ކ. މާލެ
|
1 އޮކްޓޯބަރ 2017 | އާދީއްތަ 14:18
ހެރީ ކޭން - ސެޕްޓެމްބަރު މަހު ޕްރިމިއާ ލީގުގައި 11 ލަނޑު ޖެހި
ހެރީ ކޭން - ސެޕްޓެމްބަރު މަހު ޕްރިމިއާ ލީގުގައި 11 ލަނޑު ޖެހި
ޓްވިޓަރ
އިނގިރޭސި ޕްރިމިއާ ލީގު
ކޭން ހުއްޓުވޭނެ ޑިފެންސެއް ޕްރިމިއާ ލީގަކު ނެތް
ހަޑާސްފީލްޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗު ޓޮޓެންހަމްއިން ކާމިޔާބު ކޮށްފައިވަނީ ހަތަރު ލަނޑު ސުން ލަނޑުން
ކޭން ވަނީ ސެޕްޓެމްބަރު ކުޅުނު މެޗުތަކުގައި ޖުމްލަ 13 ލަނޑު ޖަހާފަ

އިނިގރޭސި ޕްރިމިއާ ލީގުގައި ހެރީ ކޭންގެ މޮޅު ކުޅުމާ އެކު ޓޮޓެންހަމްއިން އެ ޓީމު ކުޅުނު މެޗު ކާމިޔާބުކޮށްފިއެވެ.

ރަށުން ބޭރުގައި ހަޑާސްފީލްޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗު ޓޮޓެންހަމްއިން ކާމިޔާބު ކޮށްފައި ވަނީ ހަތަރު ލަނޑު ސުން ލަނޑުންނެވެ. މި މެޗުގައި އެ ޓީމުގެ ފޯވާޑް ހެރީ ކޭން ވަނީ ދެ ލަނޑު ޖަހައިދީފައެވެ. މި ދެ ލަނޑާ އެކު އޭނާ ސެޕްޓެމްބަރު މަހު ޖެހި ލަނޑުގެ އަދަދު ވަނީ 13 އަށް އަރާފައެވެ. މިއީ ކޭން އެއް  މަސް ތެރޭ އެންމެ ގިނައިން ކާމިޔާބުކުރި ލަނޑުގެ އަދަދެވެ.

ފުރަތަމަ ހާފުގައި ޓޮޓެންހަމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު އެ ޓީމުން ވަނީ މެޗުގެ ފުރަތަމަ 23 މިނިޓުގައި ތިން ލަނޑު ޖަހާފައެވެ. އެގޮތުން ޓޮޓެންހަމްގެ ފުރަތަމަ ލަނޑު މެޗުގެ 9 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ހެރީ ކޭންއެވެ. އޭގެ ހަތް މިނިޓު ފަހުން ބެން ޑޭވީސްވަނީ ލަނޑެއް ޖަހާ އެ ޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

ޓޮޓެންހަމްގެ ތިން ވަނަ ލަނޑަ ކާމިޔާބު ކޮށްދިނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހެރީ ކޭންއެވެ. ފުރަތަމަ ހާފުގައި ހަޑާސްފީލްޑަށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރެވިފައިނުވާއިރު މި ހާފު ނިމިގެން ގޮސްފައިވަނީ 3-0 ގެ ނަތީޖާއަކުން ޓޮޓެންހަމް ކުރީގަ އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ހަޑާސްފީލްޑްއިން އެ ޓީމުގެ ޑިފެންސް ރަނގަޅުކޮށް ޓޮޓެންހަމްއަށް ލަނޑު ޖެހުމަށް ފުރުސަތު ދީފައެއް ނުވެއެވެ. އެހެނަސް ހަޑާސްފީލްޑަށް މިހެން ހިފަހައްޓާލެވުނީ މެޗުގެ 90 ވަނަ މިނިޓާ ހަމަޔަށެވެ. ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ކުޅެން ދެއްކި ތިން މިނިޓުގެ ތެރޭގައި ބެންޗުން ކުޅެން އެރި މޫސާ ސިސޯކޯ ވަނީ ޓޮޓެންހަމްއަށް އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖަހައިދީފައެވެ.

ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީއާ ބޯންމައުތް ކުޅުނު މެޗު 0-0 އަކުން އެއްވަރުވިއިރު ސްޓޯކް ސިޓީއިން ވަނީ އަމިއްލަ ދަނޑުގައި ދެ ލަނޑު އެއް ލަނޑުން ސައުތްހެމްޕްޓަން ބަލިކޮށްފައެވެ. ވެސްޓް ބްރޮމްއާ ވޮޓްފޯޑް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވި އިރު ވެސްޓްހާމްއިން ވަނީ އެއް ލަނޑު ސުން ލަނޑުން ސްވަންސީ ސިޓީ ބަލިކޮށްފައެވެ.

މި މޮޅާއެކު ޓޮޓެންހަމްއިން ވަނީ 14 ޕޮއިންޓް ހަމަކޮށް ޕްރިމިއާ ލީގުގެ ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. ޕްރިމިއާ ލީގުގެ އެއްވަނައިގައި 19 ޕޮއިންޓް ހޯދައި ފައިދާ 20 ލަނޑާއެކު އޮތީ މެންޗެސްޓާ ސިޓީއެވެ. އަދި ދެވަނައިގައި 19 ޕޮއިންޓާ ހޯދައި ފައިދާ 19 ލަނޑާއެކު އޮތީ މެންޗެސްޓާ ޔުނައިޓެޑްއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް