ކ. މާލެ
|
30 ސެޕްޓެންބަރ 2017 | ހޮނިހިރު 08:47
އެމެރިކާގެ ހެލްތު ސެކްރެޓަރީ ޓޮމް ޕްރައިސް
އެމެރިކާގެ ހެލްތު ސެކްރެޓަރީ ޓޮމް ޕްރައިސް
ގެޓީ އިމޭޖަސް
އެމެރިކާގެ ކެބިނެޓް
އެމެރިކާގެ ޞިއްޙީ ވަޒީރު އިސްތިއުފާ ދެއްވައިފި
ޕްރައިސް އިސްތިއުފާ ދެއްވީ ރަސްމީ ދަތުރުތަކުގައި އަމަލު ކުރަންޖެހޭ އުޞޫލާ ޚިލާފުވެގެން
ޞިއްޙީ ވުޒާރާ ހިންގެވުން ވަގުތީ ގޮތުން އެވުޒާރާގެ ނައިބާ ވަނީ ހަވާލުކޮށްފައި

ރަސްމީ ދަތުރުތަކުގައި ޕްރައިވެޓް ފްލައިޓް ބޭނުން ކުރެއްވި މައްސަލާގައި އެމެރިކާގެ ޞިއްޙަތާ ބެހޭ ވަޒީރު ޓޮމް ޕްރައިސް އިސްތިއުފާ ދެއްވައިފި އެވެ.

ޕްރައިސްގެ އިސްތިއުފާގެ ސިޓީ ހުކުރު ދުވަހު ވައިޓް ހައުސް އަށް ފޮނުވާފައިވާއިރު، އެމެރިކާގެ ސަރުކާރުގެ އޮފިޝަލުން ރަސްމީ ދަތުރުތަކުގައި ޢަމަލު ކުރަންޖެހޭ އުޞޫލާއި ޚިލާފްވެގެން، އެ މައްސަލައިގެ ތަހުގީގު ފަށާފައި ވަނިކޮށެވެ.

ޕްރައިސްގެ އިސްތިއުފާ އިޢުލާން ކުރެއްވުމުގެ ގަޑިއެއްހާއިރު ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ޓްރަމްޕް ވަނީ، ޕްރައިސްގެ މިއަމަލާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.

މިދިޔަ މެއި މަހުގެ ފަހުން، ރަސްމީ ދަތުރުތަކުގައި 26 ފަހަރެއްގެ މަތީން ޕްރައިވެޓް ފްލައިޓްތަކަށް ހަތަރު ލައްކަ ޑޮލަރު ހޭދަކުރެއްވި މައްސަލާގައި ޕްރައިސް މީގެ ކުރިން ވަނީ މަޢާފަށް އެދިވަޑައިގެންފަ އެވެ.

ސަރުކާރުގެ އޮފިޝަލުންގެ ތެރެއިން ޤައުމީ ސަލާމަތާ ގުޅޭ ކަންކަމުގައި މަސައްކަތް ކުރާ އޮފިޝަލުން ފިޔަވައި އެހެން ބޭފުޅުން، ރަސްމީ މަސައްކަތުގައި ކުރަން ޖެހޭ ދަތުރުތައް ކުރަން ޖެހޭނީ ކޮމާޝަލް ފްލައިޓްތަކުގައެވެ.

ޕްރައިސްގެ އިތުރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެބިނެޓްގެ އިތުރުން ތިން ބޭފުޅެއްގެ މައްޗަށް ވަނީ، ރަސްމީ ދަތުރުފުޅުތައް ޕްރައިވެޓް ފްލައިޓްތަކުގައި ކުރެއްވި މައްސަލަ ފެންމަތިވެފައެވެ.

ޕްރައިސްގެ އިސްތިއުފާ ރައީސް ޓްރަމްޕް ވަނީ ޤަބޫލް ކުރައްވާފައެވެ. އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައި ވަނީ، ވަގުތީ ގޮތުން ޞިއްޚީ ވުޒާރާ ހިންގެވުން، އެވުޒާރާގެ ނައިބުގެ މަޤާމުގައި ހުންނެވި ޑޮން ޖޭ ރައިޓްއާ ހަވާލު ކުރައްވާފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް