މިޞްރުގެ ޤާހިރާގައި ހުންނަ މިޔަމްމާގެ އެމްބަސީގައި އެއްޗެއް ގޮއްވާލުމުގެ ޒިންމާ މިޞްރުގެ ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ޙަޞްމުން ނަގައިފި އެވެ.
ޤާހިރާގައި ހުންނަ މިޔަންމާގެ އެމްބަސީގައި އެއްޗެއް ގޮއްވާލާފައި ވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި އެވެ.
މިހަމަލާގެ ޒިންމާ ނަގާކަން ހާމަ ކުރަމުން ޙަޞްމުން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ، މިޔަންމާގެ އެމްބަސީ އަށް ދިން ހަމަލާއަކީ، މިޔަންމާގެ އަސްކަރިއްޔާ އިން އެޤައުމުގައި ދިރިއުޅޭ ރޮހިންގާ މުސްލިމުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތަކާ ގުޅިގެން ދިން ހަމަލާއެއް ކަމަށެވެ.
ހޮނިހިރު ދުވަހުގެ ގޮވުމާއި ގުޅޭ ގޮތުން މިޞްރުގެ ދާޚިލީ ވުޒާރާއިން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ. އެސަރަޙައްދުގެ އާއްމުންނާއި ހަވާލާދީ މީޑިއާތަކުން ފުރަތަމަ ރިޕޯޓްކޮށްފައި ވަނީ، މިޔަންމާ އެމްބަސީގެ ގޮވުމަކީ، ގޭސް ހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށެވެ. އެހެންނަމަވެސް، އެސަރަޙައްދުން ގޮވާތަކެތީގެ އަލާމާތްތައް ފެނިފައިވާ ކަމަށް ސަލާމަތީ ކަންކަން ބަލަހައްޓާ އޮފިޝަލުންނާއި ހަވާލާދީ ރޮއިޓަރސް އިން ރިޕޯޓް ކޮށްފައިވެ އެވެ.
މިހަމަލާއާ ގުޅިގެން ޙަޞްމުން ނެރުނު ބަޔާނުގައި ވަނީ، މިޙަމަލާއަކީ މިޔަންމާގެ ރަކީން ސްޓޭޓްގައި ނިކަމެތިކަން ލިބެމުންދާ ރޮހިންޖާގެ މުސްލިމް އާބާދީއާ އެކު ތިބިކަން ހާމަ ކޮށްދިނުމަށް، ރަކީން ސްޓޭޓްގައި އަންހެނުންނާއި ކުޑަކުދިން މަރަމުންދާ، "ޤާތިލުންގެ އެމްބަސީ" އަށް ދިން އިންޒާރެއް ކަމަށެވެ.
މިއީ ފާއިތުވި އަހަރު ޤާޙިރާގައި މިޞްރުގެ ފުލުހުންނާއި ފަނޑިޔާރުންނަށް ދިން ހަމަލާތަކުގެ ތުޙުމަތު ކުރެވިފައިވާ ޙަޞްމުން، އާއްމު ތަނަކަށް އަމާޒުކޮށް ދިން ހަމަލާއެއްގެ ޒިންމާ ނެގި ފުރަތަމަ ފަހަރެވެ.
ޙަޞްމު ޖަމާޢަތަކީ މިޞްރުގައި މަނާކޮށްފައިވާ ސިޔާސީ ޕާޓީއެއް ކަމަށްވާ މުސްލިމް ބްރަދަހުޑްގެ ހަނގުރާމަވެރި ގްރޫޕެއް ކަމަށް މިޞްރު ސަރުކާރުން ތުޙުމަތު ކުރެއެވެ. އެހެންނަމަވެސް މުސްލިމް ބްރަދަހުޑުން އެކަން ދޮގު ކުރެއެވެ.
ޙަޞްމުގެ ބަޔާނުގައި ވަނީ، އެމްބަސީ އަށް ދިން ހަމަލާގައި ކުށެއް ނެތް އާއްމުންނަށް ގެއްލުމެއް ނުލިބޭނެކަން ކަށަވަރު ކުރުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށާއި، އެހެންނޫން ނަމަ އަނދައަނދާ ހުންނާނެ އަދި ނިއްވާނުލެވޭނެ ފަދަ އަލިފާންގަނޑެއް ފެނިގެންދާނެ ކަމަށެވެ.
މިހަމަލާއާ ގުޅިގެން މިޔަންމާގެ ސަރުކާރުން ވަނީ، ޤައުމުން ބޭރުގައި ދިރިއުޅޭ އެޤައުމުގެ ރައްޔިތުން ރައްކާތެރިވެ ތިބުމަށާއި، އިތުރަށް ސަމާލުވުމަށް ނަޞޭހަތްތެރިވެފަ އެވެ.
މިޔަންމާގެ ހުޅަނގުގެ ރަކީން ސްޓޭޓްގައި މިހާރު ހިނގަމުންދާ އެންމެ ފަހުގެ ހަމަނުޖެހުންތައް ފެށިފައި ވަނީ، މިޔަންމާ ފުލުހުންގެ ޖަގަހަތަކާއި، އަސްކަރީ ކޭމްޕަކަށް ދިން ކަމަށް ބުނާ ހަމަލާގައި 12 މީހަކު މަރުވުމާ ގުޅިގެން އޯގަސްޓް މަހުގެ 25 ވަނަ ދުވަހު އެވެ. މިޙަމަލާ ދީފައިވަނީ ރަކީން ސްޓޭޓްގައި ދިރިއުޅޭ ރޮހިންގާ ދަރިކޮޅުގެ ހަނގުރާމަވެރިން ކަމަށް އެޤައުމުގެ ސަރުކާރުން ބުނެއެވެ.
އެ ހަމަލާގެ ބަދަލު ހިފުމުގެ ނަމުގައި މިޔަންމާގެ އަސްކަރިއްޔާ އިން ރަކީން ސްޓޭޓްގައި ހިންގަމުންދާ އޮޕަރޭޝަންގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތަށް އާއްމުން މެރުމާއި، ރޭޕް ކުރުމާއި، އަންހެން ކުދިންގެ އިއްފަތްތެރިކަން ފޭރިގަތުން ފަދަ ލާއިންސާނީ އަނިޔާތައް ދަނީ ދެމުންނެވެ.
އެމުސީބާތުން ސަލާމަތް ވުމަށް އޯގަސްޓް މަހުގެ 25ވަނަ ދުވަހުގެ ފަހުން، ހަތަރު ލައްކަ އަށްވުރެ ގިނަ ރޮހިންގާ މުސްލިމުން މިޔަންމާ ދޫކޮށް ބަންގްލަދޭޝް އަށް ހިޖުރަކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.