ކ. މާލެ
|
28 ސެޕްޓެންބަރ 2017 | ބުރާސްފަތި 10:48
ޕީއެސްޖީގެ ކުރިޔަށް ކުޅޭ ތިން ކުޅުންތެރިން
ޕީއެސްޖީގެ ކުރިޔަށް ކުޅޭ ތިން ކުޅުންތެރިން
ގޫގުލް
ޔުއެފާ ޗެމްޕިއަންސް ލީގު
ޔުއެފާ ޗެމްޕިއަންސް ލީގު: ޕީއެސްޖީ އަތުން ބަޔާން ބަލިވިއިރު ސެލްޓިކްއަށް ވެސް މޮޅެއް
ޕީއެސްޖީއިން ވަނީ 3-0 އަކުން ބަޔާން ބަލިކޮށްފަ
ސެލްޓިކްއިން ވަނީ ރަށުން ބޭރުގައި 3-0 އަކުން އަންޑަލެކްޓް ބަލިކޮށްފަ
މި ގްރޫޕްގެ އެއްވަނައިގައި 6 ޕޮއިންޓާ އެކު އޮތީ ޕީއެސްޖީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީގައި ވަރުގަދަ ޕީއެސްޖީ އާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު ޕީއެސްޖީ ކާމިޔާބުކުރި އިރު ސެލްޓިކް ވެސް ކުޅުނު މެޗުން އެ ޓީމު މޮޅުވެއްޖެއެވެ. 

ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ބަޔާންއާ ދެކޮޅަށް ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާއި، ލީޑު ނެގީ ޕީއެސްޖީންނެވެ. އެގޮތުން މެޗުގެ ދެވަނަ މިނިޓުގައި ނޭމާ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ޖަހައިދިނީ ބްރެޒިލްގެ ޑިފެންޑާ ޑެނީ އަލްވޭސްއެވެ. ބަޔާންއިން ނަތީޖާ ހަމަހަމަ ކުރަން މަސައްކަތް ކުރަމުން ދަނިކޮށް ޕީއެސްޖީގެ ކަވާނީ ވަނީ ހިތްގައިމު ލަނޑެއް ކާމިޔާބު ކޮށްދީ އެ ޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

މި ލަނޑަށް ފަހު ވެސް ދެ ޓީމަށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބިފައިވާއިރު އެއްވެސް ޓީމަކަށް މި ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. ފުރަތަމަ ހާފު ނިމިފައިވަނީ 2-0 ގެ ނަތީޖާއަކުން ބަޔާންގެ މައްޗަށް ޕީއެސްޖީ ކުރީގަ އޮވެގެންނެވެ.

ދެވަނަ ހާފުގައި ބަޔާންއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ހަމަލާ އުފައްދަން މަސައްކަތްކޮށްފައެވެ. އެގޮތުން 50 ވަނަ މިނިޓުގައި ކިމިޗް ނެގި ކޯނަރަކުން މާޓިނޭޒް ފޮނުވާލި ހަމަލާ ޕީއެސްޖީގެ ގޯލު ރޮނގު މަތިން މެޗުގައި މޮޅު ކުޅުމެއް ދެއްކި އަލްވޭސްއެވެ. ބަޔާއިން ހަމަލާ އުފައްދަމުން ދަނިކޮށް ޕީއެސްޖީއިން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. އެގޮތުން 63 ވަނަ މިނިޓުގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ ނޭމާއެވެ. އޭގެ ފަސް މިނިޓު ފަހުން ބަޔާންއިން ލަނޑެއް ޖެހި ނަމަވެސް ރެފްރީ ނިންމާފައި ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

މި ގްރޫޕްގައި ސެލްޓިކްއިން ވަނީ ރަށުން ބޭރުގައި 3-0 ގެ ނަތީޖާއަކުން ނެދަލޭންޑްސްގެ އަންޑަލެކްޓް ބަލިކޮށްފައެވެ. ސެލްޓިކްއަށް މެޗުގެ 38 ވަނަ މިނިޓުގައި ލީޑު ނަގައިދިނީ ލެއިހް ގްރިފިތްސްއެވެ. މެޗުގެ 50 ވަނަ މިނިޓުގައި އެ ޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދިނީ ޕެޓްރިކް ރޮބާޓްސްއެވެ. ސެލްޓިކްއިން މެޗުގައި ޖެހި ތިން ވަނަ ލަނޑު ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ކުޅެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ސްކޮޓް ސިންކްލެއާއެވެ.

މި ގްރޫޕުގެ އެއްވަނައިގައި 6 ޕޮއިންޓާއެކު ޕީއެސްޖީ އޮތްއިރު ތިން ޕޮއިންޓް ލިބި ލަނޑުގެ ތަފާތުން ދެވަނަ ލިބެނީ ބަޔާން މިއުނިކްއަށެވެ. އަދި ތިންވަނައިގައި ސެލްޓިކް އޮތް އިރު ތާވަލުގެ ފުލުގައި އޮތީ އަންޑަލެކްޓްއެވެ.

- ކޮމެންޓް