ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި ޗެލްސީ އާއި އެޓްލެޓިކޯ މެޑްރިޑް ވާދަކުރި މެޗުގައި ފަހު ވަގުތު މިޗީ ބަޓްޝުއާއީ ކާމިޔާބު ކުރި ލަނޑުން އެޓްލެޓިކޯގެ ހިތް ކުދިކުދި ވެއްޖެއެވެ.
އެޓްލެޓިކޯގެ އާ ސްޓޭޑިއަމްގައި ކުޅުނު އެންމެ ފުރަތަމަ ޔުއެފާ ޗެމްޕިއަންސް ލީގުގެ މެޗުގައި ޗެލްސީގެ އަތުން އެ ޓީމު ބަލިވެފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި މޮޅު ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހެމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެހެނަސް ފުރަތަމަ ހާފުގައި މި ފުރުސަތުތަކުގެ ބޭނުން ހިފާފައިވަނީ އެޓްލެޓިކޯއިންނެވެ.
އެގޮތުން އެޓްލެޓިކޯއަށް މެޗުގެ ފުރަތަމަ ލަނޑު ޖަހައިދިނީ 40 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ފްރާންސްގެ ފޯވާޑް އެންޓޮއީން ގްރީޒްމަންއެވެ. މި ޕެނަލްޓީ އެ ޓީމަށް ލިބުނީ ޗެލްސީގެ އޭރިއާ ތެރެއިން އެޓްލެޓިކޯގެ ޔަނިކް ފެރެއިރާ ކަރާސްކޯއަށް ޑޭވިޑް ލުއިޒް ފައުލް ކުރުމާ ވިދިގެންނެވެ.
ފުރަތަމަ ހާފު ނިމިފައިވަނީ 1-0 ގެ ނަތީޖާއަކުން ޗެލްސީގެ މައްޗަށް އެޓްލެޓިކޯ ކުރީގައި އޮވެގެންނެވެ.
ޗެލްސީއިން ދެވަނަ ހާފަށް ނުކުމެ ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ގިނަ ވަގުތު ބޯޅަ ހިފަހައްޓާ ނުރައްކާތެރި ހަމަލާ އުފައްދާފައެވެ. އެގޮތުން އެ ޓީމުން ވަނީ 59 ވަނަ މިނިޓުގައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެޑެން ހަޒާޑް ނަގައިދިން ރީތި ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާއެވެ.
4 - In 2017, no player has scored more sub goals for a PL club in all competitions than Michy Batshuayi (4, level with Giroud). Winner. pic.twitter.com/uH4qlFwZ7k
— OptaJoe (@OptaJoe) September 27, 2017
އެޓްލެޓިކޯގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ހިތް ކުދިކުދި ވެގެން ދިޔައީ އިތުރު ވަގުތުގެ ވެސް އެންމެ ފަހު މިނިޓުގައި ބެންޗުން ކުޅެންއެރި މިޗީ ބަޓްޝުއާއީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ މާކޯސް އެލެންޒޯ ނަގަދިން ހުރަހަކުންނެވެ.
މި ގްރޫޕުގައި އޭއެސް ރޯމާއިން ވަނީ ރަށުން ބޭރުގައި 2-1 ގެ ނަތީޖާއަކުން ކަރަބާގް ބަލިކޮށްފައެވެ. މި މެޗުގެ ހުރިހާ ލަނޑެއް ވެސް ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގެ ފުރަތަމަ 30 މިނިޓުގެ ތެރޭގައެވެ.
އެގޮތުން މެޗުގެ ހަތް ވަނަ މިނިޓުގައި ރޯމާއަށް ލީޑު ނަގައިދިނީ އެ ޓީމުގެ ޑިފެންޑާ ކޮންސްޓަންޓީނޯސް މަނޯލާސްއެވެ. އަދި އޭގެ އަށް މިނިޓު ފަހުން ރޯމާގެ ލީޑު އިތުރަށް ފުޅާކޮށްދިނީ އެޑިން ޒެކޯއެވެ. ކަރަބާގްއަށް ނަތީޖާގެ ފަރަގު ކުޑަވެގެން ދިޔައީ 28 ވަނަ މިނިޓުގައި އެ ޓީމުގެ މިޑްފީލްޑާ ޕެޑްރޯ ހެންރިކޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި ގްރޫޕުގެ އެއްވަނައިގައި ކުޅުނު ދެ މެޗުން ލިބުނު 6 ޕޮއިންޓާއެކު ޗެލްސީ އޮތް އިރު ހަތަރު ޕޮއިންޓާއެކު ދެވަނަ ލިބެނީ ރޯމާއަށެވެ. އަދި ތިންވަނައިގައި އެއް ޕޮއިންޓާއެކު އެޓްލެޓިކޯ އޮތް އިރު ތާވަލުގެ ފުލުގައި އޮތީ ކަރަބާގްއެވެ.