ކ. މާލެ
|
26 ސެޕްޓެންބަރ 2017 | އަންގާރަ 17:36
ކަވަހާލް އަދި ރޮނާލްޑޯ
ކަވަހާލް އަދި ރޮނާލްޑޯ
ގޫގުލް
ރެއާލް މެޑްރިޑް
ރޮނާލްޑޯގެ ފަރާތުން ގޯލު ފެންނާނެ: ކަވަހާލް
ރޮނާލްޑޯއަށް ލަލީގާގައި އަދި ލަނޑެއް ޖެހިފައެއް ނުވޭ
ކަވަހާލް ބުނެފައިވަނީ ރޮނާލްޑޯގެ ފަރާތުން އަދި ލަނޑު ފެންނާނެ ކަމަށް

ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން އަދި ގޯލު ފެންނާނެ ކަމަށް ރެއާލް މެޑްރިޑްގެ ޑިފެންޑާ ޑެނީ ކަވަހާލް ބުނެފިއެއެވެ.

މި ސީޒަނުގައި ރޮނާލްޑޯގެ ފަރާތުން އަދި ލަނޑުތަކެއް ފެނިފައި ނުވިޔަސް ކުރިއަށްހުރި މެޗުތަކުގައި އޭނާގެ ފަރާތުން ލަނޑުތައް ފެނިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ކަވަހާލް ބުނެފައިވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ރެއާލް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ފަސް މެޗުގެ ސަސްޕެންޝަނެއް ފުރިހަމަ ކުރުމަށްފަހު ރޮނާލްޑޯ ކުޅުމުގެ ތެރެއަށް އެނބުރި އައުމަށްފަހު އޭނާ ކުޅުނު އެއްވެސް މެޗެއްގައި އޭނާ ލަނޑު ޖަހާފައެއް ނުވެއެވެ. މިކަމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުންތަކާ އޭނާ ކުރިމަތިލާން ޖެހިފައިވާއިރު ކަވަހާލް ބުނެފައިވަނީ އެއްވެސް މީހަކު ރޮނާލްޑޯގެ ފަރާތުން ގޯލު ފެންނާނެ ކަމާމެދު ޝައްކު ކޮށްގެން ނުވާނެ ކަމަށާއި އޭނާއަކީ ގޯލް މެޝިނެއް ކަމަށެވެ.

ޗެމްޕިއަންސް ލީގުގައި ރެއާލްއިން އަމިއްލަ ދަނޑުގައި ސައިޕްރަސްގެ އެޕޮއެލް ނިކޯސިއާ ބަލިކުރި މެޗުގައި ރޮނާލްޑޯ ގޯލު ޖެހިއިރު ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ މެޗާ ބެހޭގޮތުން ކަވަހާލް ބުނީ ސީޒަނުގެ ކުރީކޮޅުގައި ޓީމަށް ދިމާވި މައްސަލަތަށް ހައްލުކުރެވިފައިވާ ކަމަށާއި ޑޯޓްމަންޑާ ދެކޮޅަށް ނުކުންނާނީ މޮޅުވާން ކަމަށެވެ. ހަމައެހެންމެ ރެއާލްއަށް ޑޯޓްމަންޑްގެ ދަނޑުގައި މިހާތަނަށް މޮޅު ނުވެވިފައިވާ ކަން ފާހަގަކޮށް ކަވަހާލް ބުނީ އެ ޓީމާ ދެކޮޅަށް ކުޅޭ މެޗަކީ ތާރީހް ބަދަލުކުރަން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށާއި އަދި އެ ފުރުސަތުގެ ބޭނުން ހިފުމަށް ކެތްމަދުވެފައި ހުރިކަމަށެވެ.

ދާދިފަހުން ރެއާލްއާއެކު އެއްބަސްވުން އާކުރި ކަވަހާލް ބުނެފައިވަނީ ރޮނާލްޑޯއާއެކު އެއް ޓީމަކަށް ކުޅެން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އޭނާއަށް ލަނޑު ޖަހަން އެހީތެރިވެދިނުމަކީ މެޗުތެރެއިން ކޮންމެހެން ވެސް ކުރާ ކަމެއް ކަމަށެވެ. އަދި ކަވަހާލް ތަނަވަސްކޮށްދޭ ފުރުސަތުތައް ރޮނާލްޑޯ އަބަދުވެސް ނިންމާ ކަމަށާއި މިކަމުގެ ސަބަބުން އޭނާއާއެކު ކުޅެން ފަސޭހަ ކަމަށްވެސް ކަވަހާލް ބުނެފައިވެއެވެ.

ޑޯޓްމަންޑާ ދެކޮޅަށް ރެއާލްއިން ނުކުންނައިރު އެ ޓީމަށް ވަނީ ލަނޑު ޖެހުމަށް މައްސަލަތަކާއި ކުރިމަތިވެފައެވެ. އެގޮތުން ލަލީގާގައި އެ ޓީމަށް މިހާތަނަށް ޖެހިފައިވަނީ 11 ލަނޑެވެ. އަދި މިދިޔަ ސީޒަނުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ މިހާތަނަށް ގޯލާ އަމާޒުކޮށް 18 ހަމަލާ ފޮނުވާލާފައިވާއިރު އެއްވެސް ލަނޑެއް ޖެހިފައެއްނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް