ފްރާންސްގެ ޕެރިހުން އެމެރިކާގެ ލޮސްއެންޖަލީސްއަށް ދަތުރުކުރަމުން ދަނިކޮށް އެއަރ ފްރާންސްގެ ފްލައިޓެއްގެ އިންޖީނު ހަލާކުވެ ކުއްލި ގޮތަކަށް އެހެން އެއަރޕޯޓަކަށް ޖައްސަން ޖެހިއްޖެއެވެ.
އެއަރބަސް 380ގެ އޭ އެފް 66 ގެ ހަތަރު އިންޖީނުލީ މި ފްލައިޓްގެ އެއް އިންޖީނު ހަލާކުވެފައި ވަނީ ގްރީންލޭންޑްގެ ހުޅަނގުން އެޓްލާންޓިކް ކަނޑުގެ މަތިން އުދުހެމުން ދަނިކޮށެވެ.
އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާ ނުވި ނަމަވެސް ޖީއެމްޓީ ގަޑިން 15:42 ގައި އިމަޖެންސީގައި ބޯޓު ޖެއްސުމަށް ފަހު ވެސް ގަޑިއިރުތަކެއް ވަންދެން ޕަސިންޖަރުންނަށް ވަނީ ބޯޓުގައި މަޑުކުރަން ޖެހިފައެވެ.
އެއަރ ފްރާންސްގެ ތަރުޖަމާން އޭއެފްޕީއަށް ބުނެފައިވާ ގޮތުގައި ފްލައިޓް އުދެހުމުން ދިޔައީ 496 ޕަސެންޖަރުންނާއި 24 ކުރޫއިންނާ އެކުގައެވެ.
ބޯޓުގައި އެވަގުތު ހުރި ކުރީގެ އެއަރކްރާފްޓް މެކޭނިކަކު ބީބީސީއަށް ބުނެފައިވާ ގޮތުގައި ބެލެވެނީ އެއީ އެ އިންޖީނުގެ ބުރަފަތި ފެއިލްވެގެން ހިނގި ކަމެއް ކަމަށެވެ. އޭނާ ބުނީ ބާރުގަދަ އަޑަކާއެކު ޕަސެންޖަރުންނަށް ލިބުނީ ކުއްލި ސިހުމެއް ކަމަށާއި އެންމެން ވެސް ތިބީ ވަރަށް ކަންބޮޑުވެފައި ކަމަށެވެ.
"ބޫމް. ވަރަށް ބާރު އަޑެއް އިވުނީ. ދެން ވަރަށް ބާރަށް ބޯޓު ވެސް ތެޅިގެން. ހިތަށް އެރީ އިންޖީން ހުއްޓުނީއޭ،" އޭނާ ބުންޏެވެ.
އޭނާ ބުނީ އެންމެބޮޑަށް ކަންބޮޑުވީ އެހެންވެއްޖެ ނަމަ 30 ސިކުންތުގެ ތެރޭގައި ބޯޓުގެ ފިޔަގަނޑުގެ ބޭނުން ކެނޑުން އެކަށީގެންވާތީ ކަމަށާއި ނަމަވެސް ހަމަ ވަގުތުން ޕައިލެޓް އެހަލާކުވި އިންޖީނު ނިވާލައިފި ކަމަށެވެ.
އޭގެ ފަހުން ތިން އިންޖީނުގައި ދަތުރުކޮށް އިމަޖެންސީގައި ބޯޓު ޖެއްސީ ކެނެޑާގެ އިރުމަތީގައި އޮންނަ ލެބްރާޑޯގެ ގޯސް ބޭ އެއަޕޯޓަށް އޭގެ އެއްގަޑިއިރު ފަހުންނެވެ.
ޕަސިންޖަރުން ނަގާފައިވާ ބައެއް ފޮޓޯތަކުން އިންޖީނު އެއްކޮށް ހަލާކުވެފައިވާ މަންޒަރާއި ފިޔަގަނޑަށް ވެސް ގެއްލުންތަކެއް ވެފައި ހުރިތަން ފެންނަން ހުއްޓެވެ.
ކެނެޑާގައި ލޭންޑް ކުރިއިރު އެ ފްލައިޓްގެ އިންޖީނު ހެދޭނޭ ގޮތެއް އެވަގުތު އެއަރޕޯޓްގައި ނެތުމުން ޕަސިންޖަރުން ގެންގޮސްފައި ވަނީ އެއަރ ފްރާންސްގެ 777 ގެ ދެފްލައިޓެއް އެއަރޕޯޓަށް އައިސްގެންނެވެ.
އޭނާ ބުނީ އިންޖީނަށް އެހެން ދިމާވީ ދޫންޏެއް ވަދެގެން ކަމަށް ޤަބޫލް ނުކުރެވޭ ކަމަށާއި އެހެންވީ ކަމަށް ބެލެވެނީ އިންޖީނުގެ ބޭރުގެ ބުރަފަތިން ބައެއް ހަލާކުވެ ބުރައިގެން ދިއުމުން އެތެރޭގެ ބައިތަކަށް ވަނުމުން ކަމަށެވެ. ނަމަވެސް އަދި އެކަން މުޅިން ސާފެއް ނުވެއެވެ.
އެއަރފްރާންސް އިން ބުނީ ފްލައިޓްގެ އިންޖީނެއް ހަލާކުވެ ސީރިއަސް ގެއްލުމެއް ވެފައިވާ ކަމަށާއި އެ ނުރައްކާތެރި ހާލަތުގައި ބޯޓުގެ ކުރޫއިން ވަނީ އެވަގުތު ބޯޓު ސަލާމަތް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަރަށް ފުރިހަމައަށް އަޅާފައި ކަމަށެވެ.
ޕަސިންޖަރުން ވެސް ބުނެފައިވަނީ ކްރޫއިން ވަރަށް ރަނގަޅަށް ކަންކަން ކޮށްފައިވާ ކަމަށާއި ކާއެއްޗެހި ދިނުމުގެ އިތުރުން ސީދާ ކެޕްޓަން ވެސް ނުކުމެ ޕަސިންޖަރުންނާ ވާހަކަ ދައްކާފައިވާ ކަމަށެވެ.