ކ. މާލެ
|
2 އޮކްޓޯބަރ 2017 | ހޯމަ 16:48
ތިނަދޫގެ ކޯޗުކަމާ ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ތިނަދޫގެ ކޯޗުކަމާ ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
މުހައްމަދު ޝަރުހާން
ތިނަދޫގެ ކޯޗް
ތިނަދޫގެ ކޯޗު ކަމަށް ސުޒެއިން ހަމަޖައްސައިފި
ތިނަދޫގެ ކޯޗުކަމާ ސުޒެއިން ހަވާލުވީ މި ސީޒަނުގެ ނިޔަލަށް

ގދ.ތިނަދޫގެ ކޯޗުކަމަށް ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ކުރީގެ ކޯޗު އަލީ ސުޒެއިން ހަމަޖައްސައިފިއެވެ.

ހޯމަ ދުވަހު ސްކައިފޯގައި ކުރިޔަށް ދިޔަ ރަސްމިއްޔާތެއްގައި ސުޒެއިން ތިނަދޫ އަށް ސޮއި ކުރީ މި ސީޒަނުގެ ނިޔަލަށެވެ. އެގޮތުން އުރީދޫ ދިވެހި ލީގުގެ ގަދަ ހަތަރެއްގައި ހިމެނި ޕްރެޒިޑެންޓްސް ކަޕަށް ތިނަދޫ ކޮލިފައިވެއްޖެ ނަމަ، އެޓީމަށް އިރުޝާދު ދޭނީ ވެސް ސުޒެއިންއެވެ.

ކޯޗުކަމާ ހަވާލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ސުޒެއިން ބުނީ، ތިނަދޫ ޓީމުގައި ވަރަށް ރަނގަޅު ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެހެންނަމަވެސް ކޮންމެ ޓީމެއްގައި ގޯސްތަކެއް ހުންނާނެ ކަމަށާއި، އެކަންތައްތައް އޭނާ އަށް ރަނގަޅު ކުރެވޭނެ ކަމަށްވެސް ސުޒެއިން ވަނީ ބުނެފައެވެ.

ސުޒެއިން ބުނީ ތިނަދޫގެ ޓާގެޓަކަށް ވެފައި އޮތީ ލީގު ނިމޭއިރު ގަދަ ހަތަރަކަށް ވަނުން ކަމަށާއި، ކުޅުންތެރިން ކުޑަ އެފޮޓެއް ލައިފިނަމަ އެއީ ކުރެވޭނެ ކަމެއް ކަމަށެވެ.

ދިވެހި ލީގަށް އަލަށް ޕްރޮމޯޓްވި ތިނަދޫ އަށް ފުރަތަމަ ބުރުގައި ކޯޗު ކަންކޮށްދިނީ ސްޕެއިންގެ ކޯޗެއް ކަމަށްވާ މާޓިނޭޒް ހުއާން މެނުއެލްއެވެ. އެހެން ނަމަވެސް މެނޭޖްމެންޓާ ޖެހުނު މައްސަލައެއްގައި އޭނާ ވަނީ އެ މަގާމުން ވަކިކޮށްފައެވެ.

މާލޭ ލީގުގައި ކުޅުނު ގިނަ ކުޅުންތެރިން ހިމެނޭ ތިނަދޫ ފުރަތަމަ ބުރު ނިންމާލީ 10 ޕޮއިންޓާއެކު ފަސްވަނައިގައެވެ. އެ ޓީމު ވަނީ ކުޅުނު ތިން މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެފައެވެ.

ސުޒެއިން ވަނީ މާލޭ ލީގުގައި ވިކްޓްރީ އަށް ރަނގަޅު ނަތީޖާތަކެއް ހޯދައިދީފައެވެ. އެގޮތުން އެޓީމު އޮތް ހާލަތުން އެހެން ހާލަތަކަށް ގެނައުމަށް އޭނާ ވަނީ ބުރަ މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް އެޓީމަށް މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުނުވުމުން ދިވެހި ލީގަށް ވަނީ އާދެވޭ ގޮތްނުވެފައެވެ.

ކޯޗިން ކެރިޔަރު 2002 ވަނަ އަހަރު ވިކްޓަރީގެ ބެންޗުން ފެށި ސުޒެއިން ވަނީ ވިކްޓްރީގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި އަދި ހެޑް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައެވެ. އޭނާ ވަނީ ވިކްޓަރީއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. ވިކްޓަރީގެ ކޯޗުކަމުން 2012 ވަނަ އަހަރު އިސްތިއުފާ ދިނުމަށް ފަހު ސުޒޭން 2013 ވަނަ އަހަރު މަސައްކަތްކުރީ އެފްއޭއެމްގެ ޑިރެކްޓާ އޮފް ނޭޝަނަލް ޓީމްސްގެ މަގާމުގަ އެވެ.

އެއަށްފަހު ދެން އަނެއްކާ 2014 ވަނަ އަހަރު މާޒިޔާގެ ކޯޗުކަމާ އޭނާ ވަނީ ހަވާލުވެފައެވެ. އެގޮތުން އޭނާ ވަނީ މިދިޔަ އަހަރު މާޒިޔާ އަށް އުރީދޫ ދިވެހި ޕްރިމިއާ ލީގް، ޗެރިޓީ ޝީލްޑު، 2014 ވަނަ އަހަރުގެ އެފްއޭ ކަޕް އަދި 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްދީފައެވެ.

ސުޒެއިންގެ އިރުޝާދުގެ ދަށުން ލީގުގައ ތިނަދޫ ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 14 ވަނަ ދުވަހު ނިކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް