ކ. މާލެ
|
27 ސެޕްޓެންބަރ 2017 | ބުދަ 09:17
މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ފެތުންތެރިން
މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ފެތުންތެރިން
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ސްވިމިންގ
ރާއްޖޭގެ ފެތުންތެރިން ގައުމީ 6 ރިކޯޑެއް އާކޮށްފި
މި މުބާރާތުގެ ރާއްޖޭގެ ފެތުންތެރިންވަނީ  ގިނަ ޤައުމީ ރެކޯރޑްތަކެއް ތަފާތުބޮޑު ނަތީޖާއަކުން އާކޮށްފަ
ފެތުންތެރިންގެ ފަރާތުން ބޮޑެތި ކުރިއެރުންތަކެއް ވަނީ ފެނިގެންގޮސްފަ

ތުރުކަމިނިސްތާނުގައި ހިނގަމުންދާ 5 ވަނަ އޭޝިއަން އިންޑޯރ އެންޑް މާޝަލް އާރޓްސް ގޭމްސްގައި ދިވެހި ފެތުންތެރިން ޤައުމީ 6 ރެކޯޑެއް އާކޮށްފިއެވެ.

ސްވިމިން އެސޯސިއޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތުގެ ރާއްޖޭގެ ފެތުންތެރިން ވަނީ ގިނަ ޤައުމީ ރެކޯރޑްތަކެއް ތަފާތުބޮޑު ނަތީޖާއަކުން އާކޮށް، ބޮޑެތި ކުރިއެރުންތައް ހޯދާފައެވެ.

އެގޮތުން ފިރިހެންނުންގެ 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ޤައުމީ ރެކޯރޑް މުބާލް އައްޒާމް އިބްރާޙީމް އާކޮށްފައި ވަނީ 02:35.51 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓްގެ ޤައުމީ ރެކޯރޑް ކުރިން އޮންނަނީ މުޙައްމަދު ރާއިދު ޢަލީ އަތުގައެވެ.

ފިރިހެންނުންގެ 100 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ޤައުމީ ރެކޯރޑް މުބާލް އައްޒާމް އިބްރާޙީމް އައުކޮށްފައި ވަނީ 01:10.13 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓްގެ ޤައުމީ ރެކޯރޑް ކުރިން އޮންނަނީ މުޙައްމަދު މުޢުތަސިމް އަދުނާނު އަތުގައެވެ.  އޭނާ މި ރިކޯޑު ގާއިމުކުރީ 2014 ވަނައަހަރު ދޯހާގައި ބޭއްވުނު 12 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްގައެވެ.

އަންހެނުންގެ 100 މީޓަރ ބްރެސްޓް ސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް އައިޝަތު ސާޖިނާ އައުކޮށްފައި ވަނީ 01:27.53 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. މި ރިކޯޑު ކުރިން އޮންނަނީ މަރިޔަމް ނަފްޙާ ޢަލީ އަތުގައެވެ.

ހަމައެހެންމެ އަންހެނުންގެ 50 މީޓަރ ބްރެސްޓް ސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް އައިޝަތު ސާޖިނާ އައުކޮށްފައިވަނީ 00:40.25 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައި ވަނީ 2005 ވަނައަހަރު ތައިލެންޑްގައި ބޭއްވުނު 1 ވަނަ އޭޝިއަން އިންޑޯރ ގޭމްސްގައި މަރިޔަމް ނަފްޙާ ޢަލީއެވެ.

އަންހެނުންގެ 50 މީޓަރ ބެކްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް އައިޝަތު ސައުސަން އައުކޮށްފައި ވަނީ  00:34.02  އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. މި ރިކޯޑު ކުރިން އޮންނަނީ ވެސް ސައުސަން އަތުގައެވެ. އެއީ 2016 ވަނައަހަރު ކެނެޑާގައި ބޭއްވުނު 13 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި އޭރު އޭނާ ގާއިމްކުރި ރެކޯޑެކެވެ.

ފިރިހެނުންގެ 50 މީޓަރ ބެކް ސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް އަލީ އިމްމާން އައުކޮށްފައި ވަނީ 00:31.28 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓްގެ ޤައުމީ ރެކޯރޑް ކުރިން އޮތީ ޙަސަން އިނާޔަތު އަތުގައެވެ.

މިމުބާރާތުގައި ރާއްޖެ ތަމްޞީލްކުރާ ފެތުންތެރިންނަކީ މުބާލް އަޢްޒާމް އިބްރާޙީމް، ޢަލީ އިންމާން، ޙަސަން އަޝްރަފް، އައިޝަތު ސައުސަން، އައިޝަތު ސާޖިނާ އަދި އައިމިނަތު ޝަޖަން އެވެ.

 

- ކޮމެންޓް