ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ޔިންގްލަކް ޝިނަވަޓްގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ދަޢުވާގެ ހުކުމް އިއްވުން ބުދަ ދުވަހަށް ތާވަލްކޮށްފި އެވެ.
ފިއްލަވައިގެން ޤައުމުން ބޭރުގައި ދިރިއުޅުއްވަމުން ގެންދަވާ ޔިންގްލަކްގެ މައްޗަށް ހިންގާ ޝަރީޢަތުގައި، ބުދަ ދުވަހު ބާއްވާ ހުކުމް ކުރުމުގެ އަޑުއެހުމަށް އެކަމަނާ ހާޒިރުވެވަޑައި ނުގަންނަވާނެ ކަމަށް ބެލެވެއެވެ.
ޔިންގްލަކް ދިރިއުޅުއްވާ ތަނެއް ކަށަވަރުވެފައިނުވި ނަމަވެސް، ތައިލެންޑްގެ އަސްކަރީ ލީޑަރ ޕްރަޔޫތު ޗަން-އޯކާ އަންގާރަ ދުވަހު ވަނީ، ޔިންގްލަކް ދިރިއުޅުއްވާތަނެއް އެނގިވަޑައިގަންނަވާ ކަމަށާއި، އެހެން ނަމަވެސް އެކަމަނާގެ މައްޗަށް ކުރާ ޝަރީޢަތުގައި ހުކުމް އިއްވުމުގެ ކުރިން އެމަޢުލޫމާތު ހާމަނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އަސްކަރީ ބަޣާވާތެއްގައި 2014ވަނަ އަހަރުގެ މެއި މަހު ޔިންގްލަކްގެ ސަރުކާރު ވައްޓާލި ޕްރަޔޫތު، މިހަފްތާގައި ބޭއްވި ކެބިނެޓް ބައްދަލުވުމަށްފަހު ވާހަކަ ދައްކަވަމުން ވިދާޅުވީ، ޔިންގްލަކް ދިރިއުޅުއްވާ ތަނެއް ސެޕްޓެމްބަރު 27ގެ ފަހުން ހާމަ ކުރައްވާނެ ކަމަށާއި، ޔިންގްލަކް އެހެން ޤައުމެއްގެ ހިމާޔަތް ހޯއްދަވާފައިނުވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
ޔިންގްލަކްގެ މައްޗަށް ކުރާ ދަޢުވާގެ ޝަރީއަތްތައް އޯގަސްޓް މަހުގެ 25 ވަނަ ދުވަހު ފެށިފަހުން، އެކަމަނާ ދިރިއުޅުއްވަނީ ފިއްލަވައިގެންނެވެ. ޔިންގްލަކް ދިރިއުޅުއްވާތަނުގެ މަޢުލޫމާތު ލިބިފައިނުވާ ކަމަށް އެކަމަނާ ނިސްބަތްވާ ޕިއު ތައި ޕާޓީންވެސް ބުނެއެވެ.
ޔިންގްލަކް ފިއްލަވައިގެން ދުބާއީ އަށް ވަޑައިގެންނެވި ކަމަށް ރޮއިޓަރސް ނިއުސް އޭޖެންސީން މިދިޔަ މަހު ރިޕޯޓް ކޮށްފައިވެއެވެ. ޔިންގްލަކްގެ ބޭބެ އަދި ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްގެ މައްޗަށް ކުރި ކޮރަޕްޝަންގެ ދަޢުވާ ސާބިތުވެ، 2008 ވަނަ އަހަރު އިއްވި ޖަލު ހުކުމުގެ ފަހުން ތަކްސިންވެސް ދިރިއުޅުއްވަނީ އަމިއްލައަށް އަރުވާލެވިގެން ދުބާއީގައެވެ.
ޔިންގްލަކް ފިއްލަވައިގެން ޤައުމުން ބޭރަށް ވަޑައިގެންނެވި ގޮތުގެ ތަހުގީގު ތައިލެންޑްގެ ފުލުހުން ދަނީ ކުރަމުންނެވެ. އެގޮތުން ޔިންގްލަކް ފިއްލެވުމުގައި އެކަމަނާ އަށް އެހީތެރިކަން ފޯރުކޮށްދިންކަމަށް އެއްބަސްވި ފުލުހުންގެ ތިން އޮފިސަރަކާއި ފާއިތުވި ހަފްތާގެ ތެރޭގައި ތައި ފުލުހުން ސުވާލުކޮށްފައިވެއެވެ.
ޔިންގްލަކްގެ މައްޗަށް ކޮރަޕްޝަންގެ ދަޢުވާ ކުރަނީ، އެކަމަނާގެ ސަރުކާރުން ތައިލެންޑްގެ ދަނޑުވެރިންގެ އަތުން ބާޒާރު އަގަށްވުރެ ބޮޑު އަގުގައި ހަނޑޫގަތުމަށް އެކުލަވާލި ސިޔާސަތާއި ގުޅިގެންނެވެ. މިކަމުގައި ކޮރަޕްޝަން ގިނަ އަމަލުތަކެއް ހިމެނޭ ކަމަށް ތުހުމަތު ކުރެވިފައިވާއިރު، ޔިންގްލަކްގެ މައްޗަށް ދައުވާ ކުރަނީ އެސިޔާސަތު ތަންފީޒުކޮށް ބެލެހެއްޓެވުމުގައި އިހުމާލުވިކަމަށް ބުނެއެވެ.
ޔިންގްލަކްގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ 10 އަހަރުގެ ޖަލު ހުކުމަކާއެކު ސިޔާސީ ދާއިރާއިން އުމުރަށް ސަސްޕެންޑް ކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.