ކ. މާލެ
|
27 ސެޕްޓެންބަރ 2017 | ބުދަ 10:59
ފޭސްބުކްގެ ރަސްމީ ޕޭޖްގެ ސްކްރީންޝޮޓެއް
ފޭސްބުކްގެ ރަސްމީ ޕޭޖްގެ ސްކްރީންޝޮޓެއް
ފޭސްބުކް
ފޭސްބުކް
ރަޝިޔާގައި ފޭސްބުކް މަނާ ކުރާނެ ކަމުގެ އިންޒާރުދީފި
ޤާނޫނަށް ތަބާނުވާނަމަ 2018ވަނަ އަހަރު ފޭސްބުކް މަނާކުރާނެ

ގިނަ ބައެއްގެ މަޤްބޫލްކަން ހޯދާފައިވާ ސޯޝަލް މީޑީއާ ނެޓްވާރކް ފޭސްބުކް، ރަޝިޔާގައި މަނާކުރާނެ ކަމުގެ އިންޒާރު އެޤައުމުން ދީފި އެވެ.

ރަޝިއާގެ މުއާޞަލާތީ ކަންކަމާއިގުޅޭ އިދާރާ، ރަސްކޮމްނަޑްޒަރގެ ވެރިޔާ އެލެކްޒެންޑަރ ޖަރޯވް އާއި ހަވާލާދީ ރަޝިއާގެ ދަޢުލަތުގެ މީޑިއާއިން ބުނީ، އެޤައުމުގައި އަމަލުކުރަމުންދާ އާއްމު މަޢުލޫމާތު ރައްކާކުރުމުގެ ޤާނޫނަށް ތަބާނުވާނަމަ، 2018ވަނަ އަހަރު އެޤައުމުގައި ފޭސްބުކް މަނާކުރާނެ ކަމަށެވެ.

ރަޝިޔާގައި 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އަމަލު ކުރަން ފެށި އާއްމު މަޢުލޫމާތު ރައްކާކުރުމުގެ ޤާނޫނުގެ ދަށުން، އެޤައުމުގައި ވިޔަފާރި ހިންގާ ކުންފުނިތަކުން އެއްކުރާ އެޤައުމުގެ އާއްމުންގެ ޒާތީ މަޢުލޫމާތު، އެޤައުމުގައި ރައްކާކުރަން ޖެހެއެވެ.

ޖަރޯވް ވިދާޅުވީ، ރަޝިއާގައި ޙިދުމަތްދޭ ހުރިހާ ކުންފުނިތަކުންވެސް އެޤާނޫނަށް ޢަމަލުކުރަން ޖެހޭނެ ކަމަށާއި، އެކަމުން ވަކި ކުންފުންޏެއް އިސްތިސްނާ ނުކުރެވޭނެ ކަމަށެވެ. އަދި ޤާނޫނަށް އިޙްތިރާމް ނުކުރާ އެއްވެސް ކުންފުންޏަކަށް ރަޝިއާގައި ވިޔަފާރި ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފޭސްބުކް އާއެކު ރަސްކޮމްނަޑްޒަރ އާދެމެދު ވާހަކަ ދެކެވިފައިނުވާ ކަމަށާއި، އެހެންނަމަވެސް ފޭސްބުކް އިން އެޤާނޫނަށް އަމަލު ކުރުމަށް ދެކޮޅު ހަދާނަމަ ފިޔަވަޅު އަޅާނެ ކަމަށް ޖަރޯވް ވިދާޅުވިއެވެ.

އެޤާނޫނަށް 2018ވަނަ އަހަރުން ފެށިގެން ޢަމަލު ކުރަން ފަށާނެކަން ހާމަކޮށް މަޝްހޫރު ސޯޝަލް މީޑީއާ ނެޓްވާރކް ޓްވިޓަރގެ ސިޓީއެއް ރަސްކޮމްނަޑްޒަރ އަށް ލިބިފައިވާ ކަމަށް ޖަރޯވް ވިދާޅުވި އެވެ. އެހެން ނަމަވެސް މިކަމާއި ގުޅޭގޮތުން ފޭސްބުކް އަދި ޓްވިޓަރ އިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއްނުވެއެވެ.

ރަޝިއާގެ އާއްމުންގެ ޒާތީ މަޢުލޫމާތު ރައްކާކުރުމުގެ ޤާނޫނަށް އަމަލު ނުކުރުމަށް މައިކްރޯސޮފްޓުން ހިންގާ ލިންކްޑްއިން ހާމަކުރުމާއެކު، 2016ވަނަ އަހަރުގެ ނޮވެމްބަރު މަހު ރޮސްކޮމްނަޑްޒޮރ އިން ވަނީ ލިންކްޑްއިން ރަޝިއާގައި މަނާކޮށްފައެވެ.

ރަޝިއާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންގެ ތަރުޖަމާނު ޑިމިތުރީ ޕެޝްކޮވް ވިދާޅުވީ، ފޭސްބުކް އަކީ ރަޝިއާގައި ވިޔަފާރިކޮށް ނަފާހޯދާ ކުންފުންޏެއް ކަމަށާއި، އެހެންކަމުން ރަޝިއާގެ ޤާނޫނުތަކަށް ތަބާވުމަށް އެކުންފުންޏަށް ލާޒިމްވާނެ ކަމަށެވެ.

- ކޮމެންޓް