ކ. މާލެ
|
1 އޮކްޓޯބަރ 2017 | އާދީއްތަ 16:36
ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ޕްރެސް ކޮންފަރެންސްގައި
ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ޕްރެސް ކޮންފަރެންސްގައި
މުހައްމަދު ޝަރުހާން
ފްލެޓް ދޫކުރުން
މިނިސްޓަރު މުއިއްޒު ހުންނެވީ ގާނޫނަށްވުރެ މަތީގައި؟!
ފްލެޓް ދޫކުރުމުގައި އަޑި ނޭނގޭ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ތުހްމަތު ކުރެވޭ
ފްލެޓް ދޫކުރީ ރަނގަޅަށް ނޫންކަށް ސަރުކާރަށް ތާއިދުކުރާ މަޖިލިހުގެ ބައެއް މެމްބަރުން ވިދާޅުވި
ދިވެހިރައްޔިތުންގެ ހައްގަށް މުއިއްޒު ނުބެއްލެވި

ގާނޫނު އަސާސީގެ 61 ވަނަ މާއްދާގެ ނ. ގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގައި ދައުލަތުގެ ސިއްރުކަމުގައި ބަޔާންކޮށްފައިވާ މައުލޫމާތު ފިޔަވައި ސަރުކާރުން ނިންމާ ނިންމުންތަކާއި ކުރާ ކަންތައްތަކާބެހޭ އެންމެހައި މައުލޫމާތު އާންމުކޮށް ލިބޭން ހުންނަން ވާނެ ކަމަށެވެ. ނަމަވެސް ފްލެޓް ލިބުނު ފަރާތްތަކުގެ ނަންތައް ހާމަކުރުމަކީ ގާނޫނީ ގޮތުން ސަރުކާރުން އުފުލަން ޖެހޭނެ ޒިންމާއެއްގެ ގޮތުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދެކެވަޑައެއްނުގަންނަވަ އެވެ.

ސަރުކާރުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން 661 ފްލެޓެއް ދިނުމަށް ހައުސިން މިނިސްޓްރީން ކަނޑައަޅާފައިވާ ލިސްޓްގެ ގޮތުގައި އާންމުކޮށްފައި ވަނީ ހަމައެކަނި ފޯމްގެ ނަންބަރެވެ. ކުރީގެ ސަރުކާރުތަކާ ހިލާފަށް ފްލެޓް ލިބުނު ފަރާތްތަކުގެ ނަން މިފަހަރު ހާމަ ނުކުރި ސަބަބު ބިނާކޮށްފައި ވަނީ އެންމެ ކަމެއްގެ މައްޗަށެވެ. އެއީ ފްލެޓް ލިބުނު ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއް ކަމަށް މިނިސްޓަރު މުއިއްޒު ދެކެވަޑައިގަތުމެވެ.

ގާނޫނެއް އުސޫލެއް، ޑިމޮކްރެސީގެ ރިވެތި އުސޫލަށް ބެލުމެއް ނެތެވެ.

ލިސްޓް އާންމު ނުކުރީ ފްލެޓް ލިބުނު ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރަން ކަމަށް ބުނާއިރު، ބޯހިޔާވެހިކަމަށް އެދި ހުށަހަޅާފައިވާ 15،000 މީހުންގެ ހައްގު ކޮބައި ހެއްޔެވެ؟ ފްލެޓް ލިބުނު ފަރާތްތަކަށް ވުރެ ނުލިބޭ ފަރާތްތައް ގިނައިރު، ފްލެޓް ނުލިބޭ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށްދޭނީ ކޮން ސަރުކާރަކުން ހެއްޔެވެ؟ ފްލެޓަށް އެދި ފޯމް ހުށަނޭޅި ނަމަވެސް ކޮންމެ ފްލެޓަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން އަޅާފައިވާ ފްލެޓަކަށްވުމުން، އެ މަޝްރޫއެއްގެ މަސައްކަތް ގެންގޮސްފައިވާ ގޮތާއި ހަވާލުކުރުމުގައި ދެފުށްފެންނަ ގޮތަށް އޮތުމާއި އަދި ހަވާލު ކުރެވިފައި ވަނީ އެންމެ ރަނގަޅު ފަރާތްތަކެއްކަން އެނގުމަކީ ކޮންމެ ރައްޔިތެއްގެ ހައްގެކެވެ.

ހުޅުމާލެ: ސަރުކާރުން އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ދޫކުރި 661 އާ ގުޅޭ ގޮތުން ޝަކުވާތައް ދަނީ އޮހެމުން ---ފޮޓޯ: އެޗްޑީސީ 

ލިސްޓްގައި ލިބުނު ޕޮއިންޓް ހިމަނާފައި ނެތުމަކީ ވެސް މައްސަލައެކެވެ. އެކަމުގެ ސަބަބުން ޝަކުވާއެއް ހުށަހަޅަން ބޭނުން ވިޔަސް، ޝަކުވާ ބިނާކުރާނެ އެއްވެސް މައުލޫމާތެއް ހާމަނުކުރުމަކީ މައްސަލައެކެވެ. ގަނޑުކޮޅުގައި އޮތް ޕޮއިންޓަކީ އަސްލު ޕޮއިންޓެއް ނޫން ކަމަށް މިނިސްޓްރީން ބުނާއިރު، މާކްސްއަށް އުނި އިތުރެއް ގެނައިކަން އެނގުމަކީ ފޯމް ހުށަހެޅި ކޮންމެ ފަރާތެއްގެ ހައްގެކެވެ. ލިސްޓް އާންމުކުރުމުގެ ކުރިން އެކަން އެނގުމަކީ ވެސް އެ ފަރާތްތަކުގެ ހައްގެކެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރު އަހްމަދު ތޮލާލު ވިދާޅުވި ގޮތުގައި ފްލެޓް ދޫކުރުމުގައި އަޑި ނޭނގޭނެ ކަންތައްތަކެއް ހިނގާފައިވާކަމަށް ޝައްކުކުރުމުގެ ޖާގަ އެބަ އޮތެވެ. 

"ރައްޔިތުންގެ ހައްގުގައި ކުރި ކަމެއް ކަމަށް ވިދާޅުވާނަމަ [ލިސްޓް] ދައްކަންވީ ނޫންތޯ؟" އެޗްއާއާރުސީއެމްގެ ކުރީގެ ނައިބު ރައީސް ތޮލާލު ވިދާޅުވި އެވެ.

"ނަން ނުޖެހީ ރައްޔިތުންގެ ހައްގު ހިމާޔަތް ކުރަން ކަމަށް އެބަ ބުނޭ. އަޅުގަނޑަކަށް ނޭނގޭ ކޮން ހައްގެއް ކަމެއް ހިމާޔަތްކުރަން އުޅެނީކީ."

ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމަކީ ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުން ކުރަންޖެހޭ ކަމެއް ނޫންތޯ ނޫސްވެރިން ސުވާލުކުރުމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ، އެގޮތަށް ދެކުމަކީ ނޫސްވެރިޔާގެ އަމިއްލަ ހިޔާލު ކަމަށެވެ. ސަރުކާރުގެ ސިޔާސަތަކީ އެ މައުލޫމާތު ހާމަނުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. ގާނޫނު އަސާސީގައި ވަކި ގޮތަކަށް ބަޔާންކޮށްފައިވާ ކަމެއް ނުކުރުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށް ކަނޑައެޅޭނެ އެއްވެސް ހަމައެއް ބިންގަލެއް ނޯންނާނެ އެވެ. އެކަން މިނިސްޓަރު މުއިއްޒަށް ވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ. ނަމަވެސް އެއާ ހިލާފަށް އަމަލުކުރައްވަނީ ކޮން ސަބަބެއް އޮވެގެން ކަމެއް، އަދި ކޮން ކަމެއް ފޮރުވަން ވެގެންކަން ނޭނގުމަކީ، އުފެދޭ ބޮޑު ސުވާލެވެ.

ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުން ފެށިގެން ފްލެޓް ލިބޭ ފަރާތްތަކުގެ ނަންތައް އައީ ހާމަކުރަމުންނެވެ. ރަށްރަށުން ގޯއްޗަށް އެދި ހުށަހަޅާ މީހުންގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ނަންތައް ވެސް ކޮންމެ ރަށެއްގައި ވެސް އައީ ހާމަކުރަމުންނެވެ. ދެފުށް ފެންނަ މި އުސޫލު ކަނޑައަޅައި، އެގޮތަށް އަމަލުކުރަމުން ދަނިކޮށް، މިފަހަރު ފްލެޓް ލިބުނު ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރަން ވެގެނޭ ބުނެ މައުލޫމާތު ސިއްރު ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

 "ފްލެޓް ލިބުނު ފަރާތްތަކުގެ ނަންތައް ހާމަނުކުރުމަކީ ކުރެވޭނެ ކަމެއް ނޫން. މިއީ މުއިއްޒުގެ އަމިއްލަ އެއްޗެސް ނޫން މި ދެނީ. ސަދަގާތެއް ނޫން މި ކުރަނީކީ. ޓްރާންސްޕޭރެންސީއޭ ކިޔާ އެއްޗަކީ ވެސް އޮންނަ އެއްޗެއް،" ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވި އެވެ.

"ފްލެޓް ލިބުނު ފަރާތްތައް ހާމަ ނުކުރުމަކީ ދިވެހި ސަރުކާރުން ދުވަހަކު ވެސް ކޮށްފައި އޮތް ކަމެއް ނޫން."

ފްލެޓް ދޫކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ސަރުކަރަށް ނިސްބަތްވާ މީހުންނާއި، ސަރުކާރަށް ތާއިދުކުރާ މަޖިލީހުގެ މެމްބަރުން ވެސް މިކަން ގަބޫލުކުރެ އެވެ. މި ސުވާލު މިގޮތަށް އުފެދެންޖެހޭ ސަބަބުތައް އެބަ ހުއްޓެވެ.

ފްލެޓް ލިބުނު ފަރާތްތަކުގެ ފޯމްގެ ނަންބަރު އިއުލާނުކުރުމުގެ ދުވަސްކޮޅެއްގެ ކުރިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ އޮފީހުން ގުޅި މައްސަލައެއް ފެންމަތިވި އެވެ. ފާތުމަތު އިބްރާހިމް ދީދީގެ އޮފީހުން ގުޅައި، ސަޕޯޓްކުރަނީ ކޮން ޕާޓީއަކަށްތޯ އާއި، ރައީސް ޔާމީންގެ ސިޔާސަތުތަކައް ތާއިދު ކުރެތޯ ސުވާލު ކުރި އެވެ. ފޯނުކުރި ފަރާތުން އަޑުއަހަން ބޭނުން ނުވާ ޖަވާބެއް ދިން ފަރާތްތަކަށް ފްލެޓް ނުދިން ކަމަށް ތުހްމަތު ކުރެވޭނެ ޖާގަ ވެސް އެބަ އޮތެވެ.

ފްލެޓްގެ މައުލޫމާތު ރައްޔިތުންނަށް އާންމު ނުކުރިއިރު، ރައްޔިތުންގެ މަޖިލީހުން އެދުމުން ވެސް ފްލެޓް ލިބުނު މީހުންގެ ފުރިހަމަ  ލިސްޓެއް އަދި ނުފޮނުވަ އެވެ. ފޮނުވީ ފްލެޓް ދޫކުރުމުގައި އަމަލުކުރާ އުސޫލެވެ. ނަމަވެސް، ގާނޫނު އަސާސީގެ 70 ވަނަ މާއްދާގައި ބުނެފައި ވަނީ ކީކޭކަން މުއިއްޒަށް އެނގިވަޑައިގަންނަވަން ޖެހެ އެވެ. އެ މާއްދާގައި ބުނެފައި ވަނީ ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީކުރުވުމުގެ މަސްއޫލިއްޔަތު މަޖިލީހަށް ލިބިގެންވާ ކަމަށެވެ. ފްލެޓް ދޫކުރި ގޮތާއި ލިބިފައިވާ ފަރާތްތަކަކީ ކޮންބައެއްތޯ މަޖިލީހުން ބަލަންޖެހެ އެވެ. ނަމަވެސް މަޖިލީހުގެ ގާނޫނީ ވާޖިބު ފުރިހަމައަށް އަދާކުރުމަށް ހުރަކަށް ވެފައިވަނީ ހައުސިން މިނިސްޓްރީއެވެ. މިއީ ވެސް ގާނޫނާ ހިލާފު އަމަލެކެވެ.

"ވިދާޅުވެފައި އޮތީ ފައިނަލް ލިސްޓް އާންމުކުރުމުން އެ މައުލޫމާތު ފޮނުވާނެ ކަމަށް. ނަމަވެސް އަދި އެ ލިސްޓެއް ނުލިބޭ. ފުރަތަމަ ފޮނުވާފައި އޮތީ ފްލެޓް ދޫކުރި އުސޫލްތައް،" ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީގެ މެމްބަރަކު ވިދާޅުވި އެވެ.

މާދަށުން މާކްސް ލިބުނު ފަރާތްތަކާއި، ހުދުމުޚްތާރު މި ސަރުކާރުގެ ކައްތިރިތަކެއްގެ ގޮތަށް ތިބި ފަނޑިޔާރުންނާއި، ފުލުހުންގެ ސްޓާފޯސްގެ ބައެއް ކުދިންނަށް ވެސް ފްލެޓް ދިން ކަަމަށް ތުހްމަތުކުރެވެ އެވެ. ފްލެޓް ދޫކުރުން ހަރާބުން ހަރާބު ވެފައިވާއިރު، ހައްގުތަކަކީ ކަންކަމުން ރެކިގަންނަން ބޭނުން ކުރެވޭނެ ކަމެއް ނޫންނެވެ. ރައްޔިތުންގެ ހައްގު ހިމާޔަތް ކުރެވޭނީ ފްލެޓް ލިބުނު ފަރާތްތަކަށް ލިބުނީ އިންސާފުވެރިކަމާއެކު ކަން ކަށަވަރުވެގެންނެވެ. އަދި ނުލިބޭ ފަރާތްތަކަށް ނުލިބުނީ ވެސް އިންސާފުވެރިކޮށް ކަމަށް ކަށަވަރުވެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރުޝްދާ ރަޝީދު
- ކޮމެންޓް
4 އޮކްޓޯބަރ 2017 | ބުދަ 15:30
އައިސް
ދެން އަންނަ ބުރެއްގެ އިންތިޒާރު ގަމިހުރީ
1 އޮކްޓޯބަރ 2017 | އާދީއްތަ 19:31
ޙުސޭނު
މުއިއްޒަކީ އަދުރޭގެ ހިޔަނި ކަމަށް ބުނާ އަޑުއިވޭ
1 އޮކްޓޯބަރ 2017 | އާދީއްތަ 16:45
ތިމަންނަ
މަކަރާ އޮޅުވާލާ މީހުނަށް ހުރި ޢަޒާބުގެ ވާހަކަ މިކަލޭގެއަށް ކޮންމެވެސް ޝޭޚަކު ކިޔައިދީ ، މިކަލޭގެ އިސްލާހުކޮށްދީބަލަ