އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގެ ކުޅުން އަންނަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ފަށަން އެފްއޭއިމްއިން ނިންމައިފިއެވެ.
ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗު އަންނަ މަހުގެ 14 ވަނަ ދުވަހު ފަށާއިރު، އެ ދުވަހުގެ ހަވީރު ކުޅޭ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި މިނިވަން 50 ޗެމްޕިއަންޝިޕްގެ ދެވަނަ ހޯދި ގދ. ތިނަދޫގެ ޓީމެވެ. އަދި އެރޭ ކުޅޭ މެޗުގައި ވާދަކުރާނީ އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާއި މިނިވަން 50 ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމް ކަމަށްވާ ދ.ކުޑަހުވަދޫއެވެ.
ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ނިމިފައިވާއިރު، ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނަ މަގާމު 18 ޕޮއިންޓާއެކު ލިބެނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށެވެ. އަދި ދެވަނަ މަގާމުގައި 16 ޕޮއިންޓާއެކު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އޮތްއިރު، 16 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ތިންވަނައިގައި އޮތީ ޓީސީ ސްޕޯޓްސް ކްލަބެވެ.
އަދި ހަތަރުވަނަ 12 ޕޮއިންޓާއެކު ކްލަބު ގްރީން ސްޓްރީޓްސްއަށް ލިބޭއިރު، ފަސްވަނައިގައި 10 ޕޮއިންޓާއެކު އޮތީ ގދ. ތިނަދޫއެވެ. ހަވަނައިގައި ފަސް ޕޮއިންޓާއެކު ށ. މިލަންދޫ އޮތްއިރު، ހަތްވަނައިގައި ދެ ޕޮއިންޓާއެކު އޮތީ އއ. މާޅޮސްއެވެ. އަދި ތާވަލުގެ އެންމެ ފުލުގައި އެއް ޕޮއިންޓަކާއެކު އޮތީ ދ. ކުޑަހުވަދޫއެވެ.