ކ. މާލެ
|
30 ސެޕްޓެންބަރ 2017 | ހޮނިހިރު 23:23
ުޔުނައިޓެޑްގެ ތިންވަނަ ލަނޑު ޖެހުމަށް ފަހު ފެލައިނީ އުފާ ފާޅުކުރަނީ
ުޔުނައިޓެޑްގެ ތިންވަނަ ލަނޑު ޖެހުމަށް ފަހު ފެލައިނީ އުފާ ފާޅުކުރަނީ
ގެޓީ އިމޭޖަސް
ޕްރިމިއަ ލީގު
އިނގިރޭސި ޕްރިމިއަރ ލީގު: ފެލައިނީގެ ދެލަނޑާއެކު ޔުނައިޓެޑަށް ތަފާތު ބޮޑު މޮޅެއް
މިމެޗު ޔުނައިޓެޑް ކާމިޔާބު ކުރީ 4-0ން
މިމޮޅާއެކު ޔުނައިޓެޑް ވަނީ ތާވަލްގެ ކުރިއަށް ޖެހިލާފަ

ެލައިނީގެ ދެލަނޑާއެކު، ކްރިސްޓަލް ޕެލަސްގެ މައްޗަށް މެންޗެސްޓަރ ޔުނައިޓެޑް ކުރި ހޯދައިފި އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އާދެކޮޅަށް ކުޅުނު މެޗު ޔުނައިޓެޑް ކާމިޔާބު ކުރީ ހަތަރު ލަނޑު ސުން ލަނޑުންނެވެ.

މެޗު ފެށިގެން ތިންވަނަ މިނެޓުގައި ޔުނައިޓެޑަށް ކުރި ހޯދައިދިނީ ސްޕެއިންގެ މިޑްފީލްޑަރ ހުއާން މަޓާ އެވެ.

ތިރީސް ފަސްވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ފުޅާ ކޮށްދިނީ ބެލްޖިއަމްގެ މިޑްފީލްޑަރ މަރުއާނޭ ފެލައިނީ އެވެ. މިނަތީޖާއާއެކު ދެ ލަނޑު ސުން ލަނޑުން ޔުނައިޓެޑް ކުރީގައި އޮވެގެން މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމުނުއިރު، ދެވަނަ ހާފް ފެށިގެން ހަތަރުވަނަ މިނެޓުގައި ފެލައިނީ އިތުރު ލަނޑެއް ޖަހާ ޔުނައިޓެޑަށް ލީޑު ފުޅާކޮށްދިނެވެ.

ޔުނައިޓެޑްގެ ފަހު ލަނޑު، މެޗު ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ޖަހައިދިނީ ބެލްޖިއަމްގެ ފޯވާޑް ރޮމެއޫ ލުކާކޫ އެވެ.

މިމޮޅާއެކު ޔުނައިޓެޑް ވަނީ ހަތް މެޗުން 19 ޕޮއިންޓް ހަމަކޮށް އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނަ އަށް ޖެހިލާފައެވެ. އެހެންނަމަވެސް، ލީގުގައި ހޮނިހިރު ދުވަހުގެރޭ ޗެލްސީ އާއި ދެކޮޅަށް ރަށުން ބޭރުގައި މެންޗެސްޓަރ ސިޓީ ކުޅޭ މެޗު ކާމިޔާބުކޮށްގެން، ސިޓީ އަށް އަނެއްކާވެސް ތާވަލްގެ ކުރި ލިބޭނެ އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހު ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ހަޑަރސްފީލްޑްގެ މައްޗަށް ރަށުން ބޭރުގައި ޓޮޓެންހަމް ހޮޓްސްޕަރ ކުރިހޯދީ ހަތަރު ލަނޑު ސުން ލަނޑުންނެވެ. މިމެޗުގައި ޓޮޓެންހަމްގެ ހެރީ ކޭން ދެލަނޑު ޖަހައިދިންއިރު، ބެން ޑޭވީސް އާއި މޫސާ ސިސޯކޯ ވަނީ ކޮންމެ ކުޅުންތެރިޔަކު އެއް ލަނޑު ޖަހައިދީފައެވެ.

ރަށުން ބޭރުގައި ބޯންމައުތާއި ދެކޮޅަށް ލެސްޓަރ ސިޓީ ކުޅުނު މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވިއިރު، އަމިއްލަ ދަނޑުގައި ސައުތެމްޓަންގެ މައްޗަށް ސްޓޯކް ސިޓީ ކުރިހޯދީ ދެލަނޑު އެއް ލަނޑުންނެވެ. ވެސްޓް ބްރޮމް އާއި ވަޓްފޮޑް ބައްދަލުކުރި މެޗު ނިމުނީ ދެ ލަނޑު ދެ ލަނޑުން އެއްވަރުވެގެންނެވެ. ސްވަންސީގެ މައްޗަށް އަމިއްލަ ދަނޑުގައި ވެސްޓް ހަމް ޔުނައިޓެޑް ކުރިހޯދީ އެއްލަނޑު ސުން ލަނޑުންނެވެ.

- ކޮމެންޓް