ކެތަލީނާ މިނިވަން ކުރުމާ ގުޅޭ ގޮތުން ކުރިއަށް ގެންދާ ފެންނަ ނުފެންނަ އިންތިޚާބުގެ ތެރެއިން ހިނގި ހަމަނުޖެހުން ތަކުގައި މިހާތަނަށް 400 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެކަމަށް ކެތަލަން އޮފިޝަލުން ހާމަކޮށްފިއެވެ. މިހަމަނުޖެހުންތައް ހިނގާފައިވަނީ ވޯޓުލާންގޮސްތިބި މީހުންނާ ރަޔަޓް ފުލުހުންނާ ދެމެދުއެވެ.
ސްޕޭން ފުލުހުން ގެންދަނީ މިނިވަންކަމަށް އެދި ވޯޓުލާން އައިސްތިބި އެތައްހާސް މީހުން ވޯޓުލާ ސަރަހައްދުތަކުން ދުރަށް ޖެއްސުމަށް މުގުރާއި ރަބަރު ވަޒަން ބޭނުން ކުރަމުންނެވެ.
އެންމެ ފުރަތަމަ 38 މީހުން އެމީހުންނަށް އަނިޔާވެފައިވާކަމަށް ބުނެފައިވީނަމަވެސް މިހާތަނަށް އެއަދަދު އިތުރުވެ 460 މީހުންނަށް ވަނީ އަރާފައެވެ.
ސްޕެއިންގެ އިންޓީރިއަރ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކޯޓު އަމުރު ތަންފީޒް ކުރުމަށް ހަރަކާތްތެރިވަމުން ދަނިކޮށް 11 ފުލުހަކު ވަނީ ޒަޚަމްވެފައެވެ. އެމިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި ޒަޚަމްވި ފަރާތްތަކުގެ ތެރޭގައި ގައުމީ ފުލުހުންގެ 9 މީހަކާއި މަދަނީ ސެކިއުރިޓީ ގާޑުންގެ ދެމީހުން ހިމެނެއެވެ.
ކެތަލީނާގެ ރީޖަނަލް ލީޑަރ ކާރލްސް ޕުއިގްޑެމޮންޓް ވަނީ ސްޕެއިންގެ މުއައްސަސާތަކުން ގެންގުޅޭ ތަފާތު ކުރުންތަކާއި ޒިންމާދާރުކަން ކުޑަކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
ހަމައެހެންމެ ސްޕޭންގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ސޮރަޔާ ސައެންޒް ދި ސަންޓަމާރިއާ ވިދާޅުވީ ފުލުހުން ކުރަމުންދާ މަސައްކަތަކީ ކެތަލީނާގެ މިނިވަންކަމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓު ސުލްހަވެރިކަމާއެކު ހަމނުޖެހުންތައް ހިނގިޔަ ނުދީ ކުރިއަށް ގެންދެވޭނޭ ގޮތެއް ހެދުން ކަމަށެވެ.