ކ. މާލެ
|
28 ސެޕްޓެންބަރ 2017 | ބުރާސްފަތި 12:41
ބުދަ ދުވަހު ބޭއްވި ޔުގާންޑާގެ ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ހަމަނުޖެހުން ހިންގަނީ
ބުދަ ދުވަހު ބޭއްވި ޔުގާންޑާގެ ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ހަމަނުޖެހުން ހިންގަނީ
ރޮއިޓަރސް
ޔުގާންޑާ
ވެރިކަމަށް ކުރިމަތިލެވޭ އުމުރުގެ މައްސަލާގައި ޔުގާންޑާގެ މަޖިލިސް ހޫނުވެއްޖެ
ވެރިކަން ކުރާ ޕާޓީން ހުށަހަޅާފައިވަނީ 75 އަހަރުން މަތީގެ މީހުންނަށް ވެރިކަން ކުރެވޭ ގޮތަށް ޤާނޫނު އަސާސީ ބަދަލު ކުރުމަށް
މިހާރު ވެރިކަމުގައި ހުންނެވި ރައީސް މުސެވެނީގެ އުމުރުފުޅަކީ 73 އަހަރު
ޤާނޫނަށް ބަދަލު ނުގެނެސް، މުސެވެނީ އަށް 2021 ވަނަ އަހަރުގެ އިންތިޚާބުގައި ވާދައެއް ނުކުރެވޭނެ

ޔުގަންޑާގައި ވެރިކަމަށް ކުރިމަތިލެވޭ އުމުރާ ގުޅޭ ބިލެއް ހުށަހެޅުމާ އެކު އެޤައުމުގެ ޤާނޫނު ހަދާ މަޖިލިސް ހޫނުވެއްޖެ އެވެ.

ޔުގާންޑާގެ ޤާނޫނު އަސާސީ ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރަކީ 75 އަހަރެވެ.

މިހާރު އެޤައުމުގެ ވެރިކަމުގައި ހުންނެވި ޒަމާންވީ ލީޑަރ ޔޮވޭރީ މުސެވެނީ އަށް 73 އަހަރު ވެފައިވާއިރު، ދެން އެޤައުމުގައި ރިޔާސީ އިންތިޚާބެއް އޮންނާނީ 2021 ވަނަ އަހަރު އެވެ. ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން މިހާރު ވެރިކަމުގެ ފަސްވަނަ ދައުރު ފުރުއްވަމުން ގެންދަވާ މުސެވެނީ އަށް އިތުރު ދައުރަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ.

އެމާއްދާ އުވާލުމަށް ޔުގަންޑާގައި ވެރިކަން ކުރާ ނޭޝަނަލް ރެޒިސްޓެންސް މޫވްމަންޓް އިން ޤާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ބިލާ ގުޅިގެން މަޖިލިސް ހޫނުވެފައިވާއިރު، މިބަދަލަކީ ޚުދުމުޚްތާރު ލީޑަރ މުސެވެނީ ހަވަނަ ދައުރަކަށް ކުރިމަތިލެވޭނެ ގޮތް ހެދުމަށް ހުށަހެޅި އިސްލާހެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

މިމައްސަލާގައި ބޭއްވި ޤާނޫނު ހަދާ މަޖިލީހުގެ ދެ ޖަލްސާ ވެސް ހަމަނުޖެހުމަކަށް ބަދަލުވެގެން ދިޔައިރު، މިމައްސަލާގައި ޙައްޤުތަކަށް މަސައްކަތް ކުރާ ފަރާތްތަކާއި، އިދިކޮޅު ސިޔާސީ ފަރާތްތަކުގެ އިތުރުން ދީނީ ލީޑަރުން ވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ.

މި އިސްލާހާ ގުޅިގެން އަންގާރަ ދުވަހު ބޭއްވި ފުރަތަމަ ޖަލްސާގެ ކުރިން ޔުގާންޑާގެ ވެރިރަށް ކަމްޕާލާގައި އިދިކޮޅު ފަރާތްތަކާއި ކިޔަވާކުދިން ކުރި މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށް، 19 މީހަކު ހައްޔަރުކޮށްފައެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި އެޤައުމުގެ އިދިކޮޅު ލީޑަރެއް ކަމަށްވާ ކީޒާ ބެސިގިޔޭ ހިމެނެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޤާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެގަތުމަށް އެއްވުމުގެ ބައިވެރިންނަށް ހިތްވަރުދިން ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެ އެވެ. ކަމްޕަލާގެ އިތުރުން ޔުގާންޑާގެ އެކި ހިސާބުތަކުގައި މިކަމާ ދެކޮޅަށް މުޒާހަރާކޮށްފައިވާ ކަމަށް އެޤައުމުގެ މީޑީއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

ބުދަ ދުވަހު ބޭއްވި ދެވަނަ ޖަލްސާ ހޫނުވެ، މެމްބަރުންގެ މެދުގައި އަޑުގަދަކޮށް، މާރާމާރި ހިންގައި ހަމަނުޖެހުންތައް އިތުރުވުމާ ގުޅިގެން ޖަލްސާ ކުރިއަށް ގެންގޮސްފައި ވަނީ ސަލާމަތީ އޮފިސަރުންގެ އެހީތެރިކަމާއެކު ރިޔާސަތުން ނަން އިއްވި 25 މެމްބަރަކު މަޖިލީހުގެ ތަޅުމުން ބޭރު ކުރުމަށް ފަހު އެވެ.

ހަމަނުޖެހުންތަކާ އެކު ވެސް، ބުދަ ދުވަހު ބޭއްވި ޖަލްސާއިން ޤާނޫނު ހަދާ މަޖިލީހުގެ އިދިކޮޅު ލީޑަރު އަދި ފޯރަމް ފޯ ޑިމޮކްރެޓިކް ޗޭންޖްގެ މެމްބަރު ވިނީ ކީޒާ ވޯކް-އައުޓް ކުރުމާއެކު، ވެރިކަން ކުރާ ޕާޓީން ބޭނުންވި ގޮތަށް މަޖިލީހުން ވަނީ އެއިސްލާހު ފާސްކޮށްފައެވެ. މަޖިލީހުގެ ޖަލްސާއިން ނުކުމެވަޑައިގެންނެވުމަށް ފަހު ކީޒާ ވިދާޅުވީ، މުސެވެނީގެ އުމުރު ދުވަހުގެ ވެރިކަމުގެ ޕްރޮޖެކްޓްގައި ބައިވެރިވާން ބޭނުން ނުވާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މިއިސްލާހާ ދެކޮޅު ހެއްދެވި ނަމަވެސް، މުސެވެނީގެ ސަޕޯޓަރުން ވަނީ ޤާނޫނު އަސާސީ މިހާރު އޮތީ ދޮށީ އުމުރުގެ މީހުންނާ މެދު ތަފާތުކުރުން ގެންގުޅެވޭ ގޮތަށް ކަމަށް ބުނެ، އެކަމަށް ތާޢީދު އޮތްކަން ހާމަކޮށްފަ އެވެ.

އިސްލާހަށް ތާޢީދުކުރެއްވި މަޖިލީހުގެ މެމްބަރު މޫސާ ބަލޭކޫ ވަނީ، މީހެއްގެ އުމުރަކީ ޔޫގަންޑާގެ އެއްވެސް ރައްޔިތަކަށް އެޤައުމުގައި ވެރިކަން ކުރުމަށް ލިބޭ ޙައްޤާއި މިނިވަން ކަމަށް އޮތް ހުރަހަކަށް ވެގެން ނުވާނެ ކަމަށް ޤަބޫލްކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ޔުގާންޑާގެ ދާޚިލީ މިނިވަން ކަމަށް މަސައްކަތްކުރި އިދިކޮޅު ހަނގުރާމަވެރި ޖަމާއަތުގެ ލީޑަރެއްގެ ގޮތުގައި އެޤައުމުގައި ބާރު ހޯއްދެވި މުސެވެނީ އެޤައުމު ހިންގެވުމާއި ހަވާލުވެވަޑައިގެންފައި ވަނީ 1986ވަނަ އަހަރު އެވެ. ދިހަ އަހަރަށް ފަހު މުސެވެނީގެ ރިޔާސާތުގެ ދަށުން ފުރަތަމަ ފަހަރަށް އެޤައުމުގައި އިންތިޚާބެއް ބާއްވާފައި ވަނީ 1996 ވަނަ އަހަރު އެވެ. އެއިންތިޚާބު ކާމިޔާބުކޮށް ޔުގާންޑާގެ ރައީސްގެ އިންތިޚާބުވެ، ފުރަތަމަ ދެ ދައުރު ފުރިހަމަ ކުރުމަށް ފަހު، 2005 ވަނަ އަހަރު މުސެވެނީ ވަނީ ޤާނޫނު އަސާސީގެ ދަށުން އެޤައުމުގެ ވެރިކަމުގެ ދައުރު ކަނޑައެޅުމުގެ މާއްދާއަށް އިސްލާހު ގެނެސް، ވެރިކަމުގައި އިތުރަށް ހުންނެވޭނެ ގޮތަށް ޤާނޫނު ބަދަލުކޮށްފަ އެވެ. މިހާރު މުސެވެނީ ފުރުއްވަމުން ގެންދަވަނީ ވެރިކަމުގެ ފަސްވަނަ ދައުރެއެވެ.

- ކޮމެންޓް