ރެއާލް މެޑްރިޑްއަށް ކުޅެމުން އަންނަ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ ރަފައޭލް ވަރާންއާއި މާކޯ އަސެންސިއޯ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.
ދުނިޔޭގެ އެންމެ މޮޅު އެއް ޒުވާން ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ އަސެންސިއޯ ވަނީ 2023 ވަނަ އަހަރާ ހަމަޔަށް ރެއާލްގައި މަޑުކުރުމަށް އެއްބަސްވުން އާކޮށްފައެވެ. މިއީ މިހާރު އޭނާ ރެއާލްއާއެކު ހަދާފައިވާ އެއްބަސްވުމަށް ވުރެ ހަ އަހަރު އިތުރު އެއްބަސްވުމެކެވެ.
އުމުރުން 21 އަހަރުގެ އަސެންސިއޯ ރެއާލްއަށް ސޮއިކޮށްފައި ވަނީ 2014 ވަނަ އަހަރު މަޔޯކާއިން 3.9 މިލިއަން ޔޫރޯއަށެވެ. ރެއާލްއަށް ސޮއި ކުރުމަށް ފަހު އަސެންސިއޯވަނީ ލޯނެއްގެ ދަށުން ހަމަ މަޔޯކާ އަދި އެސްޕަންޔޯލްއަށް ކުޅެފައެވެ. އެހެނަސް މިދިޔަ ސީޒަނުގައި އޭނާވަނީ ރެއާލްގައި މަޑުކޮށް އެ ޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާގެ މި ކުޅުމުގެ ސަބަބުން ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާންވެސް ވަނީ އޭނާއަށް ވަރަށް ބޮޑަށް ތައުރީފްކޮށް އޭނާއަށް ރެއާލްގެ ފުރަތަމަ އެގާރައިން ގަވާއިދުން ފުރުސަތު ދޭން ފަށާފައެވެ.
ހަމައެހެންމެ ރެއާލްއަށް ކުޅެމުން އަންނަ ފްރާންސްގެ ހުނަރުވެރި ޑިފެންޑާ ރަފައޭލް ވަރާންވެސް ވަނީ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފައެވެ. އޭނާވަނީ 2022 ވަނަ އަހަރާ ހަމަޔަށް ރެއާލްގައި މަޑުކުރުމަށް އާ އެއްބަސްބުމެއްގައި ސޮއިކޮށްފައެވެ.
އާ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ވަރާން ބުނެފައިވަނީ އެއްބަސްވުން އާކުރެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި އޭނާގެ އުއްމީދަކީ ރެއާލްގައި މަޑުކޮށް ރެއާލްއާއެކު ގިނަ ތަށިތަކެއް އުފުލާލުން ކަމަށެވެ. އަދި ވަރާން ވަނީ ރެއާލްގައި ރިޓަޔާ ކުރުމަކީ އޭނާ ދެކޭ ވަރަށް ބޮޑު ހުވަފެނެއް ކަމަށާއި އެކަން ހަގީގަތަކަށް ހެދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށްވެސް ވަރާން ބުނެފައިވެއެވެ.
2011 ވަނަ އަހަރު ފްރާންސްގެ ލެންސްއިން 10 މިލިއަން ޕައުންޑަށް ރެއާލްއަށް ބަދަލުވުމަށް ފަހު އޭނާ އަންނަނީ ރެއާލްގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. ރެއާލްއިން ވަނީ އަސެންސިއޯއާ ވަރާންގެ ކޮންޓްރެކްޓްގެ އިތުރުން އިސްކޯ، މާސެލޯ، ކަވަހާލް އަދި ކަރިމް ބެންޒޭމާގެ ކޮންޓްރެކްޓްތަށް ދިގު މުއްދަތަކަށް އާކޮށްފައެވެ.