ކ. މާލެ
|
30 ސެޕްޓެންބަރ 2017 | ހޮނިހިރު 15:32
ބާސެލޯނާގެ ޓީމް
ބާސެލޯނާގެ ޓީމް
ގެޓީ އިމޭޖަސް
ބާސެލޯނާ
ބާސެލޯނާ ޕްރިމިއާ ލީގަށް ބަދަލުވަނީ!
ކެޓަލޯނިއާގެ ކުޅިވަރާބެހޭ ވަޒީރު ވަނީ މިފަދަ އިޝާރާތެއް ކޮށްފަ
ބާސާގެ މެނޭޖްމަންޓުން މިކަމާ ގުޅޭގޮތުން އަދި ވަކިގޮތެއް ނިންމާފައެއް ނުވޭ
ކެޓަލޯނިއާ މިނިވަން ވެއްޖެ ނަމަ ބާސާއަށް ލަލީގާގައި ނުކުޅެވޭނެ ކަމަށް އެ ލީގުގެ ރައީސް ވަނީ ބުނެފަ

ކެޓަލޯނިއާއަށް މިނިވަންކަން ލިބިއްޖެނަމަ ބާސެލޯނާ އިނގިރޭސި ޕްރިމިއާ ލީގަށް ބަދަލުވުމަކީ ވެދާނެ ކަމެއް ކަމަށް ކެޓަލޯނިއާ ސަރަހައްދުގެ ކުޅިވަރާބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

ބާސެލޯނާ ނިސްބަތްވާ ކެޓަލޯނިއާ ސަރަހައްދަކީ ސްޕެއިންގެ ސަރުކާރުން ވަކިވެ ފުރިހަމަ މިނިވަންކަން ހޯދުމަށް މަސައްކަތް ކުރަމުންދާ ސަރަހައްދެކެވެ. ކެޓަލޯނިއާގެ ސަރުކާރުން ވަނީ މިނިވަން ސަރަހައްދަކަށް ވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ނަގަން ނިންމާފައެވެ.

މި ވޯޓުގެ ނަތީޖާއިން ކެޓަލޯނިއާއަށް ފުރިހަމަ މިނިވަންކަން ލިބިއްޖެ ނަމަ އެ ޓީމު އިނގިރޭސި ޕްރިމިއާ ލީގަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ސަރަހައްދުގެ ކުޅިވަރާބެހޭ ވަޒީރު ޖެރާޑް ފިގުއޭރާސްވަނީ ބުނެފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ ކެޓަލޯނިއާއަށް ފުރިހަމަ މިނިވަންކަން ލިބިއްޖެ ހާލަތެއްގައި އެ ސަރަހައްދަށް ނިސްބަތްވާ ލަލީގާގެ ޓީމުތައް ކަމަށްވާ ބާސެލޯނާ، އެސްޕަންޔޯލް އަދި ޖިރޯނާ ކުޅޭނެ ވަކި ލީގެއް ނިންމާނީ އެ ޓީމުތަކުން ކަމަށާއި އެ ޓީމުތަކަށް ލަލީގާގައި ދެމިއޮތުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށާއި އަދި އެހެން ގައުމެއްގެ ލީގަށް ބަދަލުވުމަކީވެސް އެ ޓީމުތަކަށް އޮތް ފުރުސަތެއް ކަމަށެވެ.

އެހެނަސް ކެޓަލޯނިއާގެ ކުޅިވަރާބެހޭ ވަޒީރުގެ މި ބަސްތަކަށް ސްޕެނިޝް ލަލީގާގެ ރައީސް ވަނީ ހޫނު ރައްދެއް ދީފައެވެ. ލަލީގާގެ ރައީސް ހަވިޔާ ޓޭބާސް މި ބަސްތަކަށް ރައްދު ދެމުން ބުނެފައިވަނީ ކުޅިވަރަކީ ވަރަށް ސީރިއަސްކޮށް ނަގަން ޖެހޭ އެއްޗެއް ކަމަށާއި އަދި ހުރިހާ ކަމެއް ވެސް ވަރަށް ސާފު ސީދާކޮށް އެގެން ޖެހޭ ކަމަށެވެ. ހަމައެހެންމެ އޭނާ ބުނެފައިވަނީ ކެޓަލޯނިއާއަށް މިނިވަންކަން ލިބިއްޖެ ހާލަތެއްގައި އެ ސަރަހައްދަށް ނިސްބަތްވާ އެއްވެސް ޓީމަކަށް ލަލީގާގައި ކުޅުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ. އެހެނަސް އޭނާވަނީ އެ ޓީމުތައް ލަލީގާގައި މަޑުކުރުވަން ބޭނުންވާ ކަމުގެ އިޝާރާތެއް ދީފައެވެ.

ކެޓަލޯނިއާގެ ކުޅިވަރާބެހޭ ވަޒީރު އިތުރަށް ބުނެފައިވަނީ ކެޓަލޯނިއާގެ ޓީމުތައް އެހެން ގައުމުތަކުގެ ލީގުތަކުގައި ކުޅެގެން ޔުއޭފާއިން މައްސަލަ ޖައްސަފާނެ ކަމަށް ގަބޫލް ނުކުރެވޭ ކަމަށާއި އެގޮތުން ފްރާންސްގެ ލީގުގައި މޮނާކޯ ކުޅޭ ކަމަށާއި އަދި އިނގިރޭސި ޕްރިމިއާ ލީގުގައި ވޭލްސްގެ ޓީމުތަކުން ވާދަކުރާ ކަމަށެވެ.

ބާސާ ޕްރިމިއާ ލީގަށް ބަދަލުވެދާނެ ކަމަށް ގިނަބަޔަކު ބުނަމުންދާއިރު އެ ޓީމުން އަދި މިކަމުގައި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. އަދި މިވަގުތު އެ ޓީމުއޮތީ ލަލީގާގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް