ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ޔިންގްލަކް ޝިނަވަޓްގެ މައްޗަށް ކޮށްފައިވާ އިޙުމާލުވިކަމުގެ ކުށް ސާބިތުވި ކަމަށް ކަނޑައަޅައި، އެކަމަނާ ފަސް އަހަރަށް ޖަލަށް ލުމަށް ތައިލެންޑްގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
ޔިންގްލަކްގެ ވެރިކަމުގައި ތައިލެންޑްގެ އިރުއުތުރުގެ ސަރަޙައްދުގައި ހަނޑޫ ހައްދާ ރަށްފުށުގެ ދަނޑުވެރިންނަށް ސަބްސިޑީ ދިނުމުގައި އިޙްމާލުވި ކަމަށް ބުނެ ކުރި ދައުވާގެ ޝަރީޢަތަށް އެކަމަނާ ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ.
އެކަމަނާގެ ޣައިރު ހާޒިރުގައި ހުކުމް އިއްވަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ވަނީ، އެކަމަނާގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސް ނުކުރުމަށް ކޯޓުގެ ހުރިހާ ފަނޑިޔާރުން އިއްތިފާޤުވެފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، ޤައުމުން ބޭރުގައި ފިއްލަވައިގެން އުޅުއްވާ ޔިންގްލަކްގެ ޖަލު ހުކުމް ތަންފީޒު ކުރެވޭނެ ކަމަކަށް ނުބެލެވެއެވެ.
އެކުށަށް ކަނޑައެޅިފައިވާ އެންމެ ބޮޑު ހުކުމަކީ 10 އަހަރަށް ޖަލަށް ލުމެވެ. އެކަމަނާ 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރާނެ ކަމަށް ބެލެވުނު ނަމަވެސް، ހަތަރު ގަޑިއިރަށް ދެމިގެންދިޔަ ޝަރީޢަތުގެ އަޑުއެހުމުގައި އެކަމަނާ އަށް އިއްވި ޖަލު ހުކުމުގެ މުއްދަތު ކުޑަކުރި ސަބަބެއް ސާފުވެފައެއް ނުވެއެވެ. ރިޕޯޓްތައް ބުނާ ގޮތުން، އެކަމަނާގެ ޖަލު ހުކުމުގެ މުއްދަތު ކުޑަވެފައި ވަނީ، އެސްކީމުގެ ތެރެއިން ހިންގި ކަމަށް ބުނާ ކޮރަޕްޝަންގެ އަމަލުތަކުގެ ތެރެއިން ސީދާ އެކަމަނާ އަށް ފައިދާއެއް ވެފައިވާކަން ސާބިތުނުވާތީ އެވެ.
އެކަމަނާގެ މައްޗަށް ކުރި ދައުވާގައި ހުކުމް އިއްވުމަށް ފުރަތަމަ ތާވަލް ކުރީ މިދިޔަ އޯގަސްޓް މަހު 25 ވަނަ ދުވަހަށެވެ. އެހެންނަމަވެސް އޯގަސްޓް މަހު ބާއްވަން ނިންމި އަޑުއެހުމުގެ ކުރިން، ސިއްރިއްޔާތުގައި ޤައުމުން ބޭރަށް ވަޑައިގެންނެވުމަށް ފަހު، އެކަމަނާ ދިރިއުޅުއް ވަނީ ފިއްލަވައިގެންނެވެ. ޔިންގްލަކް ދިރިއުޅުއްވާ ތަނުގެ މަޢުލޫމާތު ލިބިފައިނުވާ ކަމަށް އެކަމަނާ ނިސްބަތްވާ ޕިއު ތައި ޕާޓީން ވެސް ބުނެއެވެ.
އެހެންނަމަވެސް ޔިންގްލަކް ފިއްލަވައިގެން ދުބާއީ އަށް ވަޑައިގެންނެވި ކަމަށް ރޮއިޓަރސް ނިއުސް އޭޖެންސީން މިދިޔަ މަހު ރިޕޯޓްކޮށްފައި ވެއެވެ. ޔިންގްލަކްގެ ބޭބެ އަދި ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްގެ މައްޗަށް ކުރި ކޮރަޕްޝަންގެ ދަޢުވާ ސާބިތުވެ، 2008 ވަނަ އަހަރު އިއްވި ޖަލު ހުކުމުގެ ފަހުން ތަކްސިން ވެސް ދިރިއުޅުއް ވަނީ އަމިއްލައަށް އަރުވާލެވިގެން ދުބާއީގައެވެ.
ޔިންގްލަކް ދިރިއުޅުއްވާ ތަނެއް ކަށަވަރުވެފައި ނުވި ނަމަވެސް، ތައިލެންޑްގެ އަސްކަރީ ލީޑަރ ޕްރަޔޫތު ޗަން-އޯކާ އަންގާރަ ދުވަހު ވަނީ، ޔިންގްލަކް ދިރިއުޅުއްވާ ތަނެއް އެނގިވަޑައިގަންނަވާ ކަމަށާއި، އެކަމަނާގެ މައްޗަށް ކުރާ ޝަރީޢަތުގައި ހުކުމް އިއްވުމުގެ ކުރިން އެމަޢުލޫމާތު ހާމަނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އަސްކަރީ ބަޣާވާތެއްގައި 2014ވަނަ އަހަރުގެ މެއި މަހު ޔިންގްލަކްގެ ސަރުކާރު ވައްޓާލި ޕްރަޔޫތު، މިހަފްތާގައި ބޭއްވި ކެބިނެޓް ބައްދަލުވުމަށް ފަހު ވާހަކަ ދައްކަވަމުން ވިދާޅުވީ، ޔިންގްލަކް ދިރިއުޅުއްވާ ތަނެއް ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު ހާމަކުރައްވާނެ ކަމަށާއި، ޔިންގްލަކް އެހެން ޤައުމެއްގެ ހިމާޔަތް ހޯއްދަވާފައިނުވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
ޤައުމުން ބޭރަށް ވަޑައިގެންނެވުމުގެ ކުރިން ޔިންގްލަކް ވަނީ އެކަމަނާގެ މައްޗަށް ކުރާ ތުހުމަތަށް އިންކާރު ކުރައްވާފަ އެވެ. ޔިންގްލަކްގެ މައްޗަށް ކުރި ޝަރީޢަތުގެ އަޑުއެހުންތަކުގައި އެކަމަނާ ވަނީ، ދަނޑުވެރިންނަށް ދޫކުރި ސަބްސިޑީ ސްކީމްގެ ކަންތައް ދުވަހުން ދުވަހަށް ބައްލަވައި ހިންގެވުމަކީ އެކަމަނާގެ ޒިންމާއެއް ނޫން ކަމަށް ވިދާޅުވެ، އެކަމަނާގެ މައްޗަށް ކުރަނީ ސިޔާސީ ދައުވާއެއް ކަމަށް ތުހުމަތު ކުރައްވާފައެވެ.
ޔިންގްލަކްގެ މައްޗަށް ދައުވާ ކޮށްފައިވަނީ އެކަމަނާގެ ސަރުކާރުން ތައިލެންޑްގެ ހަނޑުލުގެ ދަނޑުވެރިންނަށް ސަބްސިޑީ ދިނުމުގެ ގޮތުން، ބާޒާރު އަގަށްވުރެ ދެގުނަ ބޮޑު އަގެއްގައި ދަނޑުވެރިންގެ އަތުން ހަނޑޫ ގަތުމުގެ މައްސަލާގައެވެ. މިސްކީމަކީ 2011ވަނަ އަހަރުގެ އިންތިޚާބުގެ ތެރޭގައި އެޤައުމުގެ ރަށްފުށުގެ ދަނޑުވެރިން ފަޤީރުކަމުން އަރައިގަތުމަށް ތަޢާރަފް ކުރުމަށް އެކަމަނާ ވީ ވަޢުދެކެވެ. މިސްކީމާ ގުޅިގެން ތައިލެންޑްގެ ހަނޑުލުގެ އެކްސްޕޯޓް ދަށަށް ގޮސްފައި ވެއެވެ. އަދި އެކަމުގެ ސަބަބުން އަށް ބިލިއަން ޑޮލަރު ގެއްލުން ވެފައިވާ ކަމަށް ތައިލެންޑްގެ އަސްކަރީ ސަރުކާރުން ލަފާ ކުރެއެވެ.
މިސްކީމާ ގުޅިގެން ތައިލެންޑްގެ ފަޤީރު އަވަށްތަކުން ޔިންގްލަކްގެ ތާޢީދު އިތުރުވި ނަމަވެސް، މިއީ ޚަރަދު ބޮޑު ސްކީމެއް ކަމަށާއި، ސްކީމް އެކުލަވާލާފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވެއެވެ.