ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި ވާދަކުރާ ދެ ޓީމު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި އެފްސީ ބާސެލް ކުޅުނު މެޗުތަކުން އެ ދެ ޓީމު ވެސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެއެވެ.
ބުދަ ދުވަހުގެ ރޭ ރަށުން ބޭރުގައި ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވެފައި ވަނީ ރަޝިއާގެ ސީއެސްކޭއޭ މޮސްކޯއާ ވާދަކޮށް 4-1 ގެ ނަތިޖާއަކުންނެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފާފައި ވަނީ މެންޗެސްޓާ ޔުނައިޓެޑުންނެވެ.
ޔުނައިޓެޑުން ވަނީ ފުރަތަމަ ހާފުގައި ތިން ލަނޑު ޖަހާފައެވެ. އެގޮތުން އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 4 ވަނަ މިނިޓުގައި އެންތަނީ މާޝިއާލްގެ އެހީތެރި ކަމާއެކު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫއެވެ. ޔުނައިޓެޑުން އެ ޓީމުގެ ލީޑު މެޗުގެ 19 ވަނަ މިނިޓުގައި ފުޅާކުރީ ހެންރިކް މިހްތަރިޔާންއަށް ސްޕާޓަކްގެ އޭރިއާ ތެރެއިން ފައުލް ކުރުމާއި ވިދިގެން ރެފްރީ އެ ޓީމަށް ދިން ޕެނަލްޓީ އެންތަނީ މާޝިއާލް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. އަދި އޭގެ އަށް މިނިޓު ފަހުން ހަމަ މާޝިއާލްގެ އެހީތެރި ކަމާއެކު ލުކާކޫ ވަނީ ލަނޑެއް ކާމިޔަބުކޮށްދި ޔުނައިޓެޑްގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ.
ފުރަތަމަ ހާފުގައި ސީއެސްކޭއޭއިން ފޮނުވާލި ގިނަ ހަމާލަތަކުގެ ހުރަހަކަށް ވެފައިވަނީ ޔުނައިޓެޑްގެ ކީޕަރު ޑެހެއާއެވެ. މި ހާފު ނިމިފައިވަނީ 3-0 ގެ ނަތީޖާއަކުން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
9 - Romelu Lukaku has now scored nine goals in nine appearances for Manchester United in all competitions. Cloud. pic.twitter.com/m7XMkzzXm9
— OptaJoe (@OptaJoe) September 27, 2017
ދެވަނަ ހާފު ފެށިގެން ސީއެސްކޭއޭއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ޑިފެންސް ވަރުގަދަ ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މި ހާފުގައި ޔުނައިޓެޑަށް ހަމާލާ އުފެއްދުނު ނިސްބަތް ވަރަށް ބޮޑަށް މަދުވެގެން ދިޔައެވެ. އެހެނަސް ޔުނައިޓެޑްއިން ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު މެޗުގެ 57 މިނިޓުގައި ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު މާޝިއާލްގެ އެހީތެރި ކަމާއެކެ މިހްތަރިޔާންއެވެ. ސީއެސްކޭއޭއަށް ނަތީޖާގެ ފަރަގު ކުޑަވެގެންދިޔައީ 90 ވަނަ މިނިޓުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ކޮންސްޓަންޓިން ކުޝަޔޭވް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި ގްރޫޕުގެ ދެވަނަ މެޗުގައި ސުވިޒަލޭންޑުގެ އެފްސީ ބަސެލްއިން ވަނީ އަމިއްލަ ދަނޑުގައި 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޕޯޗުގަލްގެ ބެނެފީކާ ބަލިކޮށްފައެވެ.
ބަސެލްއިން މެޗުގެ ލީޑު ނެގީ 2 ވަނަ މިނިޓުގައެވެ. އެގޮތުން މި ލަނޑު އެ ޓީމަށް މިޝެލް ލެންގް ޖަހައިދިން އިރު ބަސެލްގެ ދެވަނަ ލަނޑު މެޗުގެ 20 ވަނަ މިނިޓުގައި ޑިމިޓްރީ އޮބާލިން ކާމިޔާބުކޮށްދިން އިރު ފުރަތަމަ ހާފު ނިމުނީ 2-0 ގެ ނަތީޖާއަކުން ބަސެލް ކުރީގަ އޮވެގެންނެވެ.
ބަސެލްއިން މެޗުގެ ލީޑު އިތުރަށް ފުޅާކުރީ މެޗުގެ މެޗުގެ 60 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ރިކީ ވެން ވޮލްފްސްވިންކެލްއެވެ. އޭގޭ ދެ މިނިޓު ފަހުން ސްޕޯޓިންގެ ކުޅުންތެރިޔަކަށް ރަތް ކާޑު ދައްކާފައިވާއިރު ޑިމިޓްރީ އޮބާލިން ވަނީ 69 މިނިޓުގައި ލަނޑެއް ޖަހާ އެ ޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. އަދި ބަސެލްއިން ޖެހި ފަސްވަނަ ލަނޑު މެޗުގެ 76 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްލަސް ރިވެއިރޯސްއެވެ.
މި ގްރޫޕްގެ އެއްވަނައިގައި 6 ޕޮއިންޓާއެކު ޔުނައިޓެޑް އޮތްއިރު ލަނޑުގެ ތަފާތުން ދެވަނަ ލިބެނީ ބަސެލްއަށެވެ. އަދި ތިން ޕޮއިންޓް ލިބި ލަނޑުގެ ތަފާތުން ތިންވަނަ ލިބެނީ ސީއެސްކޭއޭ މޮސްކޯއަށެވެ. އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައި އޮތީ ބެނެފީކާއެވެ.