އީރާޤްގެ އުތުރުގައި އޮންނަ ކުރުދިސްތާނުގެ މިނިވަން ދަޢުލަތެއް އުފެއްދުމަށް ކުރުދީން ކުރާ މަސައްކަތަކީ، މެދުއިރުމަތީގެ ބައިބައިވުމަށް އިތުރަށް އެޅޭ ފިޔަވަޅެއް ކަމަށާއި، އެކަން ހުއްޓުވަން ޖެހޭ ކަމަށް ލުބުނާނުގެ ނުފޫޒުގަދަ ޙިޒްބުﷲ ޖަމާޢަތުން ބުނެފި އެވެ.
އިރާޤްގެ އަވަށްޓެރި އީރާނުން ވާގިވެރިވާ ލުބުނާނުގެ ޙިޒްބުﷲ ޖަމާޢަތުގެ ލީޑަރު ސައްޔިދު ހަސަން ނަޞްރަﷲ ވިދާޅުވީ، އީރާޤްގެ އުތުރުގައި މިހާރު ހިނގަމުންދާ ކަންކަމަކީ، ސަރަޙައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށާއި، އެއީ ހަމައެކަނި އީރާޤާއި ކުރުދީންގެ އާބާދީއެއް އޮންނަ އަވަށްޓެރި ޤައުމުތަކަށް އޮތް މައްސަލައެއް ނޫން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދާޚިލީ ހަމަނަނުޖެހުމަކަށް މަގުފަހިވެގެން ހިނގައިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރުދީންގެ މިނިވަން ދަޢުލަތެއް ޤާއިމް ކުރުމަށް އީރާޤްގެ އުތުރުގެ ކުރުދިސްތާނުގައި ހޯމަ ދުވަހު ނެގި ވޯޓުގައި، ކުރުދީންގެ ބޮޑު އަޣުލަބިއްޔަތަކުން ވަނީ އީރާޤްގެ މައި ސަރުކާރުގެ ކިބައިން މިނިވަންވެ، ކުރުދީންގެ ވަކި ދަޢުލަތެއް އެކުލަވާލުމަށް ފެންނަ ކަމަށް ވޯޓު ދީފައެވެ. އެހެންނަމަވެސް މި ވޯޓަކީ، ކުރުދީންގެ މިނިވަން ދަޢުލަތެއް އުފެއްދުމުގައި ގޮތެއް ނިންމުމުގެ ހައިސިއްޔަތު ލިބިފައިވާ ވޯޓެއް ނޫނެވެ.
ޙިޒްބުﷲގެ ލީޑަރު ނަޞްރަﷲ ވިދާޅުވީ، މިމަސައްކަތުގެ ހަމައެކަނި ނަތީޖާ އަކީ ބައިބައިވުން ކަމަށާއި، ބައިބައިވުމުގެ މާނައަކީ އެސަރަޙައްދުގައި އިތުރު ދާޚިލީ ހަމަނުޖެހުމެއްގެ ފެށުން ކަމަށެވެ. އެހެންކަމުން މިމަސައްކަތް ހުއްޓުވުމަށް ހުރިހާ ފަރާތްތަކަކުން މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރުދީންގެ މިނިވަން ދަޢުލަތެއް އުފެއްދުމަށް ކުރާ މަސައްކަތަށް ޙިޒްބުﷲގެ ޒަމާންވީ ހަތުރެއް ކަމަށްވާ އިޒްރޭލުން ތާޢީދުކޮށްފައިވާއިރު، ނަޞްރަﷲ ވަނީ އެމަސައްކަތަކީ މެދުއިރުމަތީގެ ސަރަޙައްދު ހަލަބޮލިކޮށްލުމަށް އިޒްރޭލާއި އެމެރިކާ ގުޅިގެން ރާވާ ރޭވުމެއް ކަމަށް ސިފަކުރައްވާފައެވެ.
އެހެންނަމަވެސް، އެމެރިކާ އިން ވަނީ ކުރުދީންގެ ވޯޓަށް ދެކޮޅު ހަދާފައެވެ. އެމެރިކާގެ އިތުރުން، އީރާޤާއި އަވަށްޓެރި ތުރުކީ، އީރާން އަދި ސީރިއާއާއެކު ޔޫރަޕްގެ ބައެއް ޤައުމުތަކުން ވެސް ކުރުދީންގެ މިނިންމުމާ ދެކޮޅެވެ.