ރަށުން ބޭރުގައި ޗެލްސީ އަތުން ހޯދި މޮޅާއެކު، އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނަ އަށް މެންޗެސްޓަރ ސިޓީން އަނެއްކާވެސް ހޯދައިފި އެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ޗެލްސީގެ މައްޗަށް މެންޗެސްޓަރ ސިޓީ ކުރިހޯދީ އެއް ލަނޑު ސުން ލަނޑުން ނެވެ. ޗެލްސީގެ ދަނޑު ސްޓެމްފަޑް ބްރިޖްގައި ކުޅުނު މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 67ވަނަ މިނިޓުގައި ޖަހައިދިނީ ކެވިން ޑި ބްރޫންޔޭ އެވެ.
ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުޅުނު މެޗުތަކުން ލަނޑު ޖެހުމުގެ ރަނގަޅު ރެކޯޑެއް އޮތް ސިޓީން ރޭގެ މެޗަށް ނިކުތީ ލީގުގައި ކުޅުނު ހަމެޗުން ހަލަނޑު ޖަހައިދިން އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އާ ނުލައެވެ. ބުރާސްފަތި ދުވަހު ނެދަލެންޑްސްގެ އެމްސްޓަޑަމްގައި ހިނގި ކާރު އެކްސިޑެންޓެއްގައި އަގުއޭރޯގެ މޭ ކަށިގަނޑަށް ވަނީ އަނިޔާވެފައެވެ.
މިމޮޅާއެކު ސިޓީން ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާއި ޕޮއިންޓްގެ ގޮތުން ހަމަހަމަ ކުރި ނަމަވެސް، ސިޓީ އަށް ތާވަލްގެ ކުރި ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. ލީގު ތާވަލްގެ ކުރީގައިވާ މި ދެޓީމަށްވެސް ހަތް މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަށް ފައިދާ 20 ލަނޑު އަދި ޔުނައިޓެޑަށް ފައިދާ 19 ލަނޑު އެބައޮތެވެ. ތިންވަނާގައިވާ ޓޮޓެންހަމް ހޮޓްސްޕަރސް އަށް ލިބިފައިވަނީ 14 ޕޮއިންޓެވެ. މެން ސިޓީ އަތުން ބަލިވި ޗެލްސީ އޮތީ 13 ޕޮއިންޓާއެކު ތާވަލްގެ ހަތަރުވަނާގައެވެ. 12 ޕޮއިންޓާއެކު ގަދަ ފަހެއްގައި ދެން ހިމެނެނީ ވަޓްފޮޑް އެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި އާދީއްތަ ދުވަހު ކުޅޭ މެޗުތަކަށް ބަލާއިރު، އަމިއްލަ ދަނޑުގައި އާސެނަލް ނިކުންނާނީ ބްރައިޓަން އާއި ދެކޮޅަށެވެ. ބާންލީ އާއި ދެކޮޅަށް އެވަޓަން އަމިއްލަ ދަނޑުގައި ނުކުންނައިރު، ރަށުން ބޭރުގައި ލިވަޕޫލް ކުޅޭނީ ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށެވެ.