އުތުރު ކޮރެއާގައި ހައްޔަރު ކުރި އެމެރިކާގެ ޒުވާނާ، އޮއްޓޯ ވޮމްބިއަރ އެ ގައުމުން އެނބުރި އެމެރިކާއަށް ގެންދެވުނު އޮތް ހާލަތު އޭނާގެ އާއިލާއިން ހިއްސާ ކޮށްފިއެވެ.
ފްރެޑް އަދި ސިންޑީ ވޮމްބިއަރ ފޮކްސް ނިއުސްއާ އެމީހުންގެ ރައްޓެހިންގެ ގާތުގައި ބުނެފައިވަނީ އުތުރު ކޮރެއާގެ ރައްޔިތުންނަކީ "ޓެރެރިސްޓުން"ކަމަށާއި އެ މީހުންނަކީ ނިޒާމުގެ ތެރެއިން އެމީހުންގެ ދަރިފުޅަށް އަނިޔާ ކުރި މީހުން ކަމަށެވެ.
އެމެރިކާގެ ދަރިވަރެއްގެ ގޮތުގައި ހުރި ވޮމްބިއަރ ޕިޔޯންގަޔަންގ އިން ހައްޔަރު ކޮށްފައި ވަނީ ހޮޓަލުގެ ސައިން ބޯޑެއް ނެގުމުން 2016 ވަނަ އަހަރުއެވެ.
ސިއްހީ ހާލަތު ހުރިގޮތުން މި އަހަރުގެ ޖޫން މަހު އޭނާ ދޫކޮށްލާފައިވާއިރު އެނބުރި ގައުމަށް ދިޔައިރު އޭނާގެ ހާލު ސީރިއަސްވެ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ މަރުވެފައެވެ.
އުތުރު ކޮރެއާއިން އަބަދުވެސް ދަނީ ވޮމްބިއަރ އާ މެދު ގޯހުން ކަންކަން ކޮށްފައިވާކަމަށް ބުނާ ބުނުން ދޮގުކުރަމުންނެވެ.އެ ގައުމުން ބުނަމުން ދަނީ އޭނާ ޖަލުގައި ހުރިއިރު އޭނާއަށް ބޮޗުލިސަމް(ނާރުތަކަށް ވިހައިގެ އަސަރުކުރުން) ޖެހިފައިވާ ކަމަށެވެ. ނަމަވެސް އެމެރިކާގެ ޑޮކްޓަރުންނަށް އެފަދަ ކަމެއް ފެނިފައެއް ނުވެއެވެ.
ވޮމްބިއަރގެ އާއިލާ އިން ފުރަތަމަ ފަހަރަށް މީޑިއާއަކާ ވާހަކަ ދައްކަމުން ފޮކްސްގައި ބުނެފައި ވަނީ ވޮމްބިއަރ އޮތީ ކޯމާއެއްގައި ކަމަށް އެމެރިކާގެ ޑޮކްޓަރުން ބުނި ނަމަވެސް އެއީ އަދި އިންސާފުވެރި ވާހަކައެއް ނޫން ކަމަށެވެ.
ވޮމްބިއަރގެ އާއިލާއިން ބުނީ އެމީހުންނަށް އޭނާ ފެނުނުއިރު އޮތީ ބޯބާލައިފައިކަމަށާއި އޭނާގެ ލޯ އަނދިރިވެ ކަންފަތް ބީރުވެ ހަތަރެެސްފައި އަނބުރާލާފައިވާ ކަމަށެވެ. އަދި އޭނާގެ ފައިތިލައިގައި ބޮޑު ލަކުނެއް އިން ކަމަށެވެ.
" ފެންނަ ފެނުމަށް އޭނާގެ އަނގައިގެ އެންމެ އެތެރޭގައި އިން ދަތްވެސް އިނީ ނަރުކެނޑިއަކުން ހިފާ ބަދަލުކޮށްލާފަ" ވޮމްބިއަރގެ ބައްޕަ ބުންޏެވެ.
ކިމްއާ އޭނާގެ ސަރުކާރުން އޮއްޓޯއަށް އޮތީ ނިޒާމުގެ ތެރެއިން ގަސްތުގައި އަނިޔާކޮށްފައި". "މިއީ އެކްސިޑެންޓެއް ނޫން" އޭނާ ބުންޏެވެ.
ވޮމްބިއަރގެ ބައްޕަ ބުނީ އޭނާގެ ދަރިފުޅު އުތުރު ކޮރެއާއިން އަނބުރާ ގައުމަށް ފޮނުވާލީ އެ ގައުމުގެ ފަސްގަނޑުގައި އޭނާ މަރުވާން އެ ގައުމުން ބޭނުން ނުވުމުންނެވެ.
އާއިލާއިން ވަނީ އޭނާގެ ޕޯސްޓް މޯޓަމް ހެދުމަށް ދެކޮޅު ހަދާފައެވެ. އާއިލާއިން ބުނީ އެހާތަނަށް އޭނާއަށް ދީފައިވާ އަނިޔާ ފުދޭ ކަމަށާ އިތުރަށް އެމީހުންގެ ލޯމަތިން އޭނާ ގެއްލެން ދެން ބޭނުން ނުވީކަމަށެވެ.
އެ އާއިލާއިންވަނީ އުތުރު ކޮރެއާއަށް މީހުން ނުދިއުމަށް ގޮވާލާފައެވެ.