ކ. މާލެ
|
27 ސެޕްޓެންބަރ 2017 | ބުދަ 18:35
މައިލޯ ކަލާސް އެވޯޑް ހޯދި ރަފާއާ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް އެވޯޑް ހަވާލުކުރައްވަނީ
މައިލޯ ކަލާސް އެވޯޑް ހޯދި ރަފާއާ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް އެވޯޑް ހަވާލުކުރައްވަނީ
މުހައްމަދު ޝަރުހާން
މައިލޯ ކަލާސް އެވޯޑް
މައިލޯ ކަލާސް އެވޯޑު މިފަހަރު ޒުވާން ޓީޓީ ކުޅުންތެރިޔާ ރަފާއަށް
19 ދަރިވަރަކު ވަނީ ހާއްސަ އެވޯޑް ހާސިލްކޮށްފައި

ސްކޫލް ދަރިވަރުން ކުޅިވަރުގައި ހޯދާ ކާމިޔާބީތައް އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ދޭ މައިލޯ ކަލާސް އެވޯޑް މިފަހަރު އުމުރުން 14 އަހަރުގެ އައިޝަތު ރަފާ ނާޒިމް ހޯދައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ރަފާއާ އެވޯޑު ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމްއެވެ. ރަފާ ވަނީ ކަލާސް އެވޯޑްގެ އިތުރުން އައުޓްސްޓޭޑިން އެވޯޑް އަދި 14 އަހަރުން ދަށުގެ ވިނާސް އެވޯޑް ވެސް ހޯދާފައެވެ.

ރަފާ ވަނީ މިދިޔަ އަހަރު ކުރިއަށްގެންދިޔަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފައިނަލްގައި ރާއްޖޭގެ އެއް ނަމްބަރު އަންހެން ޓީޓީ ކުޅުންތެރިޔާ މުއީނާ މުހައްމަދާ ވާދަކޮށް ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ޑަބަލްސް އިވެންޓް އަދި މިކްސް ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން ހޯދާފައެވެ.

މީގެ އިތުރުން ރަފާ ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވެސް ކާމިޔާބީތަކެއް ހޯދާފައެވެ. އޭނާއަކީ މިވަގުތު ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާއެވެ. އެގޮތުން މިއަހަރު ކުރިޔަށްދިޔަ އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕްގައި ރަފާ ވަނީ ބަންގްލަދޭޝްގެ ކުޅުންތެރިޔަކު ބަލިކޮށްފައެވެ. މި މޮޅާއެކު ރަފާ ވެގެންގޮސްފައި ވަނީ އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕްގެ ސިންގަލްސް އިވެންޓުގެ މެޗެއް ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މިއަހަރު ބޭއްވި ކަލާސް އެވޯޑްގައި އެކި އުމުރު ފުރާތަކުން ރަނާސް އެވޯޑް އާއި ވިނާސް އެވޯޑް ވަނީ ދީފައެވެ. މީގެއިތުރުން 19 ދަރިވަރަކު ހާއްސަ އެވޯޑު ހާސިލްކުރިއިރު، ހަތަރު ދަރިވަރަކު ވަނީ އައުޓްސްޓޭޑިން އެވޯޑުވެސް ހާސިލްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް