ކ. މާލެ
|
2 އޮކްޓޯބަރ 2017 | ހޯމަ 15:20
ބަޔާންގެ ޖަވީ މާޓިނޭޒް
ބަޔާންގެ ޖަވީ މާޓިނޭޒް
ޓްވިޓަރ
ބުންޑެސްލީގާ
އަންޗެލޯޓީ ވަކިކުރުމަށް ފަހުވެސް ބަޔާންއަށް ނަތީޖާ ނުނެރެވުނު
ހާތާ ބާލިންއާ ދެކޮޅަށް ބަޔާންއިން ކުޅުނު މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއަކުން
އެފްސީ ކޮލޯންއާ ދެކޮޅަށް ކުޅުނު ލީޕްޒިގްއިން ކާމިޔާބު ކުރީ ދެ ލަނޑު އެއް ލަނޑުން
ބުންޑެސްލީގާގެ އެއްވަނައިގައި 19 ޕޮއިންޓާއެކު ބޮރޫޝިއާ ޑޯޓްމަންޑް އޮތް އިރު ދެވަނައިގައި 14 ޕޮއިންޓް ހޯދައި ފައިދާ 9 ލަނޑާއެކު އޮތީ ބަޔާން

ޖަރުމަނުގެ ބުންޑެސްލީގާގައި ބަޔާން މިއުނިކް ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.

ހާތާ ބާލިންއާ ދެކޮޅަށް ބަޔާންއިން ކުޅުނު މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއަކުންނެވެ. މި މެޗަކީ ދަށް ނަތީޖާތަކުގެ ސަބަބުން އެ ޓީމުގެ ކޯޗުކަމުގެ މަގާމުން ކާލޯ އަންޗެލޯޓީ ވަކިކުރުމަށް ފަހު އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ.

އެސިސްޓަންޓް ކޯޗު ކަމުގެ މަގާމުގައި ހުރި ވިލީ ސަންޔޯލްގެ އިރުޝާދުގެ ދަށުން ބަޔާން ކުޅުނު އިރު އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައި ވަނީ ބަޔާންއިންނެވެ. މެޗުގެ 10 ވަނަ މިނިޓެގައި ޖެރޯމް ބޯޓެންގް ނަގައިދިން ހުރަހެއް، ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ޖަހައިދީފައި ވަނީ މެޓްސް ހަމަލްސްއެވެ.

އެއް ލަނޑު ސުން ލަނޑުން ބަޔާން ކުރީގަ އޮވެގެން ފުރަތަމަ ހާފު ނިމިގެން ދިޔައިރު ދެވަނަ ހާފު ފެށިގެން ހަތަރު މިނެޓުގެ ތެރޭގައި ކޮރެންޓިން ޓޮލީސޯ ތަނަވަސް ކޮށްދިން ފުރުސަތަކުން  ރޮބާޓް ލެވަންޑޯސްކީ ވަނީ ލަނޑެއް ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. އެހެނަސް ހާތާ ބާލިންއިން ވަނީ މިއަށް ފަހު އެ ޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ.

ނަތީޖާއެއްގެ ގޮތުން އެ ޓީމުން ވަނީ ފަސް މިނެޓުގެ ވަގުތު ކޮޅެއްގައި ދެ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑުތައް އެ ޓީމަށް ޖަހާދީފައިވަނީ އޮނދްރޭ ޑޫޑާއާ ސޮލޮމޮން ކަލޫއެވެ.

ބުންޑެސްލީގާގައި ލީޕްޒީގް ވެސް ވަނީ އެ ޓީމު ކުޅުނު މެޗު ކާމިޔާބު ކޮށްފައެވެ. އެގޮތުން އެފްސީ ކޮލޯންއާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ ދެ ލަނޑު އެއް ލަނޑުންނެވެ. ލޫކަސް ކޮލްސްޓަމަންއާ ޔޫސުފް ޕޯލްސެން ލީޕްޒިގްއަށް ލަނޑު ޖަހައިދިން އިރު ކޮލޯންއަށް ލަނޑު ޖަހައިދިނީ ޔޫޔާ އޮސާކާއެވެ.

ބުންޑެސްލީގާގެ އެއްވަނައިގައި 19 ޕޮއިންޓާއެކު ބޮރޫޝިއާ ޑޯޓްމަންޑް އޮތް އިރު ދެވަނައިގައި 14 ޕޮއިންޓް ހޯދައި ފައިދާ 9 ލަނޑާއެކު އޮތީ ބަޔާންއެވެ. ތިންވަނައިގައި ބަޔާންއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން އެހެނަސް ފައިދާ 4 ލަނޑާއެކު އޮތީ ހޮފެންހައިމްއެވެ. އަދި 13 ޕޮއިންޓާއެކު ހަތަރު ވަނަ ލިބެނީ ލީޕްޒީގްއަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް