަނަ އަހަރަށްފަހު އެމެރިކާގައި މިފަދައިން ދެވުނު އެންމެ ނުރައްކާތެރި ބަޑީގެ ހަމަލާއެވެ.
ގަން ވައޮލެންސް އާކައިވް ނަމަކަށް ކިޔާ ގްރޫޕަކުން ބުނެފައިވާގޮތުގައި 2017 ވަނަ އަހަރުގެ މިހާތަނަށް އެމެރިކާގައި ބަޑީގެ 273 ހަމަލާ ދީފައިވެއެވެ.