ކ. މާލެ
|
30 ސެޕްޓެންބަރ 2017 | ހޮނިހިރު 22:45
ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރްދޮޣާން
ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރްދޮޣާން
އަލްޖަޒީރާ
ކުރުދިސްތާން
ވަކި ދަޢުލަތެއް ޤާއިމް ކުރުމަށް ކުރުދީން ކުރާ މަސައްކަތުގެ އަގު އަދާކުރަން ޖެހޭނެ: އުރުދޮޣާން
ކުރުދީންގެ މިނިވަންކަމަށް ނެގި ފެންނަ ނުފެންނަ ވޯޓުގައި، ފެންނަ ކަމަށް ބޮޑު ޢަޣުލަބިއްޔަތަކުން ވަނީ ތާޢީދުކޮށްފައި
ތުރުކީގެ އިތުރުން އިރާޤާއި އީރާނުން ދަނީ ތަކުރާރުކޮށް ކުރުދީންނަށް އިންޒާރު ދެމުން

އީރާޤްގެ ކުރުދީން އެޤައުމުގެ މަރުކަޒީ ސަރުކާރުގެ ކިބައިން މިނިވަންވެ، ކުރުދީންގެ ވަކި ދަޢުލަތެއް ޤާއިމް ކުރުމަށް ކުރާ މަސައްކަތުގެ އަގު، ކުރުދީންގެ ސަރަޙައްދީ ސަރުކާރުގެ އިދާރާތަކުން އަދާ ކުރަންޖެހޭނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރްދޮޣާން ވިދާޅުވެއްޖެ އެވެ.

ކުރުދީންގެ މިނިވަން ދަޢުލަތެއް ޤާއިމް ކުރުމަށް މިދިޔަ ހޯމަ ދުވަހު ނެގި ފެންނަ ނުފެންނަ ވޯޓުގައި، ކުރުދީންގެ ބޮޑު އަޣުލަބިއްޔަތަކުން ވަނީ އެކަމަށް ތާޢީދު ކުރާކަން ހާމަކޮށްފަ އެވެ.

އިރާޤްގެ މައި ސަރުކާރާއި، އަވަށްޓެރި އީރާން އަދި ތުރުކީގެ ދެކޮޅު ހެދުމާއެކުވެސް، ހޯމަ ދުވަހު ބޭއްވި ވޯޓުގައި 90 އިންސައްތަ އަށްވުރެ ބޮޑު އަދަދެއްގެ ކުރުދީން ވަނީ މިނިވަން ދަޢުލަތެއް އުފެއްދުމަށް ފެންނަ ކަމަށް ވޯޓު ދީފަ އެވެ.

އީރާޤާއި އީރާން އަދި ތުރުކީން ވަނީ، ކުރުދީންގެ ވޯޓާއި ގުޅުވައިގެން އެކި ފިއްތުންތައް ކުރިމަތި ކުރުވާނެ ކަމުގެ އިންޒާރު ދީފައެވެ.

ތުރުކީގެ އިރުމަތީގެ ސަހަރެއް ކަމަށްވާ އެޒްޒުރުމްގައި އެޤައުމުގެ ވެރިކަން ކުރާ އޭގޭ ޕާޓީގެ މެމްބަރުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން އެޤައުމުގެ ރައީސް އުރްދޮޣާން ވިދާޅުވީ، ކުރުދީންގެ މިނިވަން ދަޢުލަތެއް ޤާއިމް ނުކުރެވޭނެ ކަމަށެވެ. އަދި ކުރުދީންގެ އެމަސައްކަތުގެ އަގު އަދާކުރަންޖެހޭނެ ކަމަށާއި، ތުރުކީ އާއި ކުރުދިސްތާން ގުޅޭ ސަރަޙައްދީ ބޯޑަރު ބަންދުކޮށްފިނަމަ ކުރުދީން ބަނޑަށް ޖެހޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކުރުދީންގެ މިނިވަންކަމުގެ ވޯޓާއި ގުޅުވައިގެން ތުރުކީ، އީރާން އަދި އިރާޤުން ދަނީ ތަކުރާރުކޮށް ކުރުދީންގެ ސަރަޙައްދީ ސަރުކާރަށް އިންޒާރުތައް ދެމުންނެވެ. އެގޮތުން ތުރުކީން ވަނީ ކުރުދީންނާއި ދެކޮޅަށް އިޤްތިޞާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމުގެ އިތުރުން، އީރާޤުގެ ފައުޖުތަކާއި ގުޅިގެން ކުރުދީންގެ ސަރަޙައްދީ އިމުގެ ކައިރީގައި އަސްކަރީ ތަމްރީންތަކެއް ބާއްވާފައެވެ.

މީގެ އިތުރުން އިރާޤުން ވަނީ، ކުރުދިސްތާނުގެ ވައިގެ ބަނދަރުތައް އިރާޤު މައި ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމާއި، ސަރަޙައްދީ ބޯޑަރުތަކުގެ ކޮންޓްރޯލް އަތުލާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި އީރާނުންވެސް ވަނީ، އެޤައުމާއި ކުރުދިސްތާނާއި ގުޅޭ ސަރަޙައްދީ ބޯޑަރު ބަންދުކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

ތުރުކީގެ ބޮޑުވަޒީރު ބިން ޔިލްޑިރިމް ހޮނިހިރު ދުވަހު ވަނީ، އެޤައުމުން ކުރުދީންގެ ސަރަޙައްދީ ސަރުކާރާއި ގުޅިގެން އިރްބިލްގައި ކުރިއަށް ގެންދާ ޑީލްތައް ހުއްޓާލާނެ ކަމަށް ވިދާޅުވެފައެވެ.

އަދި މީގެ ފަހުން، ކުރުދީންގެ ސަރަޙައްދުގައި ތުރުކީގެ ބައިވެރިވުން ހިމެނޭ އެއްވެސް ކަމެއް ހިންގާނީ ހަމައެކަނި ބަޤްދާދުގެ މައި ސަރުކާރާއެކު ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން އެސަރަޙައްދުގެ ހަމަޖެހުން ނަގާލުމަށް ކުރާ މަސައްކަތް ފެއިލް ކޮށްލުމަށް، އީރާން، އިރާޤް އަދި ތުރުކީން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

- ކޮމެންޓް