ޔޫއެފާ ޔޫރޮޕާ ލީގުގައި ރޭ ބާޓޭ ބޮރިސޯވް އާއި ބައްދަލު ކުރި މެޗު ފަސޭހަކަމާއެކު އާސެނަލް އިން ކާމިޔާބު ކޮށްފިއެވެ.
ރޭ ބާޓޭ ބޮރިސޯވް އާއި ބައްދަލު ކުރި މެޗު އާސެނަލްއިން ކާމިޔާބު ކުރީ 2-4 ގެ ނަތީޖާއިންނެވެ.
ބޮރިސޯވްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އާސެނަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، މެޗު ފެށިގެން ނުވަ ވަނަ މިނެޓްގައި އާސެނަލްއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ތިއޯ ވޮލްކޮޓްއެވެ.
މި ލަނޑަށް ފަހު ވެސް އާސެނަލްއިން ރަނގަޅަށް ކުޅެމުންދިޔައިރު، އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކުރީ މެޗުގެ 22 ވަނަ މިނެޓްގައި ފުރަތަމަ ލަނޑުވެސް ޖަހައިދިން ވޮލްކޮޓް ކާމިޔާބުކުރި ލަނޑުންނެވެ. ވޮލްކޮޓް މި ލަނޑު ކާމިޔާބު ކުރިތާ ތިން މިނެޓްފަހުން 26 ވަނަ މިނެޓުގައި ރޮބް ހޯލްޑިން ވަނީ އާސެނަލްގެ ތިންވަނަ ގޯލު ކާމިޔާބު ކޮށްދީ ލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ބޮރިސޯވްގެ އިވަނިޗް ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު އާސެނަލްއަށް ލިބުނު ޕެނަލްޓީއަކުން އޮލިވިއޭ ޖިރޫ ވަނީ އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. މި މެޗުގައި ބޮރިސޯވް އިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 67 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ގޮރްޑޭޗުކްއެވެ.
ރޭގެ މި މޮޅާއެކު އާސެނަލް އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ލިބުނު ހަ ޕޮއިންޓާއެކު ގްރޫޕް އެޗްގެ އެއްވަނައިގައެވެ. ދެވަނައިގައި ހަތަރު ޕޮއިންޓާއެކު ރެޑް ސްޓާ ބެލްގްރޭޑް އޮތްއިރު ތިންވަނައިގައި އެއް ޕޮއިންޓާއެކު އޮތީ ބޮރިސޯވްއެވެ. އަދި ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ އެފްސީ ކޮލޯންއެވެ.
ގްރޫޕް ސްޓޭޖުގައި އާސެނަލް ދެން ބައްދަލު ކުރާނީ ދެވަނައިގައި އޮތް ރެޑް ސްޓާ ބެލްގްރޭޑްއާއެވެ.