ކ. މާލެ
|
1 އޮކްޓޯބަރ 2017 | އާދީއްތަ 14:20
ނޭމާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ނޭމާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ޓްވިޓަރ
ފްރެންޗް ލީގު
ޕީއެސްޖީ ފަސްއެނބުރި ބެލުމެއް ނެތް
ބޯޑޯއާ ދެކޮޅަށް ކުޅުނު މެޗު ޕީއެސްޖީއިން ކާމިޔާބު ކޮށްފައިވަނީ 6-2ގެ ނަތީޖާއަކުން
އޭއެސް މޮނާކޯ ކުޅުނު މެޗު އެއްވަރުވެފައިވަނީ 1-1 ގެ ނަތީޖާއަކުން

ފްރެންޗް ލީގުގައި އަމިއްލަ ދަނޑުގައި ބޯޑޯ ބަލިކޮށް ޕީއެސްޖީއިން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

ބޯޑޯއާ ދެކޮޅަށް ކުޅުނު މެޗު ޕީއެސްޖީއިން ކާމިޔާބު ކޮށްފައިވަނީ 6-2ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަނަ ހާފުގައި ޕީއެސްޖީއިން ވަނީ ފަސް ލަނޑު ޖަހާފައެވެ. މިއީ އެ ޓީމުގެ ތާރީހުގައި ވެސް މެޗެއްގެ ފުރަތަމަ ހާފުގައި ފަސް ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

ޕީއެސްޖީގެ ފަރާތުން މޮޅު ކުޅުމެއް މުޅި މެޗުގައި ވެސް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް އެ ޓީމުންނެވެ. އެގޮތުން މެޗުގެ ފަސް ވަނަ މިނިޓުގައި ބޯޑޯގެ ހާފުގެ މެދެއްހާ ހިސާބުން ލިބުނު ހިލޭ ޖެހުމެއް ގޯލުގެ ތެރެއަށް ވައްދާލައިގެން އެ ޓީމަށް މެޗުގެ ލީޑު ނަގައިދިނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް  ދެއްކި ނޭމާއެވެ. އޭގެ ހަތް މިނިޓު ފަހުން އެޑިންސަން ކަވާނީ ވަނީ ނޭމާގެ އެހީތެރިކަމާ އެކު ލަނޑެއް ޖަހާ ޕީއެސްޖީގެ ލީޑު ފުޅާކޮށްދީފައެވެ.

ޕީއެސްޖީގެ ތިންވަނަ ލަނޑު މެޗުގެ 21 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ބެލްޖިއަމްގެ ޑިފެންޑަރ ތޯމަސް މިއުނިއާއެވެ. އެހެނަސް ބޯޑޯގެ މިޑްފީލްޑާ ޔޫނުސް ސަންޙާރޭ ވަނީ 31 ވަނަ މިނިޓުގައި ލަނޑެއްޖަހާ ބޯޑޯއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. ޕީއެސްޖީގެ ހަތަރު ވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ނޭމާއެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނިޓުގައި އެ ޓީމުގެ ފަސް ވަނަ ލަނޑު ކިލިއަން އެމްބާޕޭގެ އެހީތެރިކަމާއެކު ކާމިޔާބު ކޮށްދިނީ ޖޫލިއަން ޑްރެކްސްލާއެވެ.

ފުރަތަމަ ހާފު 5-1 އަކުން ޕީއެސްޖީ ކުރީގައި އޮވެގެން ނިމިގެން ދިޔައިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ. އެ ޓީމުގެ ހުރިހާ ފޯވާޑުން ވެސް މި މެޗުގައި ލަނޑު ޖެހިއިރު މެޗުގެ 58 ވަނަ މިނިޓުގައި ކިލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހާ ޕީއެސްޖީއަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދީފައެވެ. ބޯޑޯއިން މެޗުގައި އެ ޓީމުން ޖެހި ދެވަނަ ލަނޑު ފުރިހަމަ ވަގުތުގެ ފަހު މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ މަލްކޮމްއެވެ.

ޕީއެސްޖީއާ އެންމެ ވާދަވެރި އޭއެސް މޮނާކޯ ކުޅުނު މެޗު އެއްވަރުވެފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ. މޮންޓްޕިލާއާ ދެކޮޅަށް ކުޅުނު މެޗުގައި ރަޑަމެއަލް ފަލްކާއޯ މި ސީޒަނުގައި ޖެހި 12 ވަނަ ލަނޑާއެކު އެ ޓީމުން ލީޑު ނެގި ނަމަވެސް ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ކުޅެން ދެއްކި ވަގުތުގެ އެންމެ ފަހު މިނިޓުގައި މޮންޓްޕިލާގެ ސުލޭމާން ކަމާރާ ވަނީ ލަނޑެއް ޖަހާ މޮނާކޯ އަތުން ޕޮއިންޓެއް އެ ޓީމަށް ކަށަވަރު ކޮށްދީފައެވެ.

ފްރެންޗް ލީގުގައި ޑީޖޮންއާ ސްޓްރަސްބާގް ކުޅުނު މެޗު 1-1 އަކުން އެއްވަރުވިއިރު ގެއިންގެމްޕްއާ ޓުލޫސް ކުޅުނު މެޗުވެސް ނިމިފައިވަނީ 1-1 އަކުން އެއްވަރުވެގެންނެވެ. އަމިއްލަ ދަނޑުގައި އެއް ލަނޑު ސުން ލަނޑުން ނަންޓޭސްއިން މެޓްޒް ބަލިކުރިއިރު ކާއެންއިން ވަނީ ރަށުން ބޭރުގައި އެއް ލަނޑު ސުން ލަނޑުން ރެނޭސް ބަލިކޮށްފައެވެ.

ފްރެންޗް ލީގުގެ އެއްވަނައިގައި ޕީއެސްޖީ 22 ޕޮއިންޓްއެކު އޮތްއިރު ދެވަނައިގައި މޮނާކޯ އޮތީ 19 ޕޮއިންޓާއެކުއެވެ.އަދި 16 ޕޮއިންޓާއެކު ތިންވަނައިގައި ނަންޓޭސް އޮތްއިރު 15 ޕޮއިންޓާއެކު ހަތަރު ވަނަ ލިބެނީ ކާއެންއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް