ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފާޑުކިޔާ މީހުންނަށް އޭނާ ރައްދު ދީފިއެވެ.
މި ސީޒަނުގައި ސްޕެނިޝް ލަލީގާގައި ރޮނާލްޑޯއަށް ލަނޑު ޖެހިފައި ނުވުމުގެ ސަބަބުން މީޑިއާގައި އޭނާއަށް އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެހެނަސް އޭނާ ވަނީ އަންގާރަ ދުވަހުގެ ރޭ ޔުއެފާ ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑްގެ އަތުން 3-1 ގެ ނަތީޖާއަކުން ރެއާލް މޮޅުވި މެޗުގައި ޑޯޓްމަންގެ ކޮޅަށް ދެ ލަނޑު ޖެހެމަށް ފަހު މި ފާޑު ކިޔުންތަކަށް ހޫނު ރައްދެއް ދީފައެވެ.
އެގޮތުން 32 އަހަރުގެ ރޮނާލްޑޯ މީޑިއާގައި ވާހަކަ ދައްކަމުން ބުނެފައި ވަނީ ކޮންމެ މެޗެއްގައި ވެސް އޭނާގެ ފަރާތުން ގިނަ ލަނޑުތަކެއް ފެނުމަށް މީހުން ބޭނުންވާ ކަމަށާއި އޭނާއަކީ ގޯލް މެޝިނެއް ކަމަށް މީހުން ހީކުރާ ކަމަށެވެ. އަދި ކޮންމެ މެޗެއްގައި ވެސް އެއް ލެވެލްއެއްގައި ކުޅުން ދައްކަން މީހުން ޑިމާންޑް ކުރާ ކަމަށާއި އެހެނަސް އެއްވެސް ކުޅުންތެރިޔަކަށް އެއް ލެވެލްއެއްގައި ހުރިހާ މެޗެއްގައި ނުކުޅެވޭނެ ކަމަށް ރޮނާލްޑޯ ބުނެފައި ވެއެވެ.
އޭނާއަށް ނުކުޅެވޭ ކަމަށް ބަޔަކު މީހުން ބުނި ކަމުގައި ވިޔަސް ދަނޑުމަތީގައި އަބަދުވެސް އޭނާގެ އެންމެ މޮޅު ކުޅުން ދެއްކުމަށް މަސައްކަތް ކުރާ ކަމަށާއި އޭނާގެ ލަނޑު ރެކޯޑަށް ބަލާލުމުން އެކަން ވަރަށް ރަނގަޅަށް ސާފު ވެގެންދާ ކަމަށް ވެސް ރޮނާލްޑޯ ބުނެފައި ވެއެވެ. އަދި ދުވަހެއް ދުވަހަކަށް އަންނަނީ ފާޑުކިޔުންތައް އިތުރުވަމުން ކަމަށާއި މިގޮތަށް ފާޑުކިޔަނީ އޭނާގެ ކުޅުން ނުބަލާ މީހުން ކަމަށް ވެސް ރޮނާލްޑޯ ބުނެފައި ވެއެވެ. ފާޑުކިޔުންތައް އިތުރުވުމަކީ އޭނާއަށް ލިބޭ ހިތްވަރެއް ކަމަށާއި މިކަމުގެ ސަބަބުން އަދިވެސް ކުރިޔަށް ދާން މަސައްކަތް ކުރާނެ ކަމަށް ވެސް ރޮނާލްޑޯ ބުނެފައި ވެއެވެ.
އަންގާރަ ދުވަހުގެ ރޭގެ މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނެފައި ވަނީ މެޗުން މޮޅުވެވުނީ ކޯޗު ބުނި ގޮތަށް ކުޅުމުން ކަމަށާއި ޑޯޓްމަންޑްގެ އަމިއްލަ ދަނޑުގައި އެ ޓީމުގެ ކޮޅަށް ތިން ލަނޑު ޖެހުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އަދި މެޗުން މޮޅުވެ ތިން ޕޮއިންޓް ކަށަވަރު ވެގެން ދިޔުމަކީ ސީޒަނުގައި އިތުރަށް ކުރިޔަށް ދިއުމަށް ލިބުނު ހިތްވަރެއް ކަމަށް ވެސް ރޮނާލްޑޯ ބުނެފައި ވެއެވެ.
2021 ވަނަ އަހަރާ ހަމަޔަށް ރެއާލްއާ އެކެ ކޮންޓްރެކްޓް ހަދާފައިވާ ރޮނާލްޑޯ ވަނީ ރެއާލްގެ އެއްބަސްވުން އާ ކުރާނެ ކަމުގެ އިޝާރާތެއް ދީފައެވެ. އެގޮތުން އޭނާ ބުނެފައި ވަނީ ރެއާލްގައި އޭނާ މިވަގުތު ހުރީ ވަރަށް އުފަލުން ކަމަށާއި އާ އެއްބަސްވުމެއްގެ ތަފްސީލް އެންމެ ރަނގަޅަށް އެގޭނީ ކްލަބްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްއަށް ކަމަށެވެ.
މެންޗެސްޓާ ޔުނައިޓެޑްއިން 2009 ވަނަ އަހަރު އޭރުގެ ރެކޯޑު ފީއަކަށް ރެއާލްއަށް ބަދަލުވުމަށް ފަހު ރޮނާލްޑޯ އަންނަނީ އެ ޓީމުގައި މުހިންމު ރޯލެއް އަދާކޮށް މޮޅު ކުޅުމެއް ދައްކަމުންނެވެ.