އެމެރިކާގެ ނެޝެނަލް ބާސްކެޓްބޯލް އެސޯސިއޭޝަން (އެންބީއޭ) ގެ ތާރީހުގައި ވެސް މިހާތަނަށް ކުޅުންތެރިޔަކު ސޮއި ކުރި އެންމެ އަގުބޮޑު ކޮންޓްރެކްޓްގައި ރަސަލް ވެސްޓްބްރުކް ސޮއިކޮށްފިއެވެ.
އޮކްލޮހޯމާ ސިޓީ ތަންޑާއަށް ކުޅެމުން އަންނަ ވެސްޓްބްރުކް ވަނީ އެ ޓީމާއެކު 205 މިލިއަން ޑޮލަރުގެ އާ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ވެވުނު އެއްބަސްވުމެއް ކަމަށް ވެސްޓްބްރުކް އަދި އޮކްލޮހޯމާ ސިޓީން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.
އޮކްލޮހޯމާ ސިޓީ ދޫކޮށް ގޯލްޑެން ސްޓޭޓް ވޯރިއާސްއަށް ކެވިން ޑިއުރަންޓް ސޮއިކުރުމާ ވިދިގެން މިދިޔަ އޮގަސްޓް މަހު ވެސް ވެސްޓްބްރުކް ވަނީ އޮކްލޮހޯމާ ސިޓީއާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި މި ކޮންޓްރެކްޓްގައި ބާކީ އަދި އެއް އަހަރު އޮތުމާއެކު، އާ ކޮންޓްރެކްޓާއެކު ވެސްޓްބްރުކްއަށް ހަ އަހަރު ތެރޭ 233 މިލިއަން ޑޮލަރު ލިބިގެން ދާނެއެވެ. އެހެން ކަމުން މީގެ ފަހުން އޭނާ އެންބީއޭގައި ކުޅޭ ކޮންމެ މެޗަކަށް 569512 ޑޮލަރު ލިބޭނެއެވެ. މިއީ އެންބީއޭގެ ތާރީހުގައި ވެސް ކުޅުންތެރިޔަކަށް ކުޅޭ ކޮންމެ މެޗަކަށް މި އަދަދަށް ފައިސާ ލިބޭނެ ފުރަތަމަ ފަހަރެވެ.
އޮކްލޮހޯމާ ސިޓީ ތަންޑާގެ ޖެނެރަލް މެނޭޖާ ސޭމް ޕްރެސްޓީ ނެރުނު ބަޔާނެއްގައި އޭނާ ބުނެފައި ވަނީ 2008 ވަނަ އަހަރު ވެސްޓްބްރުކް އެ ޓީމާ ގުޅުނު ފަހުން އަހަރަކަށް ފަހު އަހަރެއް އެ ޓީމަށް ލިބެމުން އަންނަ ކާމިޔާބު އިތުރުވަމުން އަންނަ ކަމަށާއި މުޅި އޮކްލޮހޯމާ ސިޓީގެ ބާސްކެޓް ފްރެންޗައިޒް މިހާރު ބިނާކުރެވެމުން ދަނީ ވެސްޓްބްރުކްގެ ވަށައިގެން ކަމަށެވެ.
ވެސްޓްބްރުކް ވެސް ވަނީ ކޮންޓްރެކްޓް އާކުރުމަށް ފަހު ބަޔާނެއް ނެރެފައެވެ. އެގޮތުން އޭނާ ނެރުނު ބަޔާނުގައި ވަނީ އޭނާ ދުވަހަކު ވެސް އޮކްލޮހޯމާ ސިޓީ ދޫކޮށްލުމަށް ނުވިސްނާ ކަމަށާއި އެ ޓީމަށް ކުޅެން ލިބުމަކީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ޝަރަފު ކަމަށެވެ. އަދި އޭނާގެ އުއްމީދަކީ އޮކްލޮހޯމާ ސިޓީއަށް އެންބީއޭގެ ތައްޓެއް ގެނެސްދިނުން ކަމަށާއި އެ ހުވަފެން ހަގީގަތަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.
ވެސްޓްބްރުކްގެ ކޮންޓްރެކްޓް އޮކްލޮހޯމާ ސިޓީއިން އާކޮށްފައިވާއިރު އެ ޓީމުން ވަނީ މި ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އިންޑިއާނާ ޕޭސާސްއަށް ކުޅުނު ޕައުލް ޖޯޖް އަދި ނިއުޔޯކް ނިކްސްއަށް ކުޅުނު ކާމެލޯ އެންތަނީ ގެނެސްފައެވެ. ވެސްޓްބްރުކް ރެކޯޑް ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވާއިރު އޭނާ ވަނީ މިދިޔަ ސީޒަނުގައި އެންބީއޭގައި ކުޅުނު އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ.