ކ. މާލެ
|
29 ސެޕްޓެންބަރ 2017 | ހުކުރު 09:30
މުބާރާތުގެ ޗެމްޕިއަންކަން ހޯދި މޯލްޑިވިއަންގެ ޓީމް
މުބާރާތުގެ ޗެމްޕިއަންކަން ހޯދި މޯލްޑިވިއަންގެ ޓީމް
ވީއޭއެމް
ވީއޭއެމް އެސޯސިއޭޝަން ކަޕް
ވީއޭއެމް އެސޯސިއޭޝަން ކަޕް: ސީލައިފް ބަލިކޮށް މޯލްޑިވިއަން ޗެމްޕިއަންކަން ހޯދައިފި
މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން މެޗް ކާމިޔާބު ކުރީ ތިން ސެޓު އެއް ސެޓުން
މި މުބާރާތުގެ ތިންވަނަ ހޯދާފައިވަނީ ދިވެހި ސިފައިންގެ ކްލަބް
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މޯލްޑިވިއަންގެ ބިދޭސީ ކުޅުންތެރިޔާ މުރާދު ޖެހާން

ވޮލީބޯލް އެސޯސިއޭޝަންއިން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދިޔަ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ފައިނަލް މެޗު ސީލައިފް ސްޕޯޓްސް ކްލަބާ ވާދަކޮށް މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްއިން ކާމިޔާބު ކުރީ ތިން ސެޓު އެއް ސެޓުންނެވެ. ފުރަތަމަ ސެޓު 25-19 އިން މޯލްޑިވިއަންއިން ގެންދިޔަ ނަމަވެސް ސީލައިފްއިން ވަނީ ކުޅުން ރަނގަޅުކޮށް ދެވަނަ ސެޓު 25-21 އިން ގެންގޮސްފައެވެ. އެހެނަސް މޯލްޑިވިއަން އިން ވަނީ އޭގެ ފަހުން ކުޅުނު ދެ ސެޓު 25-21 އަދި 25-22 އިން ގެންގޮސް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މޯލްޑިވިއަންގެ އިސްމާއިލް ސާޖިދް (ކުޑަކާއްޓޭ) އެވެ.

މި މުބާރާތުގެ ތިންވަނަ ހޯދާފައި ވަނީ ދިވެހި ސިފައިންގެ ކްލަބްއެވެ. އެގޮތުން އެ ޓީމުން ވަނީ ތިންވަނަ ހޮވި މެޗުގައި ސީދާ ތިން ސެޓުން ޕޮލިސް ކްލަބް ބަލި ކޮށްފައެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މޯލްޑިވިއަންގެ ބިދޭސީ ކުޅުންތެރިޔާ މުރާދު ޖެހާންއެވެ. އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ މޯލްޑިވިއަންގެ ކޯޗު އަބްދުﷲ ނަޝީދު (އަބުޅޯ) އެވެ. މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނިފައިވަނީ މޯލްޑިވިއަންގެ ކުޑަކާއްޓެ، އާދަމް ފައިރޫޒް، ހުސައިން ވިޝާމް، އިބްރާހިމް އާދިލް އަދި ސީލައިފްގެ އަލީ ހުޒާމް، ހަސަން ނިލާމް އަދި އަލީ އާމިރު އެވެ. އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ކްލަބްގެ ޝުވައިބު އަބްދުލް ލަތީފްއެވެ.

މި މުބާރާތުގައި ޖުމްލަ އަށް ޓީމު ވަނީ ވާދަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް